Roadha Mihaaru
ހާލަތު ގޯސް، ތިން ކުއްޖަކު އޮތީ ވެންޓިލޭޓަރުގައި

ހާލަތު ގޯސް، ތިން ކުއްޖަކު އޮތީ ވެންޓިލޭޓަރުގައި: ޑރ. ފައިސަލް

24 އެޕްރީލް 2021

ކޮވިޑަށް ޕޮޒިޓިވް ވެފައި ހުއްޓާ ވިހެއި ކުދިންގެ ތެރެއިން ތިން ކުއްޖަކު މިހާރު ވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށް ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.

ކޮވިޑަށް ޕޮޒިޓިވް ވެފައި ހުއްޓާ ވިހެއި ކުދިންގެ ތެރެއިން ތިން ކުއްޖަކު މިހާރު ވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށް ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.

އައިޖީއެމްއެޗުގައި މަސައްކަތްކުރައްވާ ޑޮކްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ ތިން ކުދިން ކޮވިޑުން ސަލާމަތް ވެފައިވީ ނަމަވެސް ކޮންޓެކްޓް ވެފައި ވާތީ ފަރުވާދޭން ޖެހިފައި ވަނީ ވަކި ކޮށްގެން، ވަކި ކިއުބިކަލްތަކެއްގައި ކަމަށެވެ.

ކޮވިޑުގެ ބަލީގެ ހާލަތު އަނެއްކާވެސް ރާއްޖޭގައި ގޯސްވާން ފަށާފައިވާކަން ފާހަގަކުރައްވަމުން ޑރ. ފައިސަލް ވިދާޅުވީ، "އެކަށީގެންވާ ވަރަށް ނަރުހުން، މެޝިން، އެއްޗެހި ނެތް" ކަމަށެވެ.

ރާއްޖޭގައި ކޮވިޑް ކޭސްތައް ކުއްލިއަކަށް އިތުރުވާން ފަށާފައިވާއިރު، މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު 6 އިން އިއްޔެގެ ހަވީރު 6 އަށް އެކަނިވެސް 319 މީހަކަށް ވަނީ އެ ބަލި ޖެހިފަ އެވެ. މިއީ މިހާތަނަށް ރެކޯޑް އަަދަދެކެވެ.

އަދި އިއްޔެގެ ހަވީރު 6 އިން މިއަދު ހަވީރު 6 އަށް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 218 އެވެ. މި ނަމްބަރުތަކުން މިހާތަނަށް އެނގޭ ކަމަކީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަސްތަކަކަށް ފަހު އަނެއްކާ ވެސް 200 އިން މައްޗަށް އަރަން ފަށާފައިވާ ކަމެވެ.

އެކަށީގެންވާ ވަރަށް ނަރުހުން، މެޝިން، އެއްޗެހި ނެތް---ޑރ. ފައިސަލް

މިދިޔަ 24 ގަޑިއިރުގެ ނަމްބަރުތަކަށް ބަލާއިރު، މާލޭ ސަރަހައްދުން ވަނީ 76 މީހަކަށް އަލަށް ކޮވިޑް ޖެހިފަ އެވެ. މީހުން ދިރިއުޅޭ ރަށްރަށުން 135 އަދި ރިސޯޓުތަކުން ހަ މީހަކާއި ސިނާއީ ރަށަކުން އެކަކަށް މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ވަނީ ކޮވިޑް ޖެހިފަ އެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޓެސްޓްކުރި ސާމްޕަލްތަކުގެ އަދަދަކީ 3،375 އެވެ.

ރާއްޖެ އިން މިހާތަނަށް ވަނީ ކޮވިޑް ބަލީގައި 71 މީހަކު މަރުވެފަ އެވެ. އަދި 27،000 އަށް ވުރެ ގިނަ މީހުން މިހާތަނަށް ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވާން ފަށާފައިވީ ނަމަވެސް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އަދި ފިޔަވަޅުތައް ހަރުކައްޓެއް ނުކުރެ އެވެ. މީގެ ކުރިން މި ކަހަލަ ހާލަތުތަކާ ތަފާތުކޮށް، މި ފަހަރު ފެންނަނީ އެ އިދާރާތަކުން ހިމޭނުން ތިބި ތަނެވެ.