Roadha Mihaaru
ސައިފްގެ ބައޮގްރަފީ އަންނަ އަހަރު ނެރެނީ

ސައިފް އަލީ ޚާންގެ ބައޮގްރަފީ އަންނަ އަހަރު ނެރެނީ

26 އޯގަސްޓް 2020

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާންގެ ބައޮގްރަފީ އަންނަ އަހަރު ނެރެން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާންގެ ބައޮގްރަފީ އަންނަ އަހަރު ނެރެން ނިންމައިފި އެވެ.

ބަތަލާ ކަރީނާ ކަޕޫރާ ކައިވެނިކޮށްގެން އުޅޭ 50 އަހަރުގެ އެކްޓަރުގެ ބައޮގްރަފީގެ މަސައްކަތް ފަށާފައިވާކަން މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް ކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ.

އޭނާ ބުނީ ހާޕާ ކޮލިންސް އިންޑިއާގެ ތައްގަނޑުގެ ނެރޭ ސައިފްގެ ބައޮގްރަފީގައި އޭނާގެ ހަޔާތާ ބެހޭ ގިނަ ވާހަކަތަކެއް ހިމެނޭނެ ކަމަށެވެ. އޭގެ ތެރޭގައި ފިލްމީ ކެރިއަރާއި ޒާތީ ދިރިއުޅުމާއި ކާމިޔާބީ އާއި ނާކާމިޔާބީގެ ވާހަކަތައް ހިމެނެ އެވެ.

ބޮލީވުޑްގައި މިހާރު ފިޔަޖަހަން ފަށާފައިވާ ޒުވާން ބަތަލާ ސާރާ އަލީ ޚާންގެ ބައްޕަ ސައިފަކީ އިންޑިއާގެ ބޯޕާލްގެ ޝާހީ އާއިލާއަކަށް ނިސްބަތްވާ ތަރިއެކެވެ. އޭނާގެ ބައްޕަ އަދި ކުރީގެ މަޝްހޫރު ކްރިކެޓް ތަރި މަންސޫރު އަލީ ޚާން ނިސްބަތް ވަނީ ބޯޕާލްގެ ޕަޓޯޑީ އާއިލާއަށެވެ. އެހެންވެ ސައިފްގެ ނަމުގެ ތެރެއަށް ޕަޓޯޑީ އާއި ނަވާބު ވެސް އާދެ އެވެ.

ސައިފަކީ 1960 އާއި 1970 ގެ އަހަރުތަކުގައި ހިންދީ ސިނަމާގައި އެންމެ ވިދި އެއް ބަތަލާ ކަމަށްވާ ޝަރުމީލާ ޓެގޯރްގެ ދަރިއެކެވެ. ސައިފަކީ ޝަރުމީލާ އާއި މަންސޫރަށް ލިބުނު ތިން ކުދިންގެ ތެރެއިން ހަމައެކަނި ފިރިހެން ދަރި ވެސް މެ އެވެ.

ސައިފް އެންމެ ފުރަތަމަ ކައިވެނިކުރީ ބަތަލާ އަމްރިތާ ސިންގްއާ އެވެ. އެ ކައިވެންޏަށް ލިބުނީ ސާރާ، 25، އާއި އިބްރާހީމް، 19، އެވެ. ކަރީނާ އާއި ސައިފް ކައިވެނުކުރީ 2012 ގަ އެވެ. އެ ކައިވެންޏަށް ލިބުނު އަލަތު ދަރިފުޅު ތައިމޫރް އަލީ ޚާނަށް މި އަހަރު ހަތަރު އަހަރު ފުރޭނެ އެވެ. ކަރީނާ މިހާރު އިނީ ދެވަނަ ދަރިއަކަށް ބަލިވެ އެވެ.

ބޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ ސައިފަކީ ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ތަރިއެކެވެ. އެކްޓަރެއްގެ އިތުރުން އޭނާ އަކީ ޕްރޮޑިއުސަރެއް ވެސް މެ އެވެ.

މި އަހަރުގެ ޖެނުއަރީގައި ރިލީޒްކުރި "ޖަވާނި ޖާނެމަން" އަކީ އޭނާގެ ބްލެކް ނައިޓް ފިލްމްސް އިން ގެނެސްދިން ފުރަތަމަ ފިލްމެވެ. ސައިފް ކުރިން ވަނީ އިލޫމިނަތީ ފިލްމްސްގެ ނަމުގައި ވެސް ކުންފުންޏެއް ހަދައި ފިލްމުތަކެއް ގެނެސްދީފަ އެވެ. އޭގެ ތެރޭގައި "ލަވް އާޖް ކަލް" އާއި "ގޯ ގޯއާ ގޯން"، "އޭޖެންޓް ވިނޯދު" އަދި "ކޮކްޓެއިލް" ފަދަ ފިލްމުތައް ހިމެނެ އެވެ.