Roadha Mihaaru
ޝަރުމީލާ ބަލިވެ އުޅޭ ވާހަކަ އަކީ ދޮގެއް

ޝަރުމީލާ ބަލިވެ އުޅޭ ވާހަކަ އަކީ ދޮގެއް

01 ފެބުރުއަރީ 2021

ކުރީގެ މަޝްހޫރު ބަތަލާ ޝަރުމީލާ ޓެގޯރް ވަރަށް ބޮޑަށް ބަލިވެގެން ފަރުވާ ހޯދަމުން އަންނަ ކަމަށް ބުނާ ވާހަކަ އޭނާ ދޮގުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުރީގެ މަޝްހޫރު ބަތަލާ ޝަރުމީލާ ޓެގޯރް ވަރަށް ބޮޑަށް ބަލިވެގެން ފަރުވާ ހޯދަމުން އަންނަ ކަމަށް ބުނާ ވާހަކަ އޭނާ ދޮގުކޮށްފި އެވެ.

ހިންދީ ސިނަމާގައި 60 އާއި 70 ގެ އަހަރުތަކުގައި އެންމެ ވިދައިލި 76 އަހަރުގެ ބަތަލާ ބުނީ އޭނާގެ ސިއްހަތާ ބެހޭ ގޮތުން ދޮގު މައުލޫމާތު ބައެއް މީހުން މީޑިއާތަކުގައި ފަތުރަމުން ދިއުމާ ގުޅިގެން ވަރަށް ގިނަ ރައްޓެހިންނާއި އާއިލާގެ މީސްމީހުން ކަންބޮޑުވެގެން ގުޅަމުން އަންނަ ކަމަށެވެ.

"އެކަމަކު ﷲގެ ރަހުމަތްފުޅުން އަހަރެންގެ ސިއްހީ ހާލަތު ވަރަށް ރަނގަޅު،" އިންޑިއާގެ ކުރީގެ ކްރިކެޓް ލެޖެންޖް މަންސޫރް އަލީ ޚާނާ ކައިވެނިކުރުމުގެ ކުރިން އިސްލާމް ދީން ގަބޫލުކުރި ބަތަލާ ބުންޏެވެ.

ޝަރުމީލާ އަކީ އެކްޓަރު ސައިފް އަލީ ޚާންގެ މަންމަ އެވެ. އަދި ސާރާ އަލީ ޚާންގެ މާމަ އެވެ.

މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ޝަރުމީލާ ބުނީ އުމުރުން މިހާރު 76 އަހަރު ވިޔަސް އޭނާގެ ސިއްހަތާ މެދު ކަންބޮޑުވާން ޖެހޭ ވަރުގެ އެއްވެސް ކަމެއް ނެތް ކަމަށެވެ. އަދި އަބަދު ވެސް އާދަކޮށް ކުރާ ކަންކަން މިހާރު ވެސް ގަވައިދުން ކުރަމުން އަންނަ ކަމަށް ބުންޏެވެ.

"އަހަރެން މިހާރު އެންމެ އާންމުކޮށް ކުރާ ކަންކަމަކީ ފޮތް ކިޔުމާއި ބަގީޗާ ހެއްދުމާއި އިޖުތިމާއީ އެކި ކަންކަމުގައި ވެސް ބައިވެރިވުން،" ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ބަތަލާ ބުންޏެވެ. "އަދި ހަމަ ކުރިއެކޭ އެއްގޮތަށް އާއިލީ ޒިންމާތައް ވެސް ނަގަމުން އަންނަ މީހެއް އަހަންނަކީ. އެހެންވީމާ ފޫހިވެގެން ހުންނާނެ ވަގުތެއް ވެސް ނެތް. އާއިލާގެ ސަޕޯޓް ވެސް ހުރިހާ ކަމެއްގައި ވެސް އަހަންނަށް އަބަދު ލިބޭ."

އުމުރުން އެންމެ 14 އަހަރުގައި އެކްޓިން އަށް ނުކުމެ ފަހުން ކުޅުނު ފިލްމުތަކުން ދެ ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ޝަރުމީލާ ބުނިގޮތުގައި މިދިޔަ އަހަރުގެ ލޮކްޑައުން އަކީ އޭނާ ވަރަށް ހާއްސަ ކަމެއް ކުރަން ލިބުނު ވަގުތުކޮޅެކެވެ. އެގޮތުން ކެރިއަރުގައި ކުޅުނު ގާތްގަނޑަށް ހުރިހާ ފިލްމުތަކެއްހެން ލޮކްޑައުންގެ ތެރޭގައި ބެލުނު ކަމަށް ބުންޏެވެ.

"އަހަރެންގެ އެންމެ ފެވަރިޓް ފިލްމަކީ އުމުރުން ސާދަ އަހަރުގައި ކުޅުނު ދޭވީ،" އިންޑިއާގެ ފިލްމު ސެންސަރު ބޯޑް (ސީބީއެފްސީ) ގެ ޗެއާމަންގެ މަގާމު ވެސް އަދާކުރި ޝަރުމީލާ ބުންޏެވެ. "އެ ފިލްމަކީ އަހަރެންގެ ހަޔާތް ބަދަލުކޮށްލި ފިލްމު ވެސް މެ."