Roadha Mihaaru
ނިޒާމީ ވޯޓު އޮޅުވައެެއް ނުލާ: މުއިއްޒު

ވެރިކަމުގެ ނިޒާމު ކަނޑައެޅި ވޯޓު އޮޅުވައެއް ނުލާ: މުއިއްޒު

25 އޯގަސްޓް 2020

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޮޅުވާނުލައި މިހާތަނަށް ބޭއްވީ 2008 ގެ ރިޔާސީ އިންތިޚާބު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިޔަސް އޭގެ ކުރިން ބޭއްވި ވެރިކަމުގެ ނިޒާމު ކަނޑައެޅުމުގެ ވޯޓުގައި ވެސް އޮޅުވާލާފައި ނުވާނެ ކަމަށް އެ ވޯޓުގެ ކަންކަން ރައްޔިތުންގެ ޚާއްސަ މަޖިލިހުން ބެލި ކޮމިޓީގެ މެމްބަރު އަދި ގާނޫނީ ވަކީލު އަހުމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޮޅުވާނުލައި މިހާތަނަށް ބޭއްވީ 2008 ގެ ރިޔާސީ އިންތިޚާބު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިޔަސް އޭގެ ކުރިން ބޭއްވި ވެރިކަމުގެ ނިޒާމު ކަނޑައެޅުމުގެ ވޯޓުގައި ވެސް އޮޅުވާލާފައި ނުވާނެ ކަމަށް އެ ވޯޓުގެ ކަންކަން ރައްޔިތުންގެ ޚާއްސަ މަޖިލިހުން ބެލި ކޮމިޓީގެ މެމްބަރު އަދި ގާނޫނީ ވަކީލު އަހުމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ ރާއްޖޭގައި ވެރިކަން ކުރާނީ ރިޔާސީ ނިޒާމަކުން ކަމަށް ރައްޔިތުންގެ ވޯޓަކުން 2007 ގައި ކަނޑައަޅާފައި ވިޔަސް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ގާނޫނުއަސާސީ އަށް ހުށަހެޅުއްވި އިސްލާހާ ގުޅިގެން ރިޔާސީ ނިޒާމު ދިފާއުކުރައްވައި މައުމޫން ކުރެއްވި ޓުވީޓަށް ނަޝީދު ހޫނު ރައްދެއް ދެއްވުމުންނެވެ.

ނަޝީދު ވިދާޅުވީ މައުމޫންގެ ހަޔާތްޕުޅުގައި ބޭއްވި ކޮންމެ އިންތިޚާބެއްގައި ވެސް އޮޅުވާލައްވައި މަކަރު ހެދި ކަމަށެވެ. ވެރިކަމުގެ ނިޒާމު ކަނޑައެޅުމުގެ ވޯޓު ވެސް ކަނޑައެޅިގެން އޮޅުވައިލެއްވި ކަމަށާއި މައުމޫންގެ ވެރިކަމުގައި މަކަރު ނުހެދުނީ 2008ގެ ރިޔާސީ އިންތިޚާބުގައި ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ އެ ވާހަކަފުޅާ ގުޅިގެން މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވަނީ ވެރިކަމުގެ ނިޒާމު ކަނޑައެޅުމުގެ ވޯޓުގެ ހާމަކަން ވިދާޅުވެ ދެއްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ ވޯޓު ގުނީ އޭގެ ކުރިން ބޭއްވި އިންތިހާބުތަކާ ހިލާފަށް ވޯޓު ފޮށިތައް މާލެ ނުގެނެސް ވޯޓުލީ މަރުކަޒުތަކުގަ އެވެ. އެއީ އެގޮތަށް ރާއްޖޭގައި ނެގި ފުރަތަމަ ވޯޓު ކަމަށް ވެސް ވިދާޅުވި އެވެ.

ނަޝީދުގެ ވާހަކަތަަކަށް މުއިއްޒު ދެއްވި ރައްދު

"އެ ވޯޓު ނެގުމުގެ މަސައްކަތުގައި ޚާއްސަ މަޖިލީހުން އެކުލަވާލި ކޮމިޓީއެއްގެ މެމްބަރެއްގެ ގޮތުން އަޅުގަނޑު މަސައްކަތް ކުރިން. ވޯޓު އޮޅުވައެއް ނުލާ،" ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުއިއްޒު ވިދާޅުވި އެވެ.

މައުމޫންގެ ވެރިކަމުގައި ބޭއްވި ހުރިހާ އިންތިޚާބެއްގައި ވެސް ވޯޓު ގުނީ ވޯޓު ފޮށިތައް މާލެ ގެނެސްގެންނެވެ. އެއީ ވޯޓު އޮޅުވާލަން ލިބޭ ފުރުސަތެއް ކަމަށް، އޭރުގެ އާންމުން ވެސް ދެކެ އެވެ. އެކަމަކު ވޯޓު ލާ މަރުކަޒުތަކުގައި އާންމުކޮށް ފެންނާނެ ގޮތަށް ވޯޓު ގުނުމުގެ އިންތިޒާމް ނިޒާމީ ވޯޓުގައި އޮތީ ހަމަޖައްސައިފަ އެވެ.

އެފަހަރުގެ ވޯޓުގައި ރިޔާސީ ނިޒާމަކުން ވެރިކަން ކުރަން ފާސްވީ، 62.4 ޕަސެންޓުންނެވެ. ބަރުލަމާނީ ނިޒާމަށް ލިބުނީ 37.96 ވޯޓެވެ. ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް ކެމްޕޭން ކުރީ ވެސް ހަމައެކަނި އެމްޑީޕީންނެވެ. ރާއްޖޭގެ އެހެން ހުރިހާ ޕާޓީތަކުން ގުޅިގެން މަސައްކަތްކުރީ ރިޔާސީ ނިޒާމަށް ސަޕޯޓް ހޯދާށެވެ.

އެކަމަކު ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ ހިޔާލު ނަޝީދު ދޫކޮށެއް ނުލައްވަ އެވެ. އެހެންވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ މެދުތެރެއިން، ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލުކުރަން ނަޝީދު މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ބައެއް މީހުން ތުހުމަތުކުރެ އެވެ. ޖާބިރުގެ ހުށަހެޅުއްވުމުގެ ފަހަތުގައި ވެސް އޮތީ އެ ނިޔަތް ކަމަށް، ސިޔާސީ ބައެއް މީހުން ދެކެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ މާޗު މަހު ވިދާޅުވެފައި ވަނީ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ވިސްނަވަން އެ މަނިކުފާނަށް ވަގުތެއް ނެތް ކަމަށެވެ. ހުރިހާ ވަގުތެއް ހުސްކުރައްވަން ބޭނުންފުޅު ވަނީ ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތައް ފުއްދަވަން ކަމަށް ވެސް ވިދާޅުވި އެވެ.