Roadha Mihaaru
ކޮވިޑުގެ އަސަރު ބޮޑަށްކުރީ މަސްވެރިންނާ އެސްއެމްއީތަކަށް

ކޮވިޑުގެ އަސަރު އެންމެ ބޮޑަށް ކުރީ މަސްވެރިންނާއި ކުދިވިޔަފާރިތަކަށް: ދިރާސާ

25 އޯގަސްޓް 2020

ކޮވިޑް-19ގެ ސަބަބުން އާމްދަނީ އަށް އެންމެ ބޮޑު އަސަރެއް ކުރީ މަސްވެރިންނާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކޮވިޑް-19ގެ ސަބަބުން އާމްދަނީ އަށް އެންމެ ބޮޑު އަސަރެއް ކުރީ މަސްވެރިންނާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ޔޫއެންޑީޕީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ހެދި މި ދިރާސާއިން ދައްކާގޮތުގައި ޖުމްލަކޮށް ހުރިހާ ދާއިރާއެއްގެ ވެސް މުވައްޒަފުންގެ އާމްދަނީއަށް ވަނީ އަސަރުކޮށްފަ އެވެ. މީގެ ތެރޭގައި ކޮވިޑް ފެތުރެން ފެށުމާއެކު އަސަރު ކުރި މީހުންނާއި ހާލަތު ދިގުލައިގެން ދިއުމުން އާމްދަނީއަށް އަސަރު ކުރި މީހުން ހިމެނެ އެވެ.

މި ދިރާސާއިން ދައްކާގޮތުގައި ކޮވިޑް-19އާ ގުޅިގެން އެންމެ ފުރަތަމަ އަސަރު ކުރަން ފެށީ ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށެވެ. އެގޮތުން، އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރަށް ހުށަހަޅާފައިވާ މައްސަލަތަކަށް ބަލައި 2،400 މުވައްޒަފުންނަށް އާމްދަނީގެ އެއްވެސް ޔަގީންކަމެއް ނެތް ކަން ހާމަވާކަމަށް ދިރާސާގައި ވަނީ ފާހަގަކޮށްފަ އެވެ. މީގެ ނަތީޖާއެއްގެ ގޮތުން އެ ދާއިރާގެ މުވައްޒަފުންގެ އާމްދަނީން މަހަކު 30 މިލިއަން ރުފިޔާ ގެއްލޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މީގެ އިތުރުން މުޅި އިގްތިސާދުގެ 68 ޕަސެންޓު މީހުންގެ އާމްދަނީ އެއްކޮށް ހުއްޓިފައި އޮތް އިރު 38 ޕަސެންޓު މީހުންގެ އާމްދަނީ ދަށްވި ކަމަށް ވެސް ޖޮބް ސެންޓަރަށް ހުށަހެޅި މައްސަލަތަކުން އެނގޭ ކަމަށް ދިރާސާގައި ބުނެ އެވެ.

މި ދިރާސާއިން ދައްކާގޮތުގައި ވަޒީފާތަކުގައި އާންމު ގޮތެއްގައި ފެންނަން ހުރީ ރިޑަންޑެންސީ އާއި ވަޒީފާ ނުލިބޭ ގޮތަށް ޗުއްޓީ އަށް ފޮނުވުމާއި މުސާރަ ކުޑަ ކުރުމެވެ. އޭގެތެރެއިން 44 ޕަސެންޓު މީހުންގެ މުސާރަ އާއި އާމްދަނީ އެއްކޮށް ހުއްޓިފައިވާއިރު 24 ޕަސެންޓް މީހުން ވަނީ މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ އަށް ފޮނުވާލައިފަ އެވެ. އަދި 32 ޕަސެންޓް މީހުންގެ މުސާރަ ވަނީ ކުޑަކޮށްފަ އެވެ.

ދިރާސާއާ ގުޅޭގޮތުން އދ. ގެ ތަރައްގީއާ ބެހޭ ރާއްޖޭގެ އޮފީހުގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް އަކީކޯ ފޫޖީ ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން މުސްތަގުބަލުގައި ވަޒީފާގެ ފުރުސަތުތަކުން ޒުވާނުންނާއި އަންހެނުން މަހުރޫމްވިޔަ ނުދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން މި ވަގުތަކީ ނެތް ހުނަރުތައް ހޯދައިދީ، ނޫ އިގްތިސާދު ތަރައްގީ ކުރުމަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިންވެސްޓު ކުރަންވީ ވަގުތު ކަމަށް އޭނާ ވިދާޅުވި އެވެ.