Roadha Mihaaru
އިންޑިއާގެ ވަކީލަކަށް އެއް ރުޕީސްގެ ޖޫރިމަނާއެއް

ޓްވީޓްތަކެއްގެ މައްސަލާގައި އިންޑިއާގެ ވަކީލަކަށް 1 ރުޕީސްގެ ޖޫރިމަނާ

02 ސެޕްޓެމްބަރ 2020

މަތީ ކޯޓުތަކާއި ފަނޑިޔާރުންނާ މެދު ނުބައި ތައްސަވުރެއް އުފެދޭ ގޮތަށް ޓްވީޓްކުރެއްވި ކަމަށް ބުނެ، އަދަބެއްގެ ގޮތުން އިންޑިއާގެ ވަކީކަލު އެއް ރުޕީސް އިން ޖޫރިމަނާކުރަން އެ ގައުމުގެ ސުޕްރީމް ކޯޓުން ހޯމަ ދުވަހު ހުކުމްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަތީ ކޯޓުތަކާއި ފަނޑިޔާރުންނާ މެދު ނުބައި ތައްސަވުރެއް އުފެދޭ ގޮތަށް ޓްވީޓްކުރެއްވި ކަމަށް ބުނެ، އަދަބެއްގެ ގޮތުން އިންޑިއާގެ ވަކީކަލު އެއް ރުޕީސް އިން ޖޫރިމަނާކުރަން އެ ގައުމުގެ ސުޕްރީމް ކޯޓުން ހޯމަ ދުވަހު ހުކުމްކޮށްފި އެވެ.

މި ހުކުމް އިއްވާފައި ވަނީ ކުރިން ސުޕްރީމް ކޯޓާއި ނިއު ދިއްލީ ހައި ކޯޓްގައި ވެސް މަސައްކަތް ކުރައްވާފައިވާ، ގާނޫނީ ދާއިރާގައި 30 އަހަރު ވެފައިވާ ވަކީލު ޕްރަޝާންތު، 63، ގެ މައްޗަށެވެ. ތިން ފަނޑިޔާރުންގެ ބެންޗަކުން ބެއްލެވި މައްސަލާގައި އޭނާގެ މައްޗަށް އިއްވި ހުކުމުގައި ބުނީ ޖޫރިމަނާގެ އެއް ރުޕީސް މި މަހުގެ 15 ކުރިން ދައްކަން ޖެހޭނެ ކަމަށާއި ހުކުމާ އެއްގޮތަށް އަމަލުނުކުރާ ނަމަ ތިން މަސް ދުވަހުގެ ޖަލު ހުކުމަކާ އެކު، ވަކާލާތުކުރުމުގެ ހުއްދަ ތިން މަސް ދުވަހަށް ސަސްޕެންޑްކުރާނެ ކަމަށެވެ.

ޕްރަޝާންތުގެ މައްޗަށް ދައުވާކުރީ ސުޕްރީމް ކޯޓްގެ ފަނޑިޔާރުންތަކަކަށް ރައްދުވާ ގޮތަށް ޖޫން މަހުގެ 27 އާއި 29 ގައި ކުރެއްވި ޓްވީޓްތަކަކާ ގުޅިގެންނެވެ. އޭގެ ތެރެއިން އެއް ޓްވީޓްގައި އިންޑިއާގެ އުއްތަމަފަނޑިޔާރު ޝަރަދު އަރްވިންދު ބޯބްދީ އަގު ބޮޑު ހާލީ ޑޭވިޑްސަން ސައިކަލެއްގެ މަތީގައި ހެލްމެޓް ނާޅުއްވައި އިންނެވި މަންޒަރު ފެންނަ ފޮޓޯއެއް ހިމެނޭ އިރު އަނެއް ޓްވީޓްގައި ފަނޑިޔާރުންގެ ސުލޫކަށް ފާޑު ވިދާޅުވެފައިވެ އެވެ.

މި މައްސަލާގައި އޭނާގެ މައްޗަށް ދައުވާކޮށް ޖޫރިމަނާކުރި އިރު، ކުރެއްވި ޓްވީޓްތަކުގެ މައްސަލާގައި މާފަށް އެދެން ވެސް ކޯޓުން އެންގި އެވެ.

ނަމަވެސް ޕްރަޝާންތު ވަނީ މާފަށް ނޭދެނެ ކަމަށާއި ޓްވީޓްތަކުގައި އޭނާ ފާޅުކުރެއްވި ހިޔާލުތަކުގެ މަތީގައި ދެމިހުންނަނަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ކޯޓުން ކޮންމެ ފަދަ ހުކުމެއް އިއްވިޔަސް އެކަމަކަށް ތަބާވެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ، ހުކުމާ އެކު ޕްރަޝާންތު ވަނީ ޖޫރިމަނާ ވެސް ދައްކަވައިފަ އެވެ. އަދި އެކަމާ ގުޅޭ ފޮޓޯތަކާއި ހުކުމާ ގުޅޭ ގޮތުން ބަޔާނެއް ވެސް ނެރުއްވާފައިވެ އެވެ.