Roadha Mihaaru
ކާބޯތަކެތީގެ އެންގުން އިސްލާހުކުރުވަން އެދި މަޖިލީހަށް

ކާބޯތަކެތީގެ އެންގުން އިސްލާހުކުރުވަން އެދި މަޖިލީހަށް ސިޓީއެއް

01 ސެޕްޓެމްބަރ 2020

ރަޖިސްޓްރީ ނުކޮށް ގޭގައި ކާބޯތަކެތި ތައްޔާރުކޮށްގެން ވިއްކާ މީހުންނާ ދޭތެރޭ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިއްޔެ ނެރުނު އިއުލާނުގައި ބަޔާންކޮށްފައިވާ ގަވާއިދުގައި ހުރީ އެފަދަ މީހުންނަށް ތަބާވެވޭނެ މިންގަނޑުތަކެއް ކަމަށް ނުފެންނާތީ އެ މީހުންނަށް އެކަށޭނަ މިންގަނޑުތަކެއް އެކުލަވާލުމަށް ފަހު މި މަސައްކަތް ރެގިއުލޭޓްކުރާ ގޮތަށް އެޗްޕީއޭގެ ނިންމުން އިސްލާހުކުރުވަން އެދި ފެމިލީ ލީގަލް ކްލިނިކް (އެފްއެލްސީ) އިން ރައްޔިތުންގެ މަޖިލީހަށް މިއަދު ސިޓީއެއް ފޮނުވައިފި އެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

ރަޖިސްޓްރީ ނުކޮށް ގޭގައި ކާބޯތަކެތި ތައްޔާރުކޮށްގެން ވިއްކާ މީހުންނާ ދޭތެރޭ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިއްޔެ ނެރުނު އިއުލާނުގައި ބަޔާންކޮށްފައިވާ ގަވާއިދުގައި ހުރީ އެފަދަ މީހުންނަށް ތަބާވެވޭނެ މިންގަނޑުތަކެއް ކަމަށް ނުފެންނާތީ އެ މީހުންނަށް އެކަށޭނަ މިންގަނޑުތަކެއް އެކުލަވާލުމަށް ފަހު މި މަސައްކަތް ރެގިއުލޭޓްކުރާ ގޮތަށް އެޗްޕީއޭގެ ނިންމުން އިސްލާހުކުރުވަން އެދި ފެމިލީ ލީގަލް ކްލިނިކް (އެފްއެލްސީ) އިން ރައްޔިތުންގެ މަޖިލީހަށް މިއަދު ސިޓީއެއް ފޮނުވައިފި އެވެ.

ހިލޭ ސާބަހަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭ އެ ޖަމްއިއްޔާ އިން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުވި ސިޓީގައި، މި މައްސަލައާ ގުޅިގެން އެޗްޕީއޭ ޖަވާބުދާރީކުރަން ވެސް އެދިފައިވެ އެވެ. އެފްއެލްސީން ބުނީ އެޗްޕީއޭގެ އެންގުމަކީ "އިންސާފުވެރި އަދި ހަމަޖެހޭ ނިންމެއް ނޫން" ކަމަށެވެ.

ކޮވިޑް-19އާ ގުޅިގެން ގިނަ ބައެއްގެ ވަޒީފާ ގެއްލުމުން ނުވަތަ މުސާރަ ނުލިބޭ ގޮތަށް ގެއަށް ފޮނުވާލުމުން ކުރިމަތިވެފައިވާ މާލީ ދަތިކަމުން އަރައިގަތުމަށް ގިނަ އަދަދެއްގެ އާއިލާތަކުން ގޭގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކުމުގެ މަސައްކަތްކުރަމުން ދާއިރު އޭގެ ތެރޭގައި ނިސްބަތުން ގިނަ އަދަދެއްގެ އަންހެނުންނާއި އެކަނިވެރި މައިން ހިމެނޭ ކަމަށާއި އެޗްޕީއޭގެ އެންގުމާ ގުޅިގެން އެފަދަ މީހުންނަށް މަސައްކަތް ހުއްޓާލަން މަޖުބޫރުވެފައިވާތީ ކަންބޮޑުވެ ހިތާމަކުރާ ކަމަށް އެފްއެލްސީގެ ސިޓީގައިވެ އެވެ.

"ކާބޯތަކެތީގެ ޚިދުމަތް ދޭ ކޮންމެ ފަރާތަކުން ވެސް ސާފުތާހިރުކަމާއި ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑުތަކަކަށް އަމަލުކުރަން ޖެހޭނެ ކަމަށް މި ޖަމްއިއްޔާ އިން ގަބޫލުކުރާ ހާލު، އެފަދަ މިންގަނޑުތައް ވާން ޖެހޭނީ އެ މިންގަނޑެއް ނިސްބަތްވާ ފަރާތްތަކާ އެކަށޭނަ މިންގަނޑުތަކެއް ކަމަށް މި ޖަމްއިއްޔާ އިން ފާހަގަކުރަމެވެ،" އެފްއެލްސީގެ ސިޓީގައި ބުނެފައިވެ އެވެ.

"... ނުއުފުލޭ ވަރުގެ ބުރައެއް ރައްޔިތުންނަށް ކުރިމަތިވާ ފަދަ ނަތީޖާއެއް ނުވަތަ ރައްޔިތުންގެ މާލީ ހާލަތަށް އިތުރަށް ތަކުލީފުވާނެ ފަދަ ނަތީޖާއެއް ނުކުންނަ ފަދަ ސިޔާސަތުތައް މި ދަނޑިވަޅުގައި ބައްޓަންކުރެއްވުމަކީ އެއްވެސް މިންވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫންކަން މި ޖަމްއިއްޔާ އިން ފާހަގަކުރަމެވެ."

އެފްއެލްސީގެ ސިޓީގައި ގާނޫނީ ތިން ނުކުތާއެއް ވެސް ފާހަގަކޮށްފައިވެ އެވެ.

އެ ޖަމްއިއްޔާ އިން ބުނީ ގޭގައި ކާބޯތަކެތި ހަދައިގެން ވިއްކާ މީހުން ރަޖިސްޓްރީކުރަން އެޗްޕީއޭ އިން އެންގި އިރު، އަމިއްލަ ދިރިއުޅުމަށްޓަކައި މީހަކު އޭނާގެ ގޭގައި އަމއްިލަ އަށް ކުރާ މަސައްކަތްތައް ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނުގައި އިސްތިސްނާކޮށްފައިވާ ކަމަށެވެ. އެހެންވެ އަމިއްލަ ދިރިއުޅުމަށް، ގޭގައި ކޯތަކެތި ތައްޔާރުކޮށްގެން ވިއްކުމަކީ ރަޖިސްޓްރީކުރަން ޖެހޭ ވިޔަފާރިއެއް ނޫން ކަމަށް ސިޓީގައިވެ އެވެ.

އެޗްޕީއޭގެ އެންގުމުގައި ހަވާލާދީފައިވާ، ކާބޯތަކެތީގެ ޚިދުމަތް ދިނުމުގައި ހުންނަން ޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދުގައި އެ އޭޖެންސީގައި ރަޖިސްޓްރީކުރަން ޖެހޭ ތަންތަން ބަޔާންކޮށް އެފަދަ ތަންތަން މާނަކޮށްދީފައިވާ އިރު، އެ ގަވާއިދުގައި ހުރި މިންގަނޑުތައް، ގޭގައި ތައްޔާރުކުރާ ކާބޯތަކެއްޗަށް ހިނގާނެކަން އެނގެން ނެތް ކަމަށް ވެސް އެފްއެލްސީން ބުންޏެވެ. އަދި އެ ޖަމްއިއްޔާ އިން ބުނީ އެ ގަވާއިދުގައި ހުރީ ކޮމާޝަލް ސްކޭލްގައި ހިންގާ އައުޓްލެޓްތަކަށް ފެތޭ ގޮތަށް، އެ ފަރާތްތަކަށް އަމާޒުކޮށްގެން ހަދާފައިވާ މިންގަނޑުތަކެއް ކަމަށް ފެންނާތީ އެއީ ގޭގައި ކާބޯތަކެތި ތައްޔާރުކުރާ މީހަކަށް ފަސޭހަ އިން ތަބާވެވޭނެ މިންގަނޑުތަކެއް ނޫން ކަމަށާއި އޭގެ ތެރެއިން ބައެއް ކަންކަމަށް ތަބާވުމަކީ މުސްތަހީލު ކަމެއް ކަމަށް ގޭގައި މިފަދަ މަސައްކަތްކުރާ ބައެއް މީހުން މައުލޫމާތު ދީފައިވާ ކަމަށެވެ.

ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަން ޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދު

ގޭގައި ކާބޯތަކެތި ހަދައިގެން ވިއްކުމުގެ މަސައްކަތް އެޗްޕީއޭ އިން މިހާތަނަށް އެކަށީގެންވާ ގޮތަކަށް ރެގިއުލޭޓް ނުކޮށް އޮވެފައި އިއްޔެ ކުރި އިއުލާނުގައި އެ މަސައްކަތް ރެގިއުލޭޓްކުރާނެ ކަމަށާއި ފިޔަވަޅު އަޅާނެ ކަމަށް ބުނި އިރު އެ އޭޖެންސީގެ މިންގަނޑުތަކަށް ތަބާވާން ވަގުތު ދީފައި ނުވާކަން ވެސް އެފްއެލްސީގެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

ގޭގައި ކާބޯތަކެތި ހަދާ މީހުންނަށް ވެސް އެއްޗެހި ވިއްކޭނީ ހުއްދަ ނަގައިގެންކަން އަންގައި އެޗްޕީއޭ އިން ކުރި އިއުލާނުގައި ވަނީ ރަޖިސްޓްރީކުރަން އެދި ހެލްތު މިނިސްޓްރީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށަހަޅަން އަންގައިފަ އެވެ. މި އެންގުން އައީ، ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް) އިން އެޗްޕީއޭއާ ބައްދަލުކޮށް، ގޭގައި ކާބޯތަކެތި ހަދައިގެން ވިއްކާ މީހުން ވެސް ރެސްޓޯރެންޓުތަކާ އެއް ގަވާއިދަކަށް ފައްތަން އެދިފައި ވަނިކޮށެވެ. އަދި އެޗްޕީއޭގެ އެންގުމަކީ އެ ޖަމްއިއްޔާގެ މަސައްކަތުގެ ނަތީޖާ ކަމަށް ރޭމް އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. މިކަމާ ގުޅިގެން އެޗްޕީއޭ އަށާއި ރެސްޓޯރެންޓު ވެރިންނަށް އާއްމުން ދަނީ ފާޑުކިޔަމުންނެވެ.

އެޗްޕީއޭގެ އިއުލާނުގައި އޮތީ ރަޖިސްޓްރީ ނުކުރާ ބަދިގެތަކުގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކުމާއި ފިހާރަތަކާއި ގޭގޭގައި ކާބޯތަކެތީގެ ބާވަތްތަކާއި ދުންފަތުގެ ބާވަތްތައް އޮންލައިން ޕްލެޓްފޯމްތަކުގަ އާއި އެހެން ގޮތްގޮތަށް އިޝްތިހާރުކޮށް ޑެލިވެރީގެ ހިދުމަތް ދެމުންގެންދާ ކަމުގެ މައުލޫމާތާއި ޝަކުވާ އެ ތަނަށް ލިބެމުންދާ ކަމަށެވެ. އެއްވެސް ފަރާތަކުން ވިޔަފާރީގެ އުސޫލުން ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ނަމަ ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަން ޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދާއި ކަމާ ގުޅޭ އެހެން ގަވާއިދުތަކާ އެއްގޮތަށް ހުއްދަ ނަގަން ޖެހޭނެ ކަމަށާއި ރަޖިސްޓްރީ ނުކުރާ ތަންތަނުން ހިދުމަތް ނުހޯދަން އާއްމުންނަށް އިލްތިމާސްކުރާ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.