Roadha Mihaaru
ކަރަންގެ މައްސަލަ ބަލަން މޯދީ އަށް ކަންގަނާ ގޮވާލައިފި

ބޮލީވުޑް މާފިއާ ހިންގާ ކަމަށް ބުނެ ކަރަންގެ މައްސަލަ ބަލަން ކަންގަނާ އިންޑިއާގެ ބޮޑުވަޒީރަށް ގޮވާލައިފި

03 ސެޕްޓެމްބަރ 2020

ބޮލީވުޑް މާފިއާ ހިންގުމުގެ އިސް މީހަކީ ކަރަން ޖޯހަރް ކަމަށާއި އޭނާ ވަނީ މިހާތަނަށް އެތައް ބައެއްގެ ކެރިއަރާއި ދިރިއުޅުން ވެސް ހަލާލުކޮށްފައި ކަމަށް ބުނެ އޭނާގެ މައްސަލަ ބެލުމަށް ބަތަލާ ކަންގަނާ ރަނާވަތު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ގޮވާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑް މާފިއާ ހިންގުމުގެ އިސް މީހަކީ ކަރަން ޖޯހަރް ކަމަށާއި އޭނާ ވަނީ މިހާތަނަށް އެތައް ބައެއްގެ ކެރިއަރާއި ދިރިއުޅުން ވެސް ހަލާލުކޮށްފައި ކަމަށް ބުނެ އޭނާގެ މައްސަލަ ބެލުމަށް ބަތަލާ ކަންގަނާ ރަނާވަތު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ގޮވާލައިފި އެވެ.

މޯދީ ޓެގްކޮށް ކަންގަނާ ކުރި ޓްވީޓެއްގައި ބުނީ ބޮލީވުޑް އިންޑަސްޓްރީގެ ތެރޭގައި ކަރަން އިސްކޮށް ހުރެގެން ބޮޑެތި ޖަރީމާތައް ހިންގާ އިރު، އެއްވެސް ފިޔަވަޅެއް ނާޅާތީ އޭނާ ހަމަ މިނިވަންކަމާ އެކު އެނބުރެނީ ކަމަށެވެ. އަދި ބޮލީވުޑަށް އުންމީދެއް އޮތް ނަމަ ކަރަންއާ ދޭތެރޭ ފިޔަވަޅު އަޅަންޖެހޭ ކަމަށް ބުންޏެވެ.

ޖޫން މަހު ސުޝާންތު ސިމްގް ރާޖްޕޫތު މަރުވި ފަހުން، ބޮލީވުޑްގެ ނުފޫޒު ގަދަ މީހުންނާ އެކަމާ ގުޅުވައިގެން ކަންގަނާ ތަކުރާރުކޮށް ބަހުގެ ހަމަލާތައް ދެމުން އަންނަ އިރު، އޭނާ އެންމެ ބޮޑަށް ދިމާކުރާ އެކަކީ ކަރަން އެވެ.

ކަންގަނާ ބުނާ ގޮތުގައި ކަރަން އަކީ ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން އޭނާ ކޮންޓްރޯލްގެ ދަށުގައި ތަރިން ގެންގުޅެން ބޭނުންވާ މީހެކެވެ. އަދި އޭނާ އަބަދު ވެސް ގާތްކަން ބާއްވައި، އަމިއްލަ ފިލްމު ކުންފުނި ދަރުމާ ޕްރޮޑަކްޝަންގެ ފިލްމުތަކުން ފުރުސަތު ދެނީ ވެސް ގާތް މީހުންނާއި އެކި ގޮތްގޮތުން ގުޅުން އޮންނަ ނުފޫޒު ގަދަ އާއިލާތަކަށް ނިސްބަތްވާ ފަންނާނުންނަށް ކަމަށް ބުނެ އެވެ.

އެހެންވެ ކަރަން އަކީ ބޮލީވުޑްގެ ނެޕޮޓިޒަމްގެ ކުޅިގަނޑު މޭސްތިރިޔާ ކަމަށް ކަންގަނާ އަބަދު ވެސް ބުނެ އެވެ.

ކަރަންގެ ޓޯކް ޝޯ "ކޮފީ ވިތު ކަރަން" ގައި 2016 ގައި ބައިވެރިވެ ސީދާ ކަރަންއާ ދިމާއަށް ވެސް ކަންގަނާ އެ ވާހަކަ ބުނެފައިވެ އެވެ.

ކަރަންގެ މައްސަލަ ބަލަން ގޮވައިލުމުގެ އިތުރަށް ކަންގަނާ ކުރި އެހެން ޓްވީޓެއްގައި ވަނީ ސުޝާންތު މަރުވުމުގެ ޒިންމާ ކަރަން އާއި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ވެރިޔާ އަދިތިޔާ ޗޯޕްޅާ އާއި މަހޭޝް ބަޓާއި ފިލްމު ކްރިޓިކް ރަޖީވް މަސަންދު ފަދަ މީސްމީހުން ނަގަން ޖެހޭނެ ކަމަށް ބުނެ ބަހުގެ ހަމަލާތަކެއް ދީފަ އެވެ. އޭނާ ބުނީ އެ މީހުންނަކީ މީސްމީހުންގެ ލޭ ބޯން ކަރުހިއްކައިގެންފައި ތިބޭ ނުލަފާ ބައެއް ކަމަށެވެ.