Roadha Mihaaru
"ޑުޕްލިކޭޓް" އަކީ އާލިއާ އަށް ދައްކަން ހެދި ފިލްމެއް

ޝާހްރުކްގެ "ޑުޕްލިކޭޓް" އަކީ ދަރިފުޅު އާލިއާ އަށް ދައްކަން ހާއްސަކޮށްގެން ހެދި ފިލްމެއް: މަހޭޝް

04 ޖެނުއަރީ 2022

ޝާހްރުކް ޚާން ޑަބަލް ރޯލެއް ކުޅުނު، މީގެ 24 އަހަރު ކުރިން ނެރުނު އެކްޝަން ކޮމެޑީ "ޑުޕްލިކޭޓް" އަކީ ދަރިފުޅު އާލިއާ ބަޓަށް ދައްކަން ހާއްސަކޮށްގެން ހެދި ފިލްމެއް ކަމަށް އެ ލިޔެ، ޑައިރެކްޓްކުރި މަހޭޝް ބަޓް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޝާހްރުކް ޚާން ޑަބަލް ރޯލެއް ކުޅުނު، މީގެ 24 އަހަރު ކުރިން ނެރުނު އެކްޝަން ކޮމެޑީ "ޑުޕްލިކޭޓް" އަކީ ދަރިފުޅު އާލިއާ ބަޓަށް ދައްކަން ހާއްސަކޮށްގެން ހެދި ފިލްމެއް ކަމަށް އެ ލިޔެ، ޑައިރެކްޓްކުރި މަހޭޝް ބަޓް ބުނެފި އެވެ.

މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ކެރިއަރުގައި ގިނައިން ހަދާފައި ހުރީ ތަންކޮޅެއް "ޑާކް" ފިލްމުތަކެއް ކަމުން އެ އެއްޗިއްސަކީ ކުދިންނަށް ދައްކަން އެކަށީގެންވާ ކަހަލަ ފިލްމުތަކެއް ނޫން ކަމަށެވެ. އެހެންވެ، އެންމެ ހަގު ދަރިފުޅަށް ކަމުދާނެ ކަހަލަ އަދި އޭނާ އަށް ދައްކައިލަން އެކަށީގެންވާ ފިލްމެއް ހަދަން ހިތުލައިގެން ހުރުމުން "ޑުޕްލިކޭޓް" ހެދީ ކަމަށް ބުންޏެވެ.

"އެ ފިލްމު ހެދި އިރު އާލިއާ އަށް ހަތަރު އަހަރު. އަހަރެން ބޭނުންވީ އޭނަ އަށް ކަމުދާނެ ކަހަލަ ފިލްމެއް ހަދަން،" އެ ފިލްމާ ބެހޭ ގޮތުން މަހޭޝް ބުންޏެވެ.

"ޑުޕްލިކޭޓް" އަކީ ޝާހްރުކްގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ކުޗް ކުޗް ހޯތާ ހޭ" ވެސް ރިލީޒްކުރި އަހަރު ނެރުނު ފިލްމެކެވެ. އެ ދެ ފިލްމުގެ ވެސް ޕްރޮޑިއުސަރަކީ ޑައިރެކްޓަރު ކަރަން ޖޯހަރްގެ ބައްޕަ ޔާޝް ޖޯހަރެވެ. އެކަމަކު "ކުޗް ކުޗް ހޯތާ ހޭ" ރިލީޒްކުރުމުގެ ފަސް ވަރަކަށް މަސް ކުރިން މެއި 8، 1998 ގައި ރިލީޒްކުރި "ޑުޕްލިކޭޓް" އަކީ ވަރަށް ނާކާމިޔާބު ފިލްމެކެވެ. އޭގެ ބަތަލާއިންނަކީ ޖޫހީ ޗާވްލާ އާއި ސޮނާލީ ބެންޑްރޭ އެވެ.

ކާޖޮލް އާއި ރާނީ މުކަރްޖީއާ އެކު ޝާހްރުކް ލީޑް ރޯލު ކުޅެ، އޮކްޓޯބަރު 16، 1998 ގައި ރިލީޒްކުރި "ކުޗް ކުޗް ހޯތާ ހޭ" އަކީ އެ އަހަރުގެ އެންމެ ކާމިޔާބު ފިލްމެވެ.

އާލިއާ އަށް ކަމުދާ ފިލްމެއް ހަދަން ޝާހްރުކް ހިމަނައިގެން މަހޭޝް "ޑުޕްލިކޭޓް" ހެދި އިރު، މި ވަގުތު ބޮލީވުޑްގެ ހުނަރުވެރި އަދި ކާމިޔާބު ބަތަލާއިންގެ ތެރޭގައި ހިމެނޭ 28 އަހަރުގެ އާލިއާ ވަނީ ޝާހްރުކް، 56، އާ އެކީ ވެސް ފިލްމެއް ކުޅެފަ އެވެެ. އެއީ 2016 ގެ "ޑިއާ ޒިންދަގީ" އެވެ. އަދި ފާހަގަކޮށްލެވޭ ކަމަކީ އާލިއާ ބޮލީވުޑަށް ނެރުނީ "ޑުޕްލިކޭޓް" ގެ ޕްރޮޑިއުސަރު ޔާޝްގެ ދަރިފުޅު ކަރަންގެ 2012 ގެ "ސްޓޫޑެންޓް އޮފް ދި އިޔާ" އިން ކަމެވެ.

ޔާޝް އަށް މަހޭޝް ޑައިރެޓްކޮށްދިން ފިލްމުތަކުގެ ތެރޭގައި ސަންޖޭ ދަތާއި ސްރީދޭވީގެ 1993 ގެ "ގުމްރާހް" ވެސް ހިމެނެ އެވެ.