Roadha Mihaaru
އިދިކޮޅު ލީޑަރުންގެ ހާލަތާ މެދު އެމެރިކާ ސަފީރުގެ ބަސް

އިދިކޮޅު ހުރިހާ ލީޑަރުންހެން ތިބީ ޖަލުގައި ނުވަތަ އަރުވާލެވިގެން: އެމެރިކާ ސަފީރު

15 ޑިސެމްބަރ 2017

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް ޖަލުގައި ހުންނަވާތާ 150 ދުވަސް ވުމުން ދައްކައިދެނީ ރާއްޖޭގެ އިދިކޮޅު އިސް ހުރިހާ ލީޑަރުންހެން މި ވަގުތު ތިއްބެވީ ޖަލުގައި ނުވަތަ އަރުވާލެވިގެން ކަމަށް، އެމެރިކާގެ ސަފީރު އަތުލް ކެޝަޕް މިއަދު ސިފަކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް ޖަލުގައި ހުންނަވާތާ 150 ދުވަސް ވުމުން ދައްކައިދެނީ ރާއްޖޭގެ އިދިކޮޅު އިސް ހުރިހާ ލީޑަރުންހެން މި ވަގުތު ތިއްބެވީ ޖަލުގައި ނުވަތަ އަރުވާލެވިގެން ކަމަށް، އެމެރިކާގެ ސަފީރު އަތުލް ކެޝަޕް މިއަދު ސިފަކުރައްވައިފި އެވެ.

ފާރިސް ޖަލުގައި ހައްޔަރުކޮށްފައި ހުންނަތާ މިއަދަށް 151 ދުވަސް ވުމުން އޭނާގެ ހައްގުގައި ބަޔަކު ކުރި ޓްވީޓަކާ އެކު ކެޝަޕް ވިދާޅުވި ގޮތުގައި "މިއީ ވަރަށް ބަދުނަސީބު" ހަގީގަތެކެވެ.

އެމެރިކާގެ ސަފީރުގެ ޓްވީޓުގައި ސިޔާސީ އިދިކޮޅު ލީޑަރުންގެ ތަފްސީލުތައް ގެންނަވާފައި ނުވިޔަސް، އޭނާގެ ވާހަކަ ރައްދުވަނީ ހުކުމް އިއްވާފައިވާ ބޭފުޅުންނާއި ޖަލުގައި ތިއްބެވި ބޭފުޅުންގެ އިތުރުން މިވަގުތު ރާއްޖެއިން ބޭރުގައި އުޅުއްވާ ސިޔާސީ އިސް ބޭފުޅުންނަށެވެ.

ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވުމާ ގުޅިގެން ޖަލުގައި ހުންނެވުމަށް ފަހު މިދިއަ އަހަރު ބޭސްފަރުވާއަކަށް އިނގިރޭސިވިލާތަށް ވަޑައިގެންނެވި ގޮތަށް އެ ގައުމުގައި ހުންނެވީ އަރުވާލެވިގެންނެވެ.

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އަމިއްލައަށް އަރުވާލެވިގެން ހުންނެވީ ވެސް އިނގިރޭސި ވިލާތުގަ އެވެ. އޭގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމް ވެސް އެ ގައުމުގައި އުޅުއްވަނީ އަމިއްލައަށް އަރުވާލެވިގެންނެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ތިން އަހަރާއި ތިން މަހުގެ ޖަލު ހުކުމެއް އިއްވި ފަހުން ބޭސްފަރުވާއަކަށް ސިންގަޕޫރަށް ވަޑައިގެންނެވުމަށް ފަހު މިހާރު ހުންނެވީ ޖަރުމަނުގަ އެވެ.

ފާރިސްގެ އިތުރުން ސިޔާސީ އެހެން ލީޑަރުންގެ ތެރެއިން މިވަގުތު ޖަލުގައި ހުންނެވި ހަމައެކަނި ބޭފުޅަކީ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެވެ. އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.

އެކަމަކު އޭނާ އިއްޔެ ވަނީ ޖަލުން ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.