Roadha Mihaaru
ވެއްޓުނު އިމާރާތެއްގެ ދަށުން "ހިތުގެ ތެޅުމުގެ" އަޑެއް

ބޭރޫތުގެ ގޮވުން: އިމާރާތެއްގެ ދަށުން، "ހިތުގެ ތެޅުމުގެ" އަޑެއް

04 ސެޕްޓެމްބަރ 2020

ބޭރޫތު (ސެޕްޓެމްބަރު 4) - ލުބުނާނުގެ ވެރިރަށް ބޭރޫތުގައި ކެމިކަލް ގުދަނެއް ގޮވައި ގިނަ އަދަދެއްގެ އިމާރާތްތައް ވެއްޓިފައި ވަނިކޮށް، އާދަޔާޚިލާފު ޚަބަރެއް މިރޭ ފެތުރި އެތައް ބަޔަކަށް ސިހުން ގެނެސްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބޭރޫތު (ސެޕްޓެމްބަރު 4) - ލުބުނާނުގެ ވެރިރަށް ބޭރޫތުގައި ކެމިކަލް ގުދަނެއް ގޮވައި ގިނަ އަދަދެއްގެ އިމާރާތްތައް ވެއްޓިފައި ވަނިކޮށް، އާދަޔާޚިލާފު ޚަބަރެއް މިރޭ ފެތުރި އެތައް ބަޔަކަށް ސިހުން ގެނެސްފި އެވެ.

އެމޯނިއަމް ނައިޓްރޭޓް ރައްކާކޮށްފައި ހުރި ގުދަން ގޮވައި ބޮޑު ސަރަހައްދެއް ބިމާހަމަވިތާ މަސް ދުވަސް ފަހުން، އިމާރާތެއްގެ ދަށުން، ދިރިހުރި މީހެއްގެ ހިލަމެއްވާ ކަމުގެ ރިޕޯޓްތައް ވަނީ އާއްމުވެފަ އެވެ.

ވެއްޓުނު އިމާރާތެއްގެ ދަށުން "ހިތެއްގެ ތެޅުމުގެ އަޑު" އިވޭ ކަމަށް ބުނުމާ އެކު ޚާއްސަ ސެންސާ އާލާތްތަކެއް ވަނީ ބޭރޫތުގެ މާ މިޚައިލް އޭރިއާ އަށް ގެންގޮސްފަ އެވެ.

ވެއްޓިފައިވާ އިމާރާތެއްގައި މަސައްކަތް ކުރާ ޗިލީގެ ރެސްކިއު ޓީމެއް ހަރަކާތްތެރިވާ ސަރަހައްދަށް މިއަދު ވަނީ އެތައް ބަޔަކު ޖަމާވެފަ އެވެ. އެކަމަކު ވެއްޓިފައިވާ އިމާރާތުގެ ދަށުގައި ދިރިހުރި މީހަކު އޮވެދާނެ ކަމެއް ނޭނގެ އެވެ. ނަމަވެސް އެ އިމާރާތުގެ ކައިރިން ރެސްކިއު ޓީމު ރޭ ހުރަސްކުރުމާ އެކު އެ މީހުން ގެންގުޅޭ ކުއްތާ ވަނީ އިމާރާތުގެ ދަށުގައި ދިރިހުރި މީހަކު އޮތްކަމުގެ ސިގްނަލް ދީފަ އެވެ. މިއަދު ހެނދުނު ވެސް އެ ކުއްތާ އެ ސަރަހައްދަށް ގެންދިއުމުން ވަނީ ހަމަ އެ ސިގްނަލް ދީފަ އެވެ. ރެސްކިއު ޓީމުން ދެން ވަނީ މީހެއްގެ ހިތުގެ ތެޅުން ނުވަތަ ނޭވާގެ އަޑު އިވޭތޯ ބެލުމަށް ޚާއްސަ ސްކޭނާއެއް ބޭނުންކޮށްފަ އެވެ. ހަތް ގްރޫޕަކަށް ބަހާލައިގެން އެ ޓީމުން ގެންދަނީ، އިމާރާތުން ވެއްޓިފައިވާ ބައިތައް ފަރުވާތެރިކަމާ އެކު ނަގައި، ވީހާވެސް އަޑިއަށް ދެވޭތޯ ބަލައިފަ އެވެ. ސިފައިންނާއި ވޮލަންޓިއަރުން ބުނާ ގޮތުގައި، ދިރިހުރި މީހަކު އޮތް ނަމަވެސް، އެ ހިސާބަށް ވާސިލްވާން މަދުވެގެން ހަ ގަޑިއިރު ނަގާނެ އެވެ.

ޗިލީގެ ރެސްކިއު ޓީމު ބޭރޫތަށް ދިޔައީ މި މަހު 1 ވަނަ ދުވަހު އެވެ. އެ މީހުން ދިޔައީ ވަރަށް ޒަމާނީ އާލާމަތްތައް ހިފައިގެންނެވެ. އޮފިޝަލުން ބުނި ގޮތުގައި އޭގެ ތެރޭން ބައެއް އާލާތްތައް ބޭނުންކޮށްގެން، 15 މީޓަރު (49 ފޫޓު) އަޑިން ވެސް ނޭވާލާ އަޑު ދެނެގަނެވޭނެ އެވެ. އެކަމަކު، އިމާރާތުގެ ވެއްޓިފައިވާ ބައިތަކުގެ ދަށުގައި ދިރިހުރި މީހަކު އޮތް ކަމުގެ ކަށަވަރު އެއްވެސް ރިޕޯޓެއް އަދި ލިބިފައެއް ނުވެ އެވެ.

އަލް ޖަޒީރާގެ ރިޕޯޓަރަކު ޓްވީޓްކުރި ގޮތުގައި ސާޗް ޓީމަށް ވަނީ އިމާރާތެއްގެ ދަށުން މީހެއްގެ ހަށިގަނޑު ފާހަގަކުރެވިފަ އެވެ. އަދި އެ މީހާގެ ހިތުގެ ވިންދު ހުރެދާނެ ކަމަށް އެ ޓީމުން ލަފާކުރާ ކަމަށް ރިޕޯޓަރު ބުންޏެވެ.

ބޭރޫތުގެ ބަނދަރުގައި 2،750 ޓަނުގެ އެމޯނިއަމް ނައިޓްރޭޓް ރައްކާކޮށްފައި ހުރި ގުދަން އޮގަސްޓް 4 ގައި ގޮވުމުން 200 އަށް ވުރެ ގިނަ މީހުން މަރުވެ، ތިން ލައްކަ މީހުންގެ ގެދޮރު ގެއްލުނެވެ. ގުދަން ގޮވި ހާދިސާއާ ގުޅިގެން ރައްޔިތުންގެ ރުޅިވެރިކަން އިތުރުވެ ކުރަން ފެށި މުޒާހަރާތަކާ އެކު ލުބުނާން ސަރުކާރު ވެސް އެންމެ ފަހުން ވަނީ އިސްތިއުފާ ދޭން ޖެހިފަ އެވެ.