Roadha Mihaaru
ސިޓީގެ ހާލަތާ މެދު ކަންބޮޑެއް ނުވޭ: ގާޑިއޯލާ

ސިޓީގެ ހާލަތާ މެދު ކަންބޮޑެއް ނުވޭ: ގާޑިއޯލާ

27 އޮކްޓޯބަރ 2016

މެންޗެސްޓާ (އޮކްޓޯބަރު 27) - އިނގިރޭސި ލީގު ކަޕްގައި ރޭ މެންޗެސްޓާ ޔުނައިޓެޑު އަތުން ބަލިވެ، މޮޅެއް ނުލިބި ހަ މެޗު ހަމަވި ނަމަވެސް މެންޗެސްޓާ ސިޓީގެ ހާލަތާ މެދު ކަންބޮޑުނުވާ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެންޗެސްޓާ (އޮކްޓޯބަރު 27) - އިނގިރޭސި ލީގު ކަޕްގައި ރޭ މެންޗެސްޓާ ޔުނައިޓެޑު އަތުން ބަލިވެ، މޮޅެއް ނުލިބި ހަ މެޗު ހަމަވި ނަމަވެސް މެންޗެސްޓާ ސިޓީގެ ހާލަތާ މެދު ކަންބޮޑުނުވާ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ސިޓީގެ ކޯޗުކަމާ ހަވާލުވުމަށް ގާޑިއޯލާ ވަނީ ފުރަތަމަ 10 މެޗުން މޮޅުވެފަ އެވެ. އެހެން ނަމަވެސް އެ ޓީމު އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެެރެއިން އެންމެ މެޗަކުން ވެސް މޮޅެއް ނުލިބެ އެވެ. މިއީ ގާޑިއޯލާގެ ކޯޗިން ކެރިއަރުގައި މޮޅެއް ނުލިބި އެންމެ ގިނަ މެޗު ހޭދަވި ފަހަރެވެ.

"ކޮންމެ ކަމަކަށް ވެސް ވަގުތު ބޭނުންވާނެ. ސިޓީގެ ހާލަތާ މެދު ކަންބޮޑެއް ނުވޭ. މިއީ ޓްރާންސިޝަން ޕީރިއަޑެއް. އެކި ކުޅުންތެރިން މިދަނީ ޓެސްޓް ކުރަމުން. ލީގުގައި 29 މެޗު އެބައޮތް. އެފްއޭ ކަޕް އެބައޮތް. ޗެމްޕިއަންސް ލީގުގެ ވެސް އަދި ރަނގަޅު ހިސާބެއްގައި މިއޮތީ. މިއީ ކާމިޔާބު ސީޒަނަކަށް ހެދޭނެ،" ކުރިން ބާސެލޯނާ އާއި ބަޔާނަން ކޯޗުކޮށްދިން ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ އަނިޔާގެ ސަބަބުން އެ ޓީމުގެ ކެޕްޓަން ވިންސެންޓް ކޮމްޕެނީގެ ކުޅުން ފާއިތުވި ދެ އަހަރުގެ ތެރޭގައި ދަށްވެފައިވީ ނަމަވެސް ރޭގެ މެޗުގައި އޭނާގެ ފަރާތުން އުއްމީދީ ކުޅުމެއް ފެނުނު ކަމަށެވެ. އަދި ޔުނައިޓެޑާ ދެކޮޅަށް އެ ޓީމުގެ ޒުވާން ކުޅުންތެރިން ކުރި ހިތްވަރު ފާހަގަކުރާ ކަމަށް ބުންޏެވެ.

ޔުނައިޓެޑް އަތުން ބަލިވީ މެޗަކުން މޮޅުވެވޭ ވަރަށް ފުރުސަތު ތަނަވަސް ނުކުރެވިގެން ކަމަށާއި މޮޅެއް ނުލިބުނު ނަމަވެސް މެޗަކަށް ފަހު މެޗެއްގައި ސިޓީން އަންނަނީ އޭނާ ބޭނުންވާ ސިސްޓަމަށް ހޭނެމުން ކަމަށެވެ. އަދި އެ ސިސްޓަމަށް ހޭނުނުހާ އަވަހަކަށް ފެންނާނީ މުޅިން ތަފާތު ކުޅުމެއް ކަމަށް ގާޑިއޯލާ ބުންޏެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް ސިޓީ ދެން އެންމެ އަވަހަށް ނުކުންނާނީ އަންނަ ހޮނިހިރު ދުވަހުގެރޭ ރަށުން ބޭރުގައި ވެސްޓް ބްރޮމްއާ ދެކޮޅަށެވެ.