Roadha Mihaaru
ރާއްޖޭގެ އެންމެ ބޮޑު ގޭސް ޕްލާންޓް ތިނަދޫގައި ހަދަނީ

ރާއްޖޭގައި މިހާތަނަށް ގާއިމުކުރާ އެންމެ ބޮޑު ގޭސް ޕްލާންޓް ތިނަދޫގައި

01 ޖޫން 2016

ރާއްޖޭގައި މިހާތަނަށް ގާއިމުކުރާ އެންމެ ބޮޑު ގޭސް ޕްލާންޓް، ގދ.ތިނަދޫގައި އެޅުމަށް އެ ރަށު ކައުންސިލުން މޯލްޑިވްސް ގޭހަށް ބޮޑު ބިމެއް މިއަދު ހަވާލުކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގައި މިހާތަނަށް ގާއިމުކުރާ އެންމެ ބޮޑު ގޭސް ޕްލާންޓް، ގދ.ތިނަދޫގައި އެޅުމަށް އެ ރަށު ކައުންސިލުން މޯލްޑިވްސް ގޭހަށް ބޮޑު ބިމެއް މިއަދު ހަވާލުކޮށްފި އެވެ.

ތިނަދޫ ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތުގައި ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި މޯލްޑިވް ގޭހުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫނެވެ. އަދި ތިނަދޫ ކައުންސިލުން ސޮއިކުރެއްވީ ރައީސް އަލީ ނަސީރެވެ.

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ސަބްސިޑިއަރީ ކުންފުނި މޯލްޑިވް ގޭހަށް ދިނީ 90،000 އަކަފޫޓުގެ ބޮޑު ބިމެކެވެ. މި މަޝްރޫއުގެ ޖުމްލަ އަގަކީ 130 މިލިއަން ރުފިޔާ އެވެ.

ތިނަދޫގެ ދެކުނު އަވަށުގައި ގާއިމުކުރާ ގޭސް ޕްލާންޓާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވި ގޮތުގައި މިއީ 1500 މެޓްރިކް ޓަނުގެ އޮޓެމެޓިކް ސްޓޯރޭޖް ޓޭންކެކެވެ. މި ބިމުގައި ޑިސްޓްރިބިއުޝަން ޔުނިޓެއް ވެސް ގާއިމުކުރާނެ އެވެ. ތިލަފުށީގައި ހުންނަ ގޭސް ޕްލާންޓަކީ މެނުއަލްކޮށް މަސައްކަތްކުރާ 1100 މެޓްރިކް ޓަނުގެ ސްޓޯރޭޖް ޕްލާންޓެކެވެ.

އެންމެ ޒަމާނީ ސިސްޓަމެއް ހުންނާނީ މި ތަން ގާއިމުކޮށް ނިމޭ އިރު. --މައުމޫން

މައުމޫން ވިދާޅުވީ ގޭސް ޕްލާންޓް ވުޖޫދަށް އައުމާއެކު މި ދާއިރާ އިން މީހުން އުފެއްދުމަށް ތަމްރީނު ޕްރޮގްރާމްތައް ހިންގާނެ ކަމަށާއި ޕްލާންޓުގެ ސަބަބުން 70 އަށް ވުރެ ގިނަ ވަޒީފާ އުފެދޭނެ ކަމަށެވެ.

މީގެ އިތުރުން 5000 މެޓްރިކް ޓަނުގެ ސްޓޯރޭޖް ޓޭންކަކާ އެކު ބޯޓެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި މިއީ އިގްތިސާދީ ގޮތުން ސަރަހައްދު ކުރިއަރާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގޭސް ޕްލާންޓް ގާއިމު ކުރާނެ ބަޔަކާ މެދު މަޝްވަރާތައް ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ގޭސް ޕްލާންޓަށް ބޭނުންވާ ސްޓްރަކްޗަރަލް ސާމާނު ހުޅުމާލެއަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މައުމޫންގެ ވާހަކައިގައި މި ޕްލާންޓް ގާއިމު ކުރަން ދެ ކުންފުންޏަކާ ވާހަކަ ދައްކަވަމުންދާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެ ދެ ކުންފުނީގެ ނަމެއް ވިދާޅެއް ނުވެ އެވެ.

މޯލްޑިވް ގޭހުން މަސައްކަތް ކުރަނީ މި ޕްލާންޓް އަށް މަސް ދުވަހުގެ ތެރޭގައި ނިންމަން ކަމަށާއި ގޭހުގެ އަގު ވަރަށް ބޮޑަށް ހެޔޮ ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ތިނަދޫ ވާނީ ޑިސްޓްރިބިއުޝަން ހަބަށް، މި ހަބުން ޑިސްޓްރިބިއުޓް ވާނީ މުޅި ސަރަހައްދަށް. މި ސަރަހައްދަށް ގޭހުގެ އަގު ވަރަށް ބޮޑަށް ހެޔޮ ވާނެ: މައުމޫން

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވީ ތިނަދޫއަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ތަރައްގީ ކުރަމުން އަންނަ އެއް ރަށް ކަމަށެވެ. އަދި މި ރަށުގައި ތަފާތު ގިނަ މަޝްރޫއުތަކެއް ހިންގަމުންދާ ކަމީ ރަށުގެ މީހުންނަށް ބޮޑެތި ފައިދާތަކެއް ކުރުވާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.