Roadha Mihaaru
އެސްޓީއޯގެ ތެޔޮ ސްޓޯރޭޖަށް ބޭނުންވާ ބިން ތިނަދޫން ދެނީ

އެސްޓީއޯގެ ތެޔޮ ސްޓޯރޭޖަށް ބޭނުންވާ ބިން ތިނަދޫން ދެނީ

04 ޖޫން 2016

އެސްޓީއޯ އިން ގދ. ތިނަދޫގައި ތެޔޮ ރައްކާކުރާ ސްޓޯރޭޖް ފެސިލިޓީތައް ގާއިމު ކުރުމަށް ބިމެއް ދިނުމަށް އެ ރަށު ކައުންސިލުން ނިންމައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އެސްޓީއޯ އިން ގދ. ތިނަދޫގައި ތެޔޮ ރައްކާކުރާ ސްޓޯރޭޖް ފެސިލިޓީތައް ގާއިމު ކުރުމަށް ބިމެއް ދިނުމަށް އެ ރަށު ކައުންސިލުން ނިންމައިފި އެވެ.

ތިނަދޫ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް އައްސަދު ވިދާޅުވީ އެ ރަށުގައި ތެޔޮ ރައްކާކުރާ ތަނެއް ގާއިމު ކުރުމަށް މީގެ ކުރިން ވެސް މަޝްވަރާ ކުރި ކަމަށެވެ. ނަމަވެސް އެކަމަށް އަމަލީ ސިފައެއް މިހާތަނަށް ނާންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އައްސަދު ވިދާޅުވި ގޮތުގައި މަޝްރޫ އަށް އަމަލީ ސިފައެއް ނުޖެހުމާ ގުޅިގެން ކައުންސިލުން މިހާރު ވަނީ އެ ބިން އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވް ގޭހުން އެ ރަށުގައި ގޭސް ޕްލާންޓެއް އެޅުމަށް ދީފަ އެވެ.

އައްސަދު ވިދާޅުވީ ބިން ލިބުނު މިންވަރަކުން ބިންތައް ދޭނެ ކަމަށާއި އެއްވެސް މަޝްރޫއެއް ހުއްޓުވަން ކައުންސިލުން މަސައްކަތް ނުކުރާނެ ކަމަށެވެ.ު

"ކައުންސިލްގެ ވިސްނުމަކީ ވީހާވެސް ގިނަ ޕްރޮޖެކްޓްތަކެއް ތިނަދޫއަށް ގެނެސް، ތިނަދޫ ކުރިއަރުވައި ސިޓީއަކަށް ބަދަލު ކުރަން،" އައްސަދު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެފައި ވަނީ ތެޔޮ ސްޓޯރޭޖަށް ބޭނުންވާ ބިން ތިނަދޫ ދެކުނު ފަރާތުން ލިބޭނެ ކަމަށެވެ. އަދި އެ ރަށުން ބިން ލިބުމުން ތެޔޮ ރައްކާ ކުރާނެ ތަނަކާއި ޑިސްޓްރިބިއުޝަން ސެންޓަރެއް ގާއިމު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގައި ތެޔޮ ރައްކާކުރާ ސްޓޯރޭޖް ފެސިލިޓީތައް ގާއިމު ކުރުމަށް އެސްޓީއޯ އިން ވަނީ ނިންމައިފަ އެވެ. އަދި އެކަމަށް ބޭނުންވާ ބިން ހޯދުމުގެ މަސައްކަތާއި ތެޔޮ ރައްކާކުރުމަށް ބޭނުންވާ ޓޭންކް ޑިޒައިން ކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

މީގެ އިތުރުން ކ. ފުނަދޫގައި ތެޔޮ ރައްކާ ކުރާ ތަން ބޮޑު ކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެ މަސައްކަތް ނިމުމުން ފުނަދޫގައި ޖުމްލަ 48،000 ޓަނުގެ ތެޔޮ އެއް ފަހަރާ ރައްކާކުރުމުގެ ގާބިލުކަން ލިބޭނެ އެވެ. ފުނަދޫގައި މިހާރު ރައްކާކުރެވެނީ 24000 ޓަނުގެ ތެލެވެ.