Roadha Mihaaru
ރައީސަށް ގެއްލުންދޭން ބުނި މީހާގެ ބަންދަށް 15 ދުވަސް

ރައީސަށް ގެއްލުންދޭން ބުނި މީހާގެ ބަންދަށް 15 ދުވަސް

06 ސެޕްޓެމްބަރ 2020

ޓީވީ ޕްރޮގްރާމެއްގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގެއްލުންދޭން ގޮވާލި މީހާގެ ބަންދަށް 15 ދުވަސް ކޯޓުން ދީފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ޓީވީ ޕްރޮގްރާމެއްގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގެއްލުންދޭން ގޮވާލި މީހާގެ ބަންދަށް 15 ދުވަސް ކޯޓުން ދީފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން އެ މީހާ ހައްޔަރުކޮށްފައި ވަނީ މިއަދު އެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 47 އަހަރުގެ ފިރިހެނެކެވެ. އެ މީހާއާ ގުޅުންހުރި އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި، އެމީހާއަކީ ތ. ވިލުފުށީ މީހެކެވެ. ރައްޔިތުންގެ އަޑު"ގެ ނަމުގައި ޗެނަލް 13 އިން ގެނެސްދިން ލައިވް ޕްރޮގްރާމެއްގައި، އޭނާ ވަނީ ވެރިކަން އަވަހަށް ނައްތާލަންވީ ކަމަށާއި ރައީސްގެ "ގައިގައި (ކަނޑާލާފައި) ޖަހަންވީ" ކަމަށް ބުނެފަ އެވެ. ޗެނަލް 13 އިން އޭނާގެ ވާހަކަ ލައިވްކޮށް ދެއްކި ނަމަވެސް ފަހުން އެ ޗެނަލުން ވަނީ އެކަމަށް މާފަށް އެދިފަ އެވެ.

ޗެނަލް-13 އިން ބުނީ ރައީސްގެ ހަށިކޮޅަށް ގެއްލުން ދޭން އެ މީހާ ބުނީ އޭނާގެ އަމިއްލަ ހިޔާލުގެ މައްޗަށް ބިނާކޮށް ކަމަށާއި އެހެން ބުނާ އަޑު ބްރޯޑްކާސްޓް ކުރެވިފައިވާތީ މާފަށް އެދޭ ކަމަށެވެ.

މި މައްސަލާގައި ބްރޯޑްކާސްޓިން ކޮމިޝަނުން އަންނަނީ ޗެނަލް 13 ގެ މައްސަލަ ބަލަމުންނެވެ.