Roadha Mihaaru
ރައީސްގެ ހަށިކޮޅަށް ގެއްލުން ދޭން ގޮވި މައްސަލަ ބަލަނީ

ރައީސްގެ ހަށިކޮޅަށް ގެއްލުން ދޭން ގޮވި މީހެއްގެ މައްސަލަ ބަލަނީ

04 ސެޕްޓެމްބަރ 2020

ޗެނަލް-13 އިން އިއްޔެ ގެނެސްދިން ލައިވް ޕްރޮގްރާމެއްގައި ވާހަކަ ދެއްކި މީހަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅަށް ގެއްލުން ދޭން ގޮވި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ޗެނަލް-13 އިން އިއްޔެ ގެނެސްދިން ލައިވް ޕްރޮގްރާމެއްގައި ވާހަކަ ދެއްކި މީހަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅަށް ގެއްލުން ދޭން ގޮވި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

"ރައްޔިތުންގެ އަޑު"ގެ ނަމުގައި ގެެނެސްދިން އެ ޕްރޮގްރާމުގައި އެ މީހާ އެހެން ބުނީ، ސަރުކާރުން އަމަލު ކުރަމުންދާ ގޮތާ ގުޅޭގޮތުން ޕްރެޒެންޓަރު ސުވާލު ކުރުމުން ވާހަކަ ދެއްކި ތ. ވިލިފުށީ މީހެކެވެ. ސަރުކާރަށް ފާޑު ކިޔައި ވާހަކަ ދެއްކި އެ މީހާ ބުނީ ވެރިކަން އަވަހަށް ނައްތާލަން ބޭނުންވާ ކަމަށާއި "މިހާރުން މިހާރަށް އިބްރާހިމް މުހައްމަދު ސޯލިހު ގައިގާ (ކަނޑާލާފައި) " ކަމަށެވެ.

ފުލުހުން ބުނީ ޓެރަރިޒަމްގެ މި އަމަލު އެ ފަރާތަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށެވެ.

ރައީސްގެ ހަށިކޮޅަށް ގެއްލުން ދޭން ގޮވާލި އެ މައްސަލަ، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ކުށްވެރި ކުރަމުންނެވެ.

ޗެނަލް-13ގެ ފޭސްބުކް ޕޭޖުގައި މިހާރު ވެސް އިން އެ ވީޑިއޯ، ޓްވިިޓާގައި ޝެއަކުރަމުން މީހަކު ބުނީ މިއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނޫން ކަމަށާއި ނަފްރަތާއި އަނިޔާވެރިކަމަށް ހިތްވަރުދިނުން ކަމަށެވެ. އަދި މި ފަދަ އަމަލުތަކާ މެދު ވަގުތުން ފިޔަވަޅު އަޅަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.

"އިންސާނަކަށް ގެއްލުން ދޭން ގޮވާލުމަކީ ވަރަށް ދަށު ދަރަޖައިިގެ އަމަލެއް. މިކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" އެ މީހާ ބުންޏެވެ.

ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި އެކަން ސިފަކޮށް ޓްވީޓްކުރި އެހެން މީހަކު ބުނީ ރާއްޖޭގެ ވެރި މީހާ އަންދާލުމަށް ގޮވާލައި މީހަކު ދެއްކި ވާހަކަ ޕްރޮގްރާމުން ގެނެސްދޭން ޖެހޭނީ ސެންސަރު ކުރުމަށްފަހު ކަމަށާއި އެ މައްސަލައިގައި، އެ މީހާއާ އެއްވަރަށް އެ ވާހަކަތައް ގެނެސްދިން ޗެނަލް ވެސް ކުށްވެރިވާނެ ކަމަށެވެ.