Roadha Mihaaru
ތައުލީމުގެ ބިލަށް ޓީޗަރުންގެ ފަރާތުން އިސްލާހުތަކެއް

ތައުލީމާ ބެހޭ ބިލަށް ޓީޗަރުންގެ ޖަމިއްޔާއިން އިސްލާހުތައް ހުށަހަޅައި މަޝްވަރާކުރުމުގެ ފުރުސަތަކަށް އެދިއްޖެ

08 ސެޕްޓެމްބަރ 2020

ތައުލީމާ ބެހޭ ބިލަލަށް ޓީޗަރުންގެ ޖަމިއްޔާ އިން މުހިއްމު ބައެއް އިސްލާހުތައް ހުށަހަޅައި، އެކަމާ މަޝްވަރާކުރުމުގެ ފުރުސަތަކަށް މިއަދު އެދިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ތައުލީމާ ބެހޭ ބިލަލަށް ޓީޗަރުންގެ ޖަމިއްޔާ އިން މުހިއްމު ބައެއް އިސްލާހުތައް ހުށަހަޅައި، އެކަމާ މަޝްވަރާކުރުމުގެ ފުރުސަތަކަށް މިއަދު އެދިއްޖެ އެވެ.

އެ ޖަމިއްޔާ އިން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި ބުނީ ތައުލީމުގެ ބިލާ ބެހޭގޮތުން މަޝްވަރާކުރުމަށް މީގެ ކުރިން ދެ ފަހަރެއްގެ މަތިން އެދުނު ނަމަވެސް އެ ފުރުސަތު ނުލިބޭ ކަމަށެވެ.

ކޮމިޓީ މަރުހަލާގައި ބިލުގެ މަސައްކަތް ނިންމާފައި އޮއްވައި އަނބުރާ، ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ފޮނުވާފައިވާތީ ތައުލީމުގެ ބިލަކީ ބިނާކުރަނިވި އިސްލާހުތަކެއް ބޭނުންވާ އަދި ތައުލީމީ ދާއިރާއަށް މުހިއްމު ބިލެއްކަން ހާމަވާ ކަމަށް، ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީއޭއެމް) އިން ބުންޏެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުުހައްމަދު މުމްތާޒް މިދިޔަ ޑިސެމްބަރު މަހު ފޮނުއްވި "ތައުލީމުގެ ބިލް" ފާސްކުރުމަށް ވޯޓަށް އެހުމަށް، މަޖިލީހުގެ މިިދިޔަ ހަފުތާގައި ބޭއްވި ޖަލްސާގައި އެޖެންޑާ ވެސް ކުރި އެވެ. ނަމަވެސް ބައެއް އިސްލާހުތައް ގެނައުމަށް އެ ބިލް އަނބުރާ ފޮނުވާލީ އެވެ.

ބިލް އިސްލާހުކުރާއިރު އެކި ފަރާތްތަކާއެކު މަޝްވަރާކުރާނެ އެވެ.

އެ ބިލަށް ޓީޗަރުންގެ ޖަމިއްޔާ އިން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި، ތައުލީމީ ދާއިރާއަށް އެކަށީގެންވާ ބަޖެޓެއް ހަމަޖައްސައިދިނުން ހިމެނެ އެވެ. އެގޮތަށް އެދިފައިވަނީ، ސްކޫލުގައި ހިންގާ އެކި ހަރަކަތާތްތަކަށާއި ސްކޫލާ ގުޅޭ އެކި ކަންކަމަށް ބެލެނިވެެރިންނާއި ޓީޗަރުންގެ އަތުން ބޮޑު ހަރަދެއް ހިނގާތީ ގާނޫނުގައި ބުނާ ގޮތަށް ހިލޭ ކިޔެވުމުގެ ފުރުސަތު އޮތް ކަމާ މެދު ސުވާލު އުފެދޭތީ އެކަން ހައްލުކުރުމަށެވެ.

މި އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލީހުން ފާސްކުރި 37.8 ބިލިއަން ރުފިޔާގެ ބަޖެޓުގައި އެންމެ ބޮޑު އަދަދެއް ކަނޑައަޅާފައިވަނީ ވެސް އެޑިއުކޭޝަން މިނިސްޓްރީއަށެވެ. އެ މިނިސްޓްރީއަށް 3.3 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާއިރު މިިދިޔަ މަހުގެ 27 އާ ހަމައަށް ތައުލީމާ ގުޅުންހުރި އެކި ކަންކަމަށް އެޑިއުކޭޝަން މިނިސްޓްރީން 1.7 ބިލިއަން ރުފިޔާ ހަރަދުކޮށްފައި ވެ އެވެ.

ތައުލީމު ލިބެންޖެހޭ މަޖުބޫރު އުމުރުކަމަށް ކަނޑައަޅާފައިވާ ކުދިން ވަޒީފާއަށް ފޮނުވައިގެން ނުވާނެ ކަމަށް ބުނެފައިވާ ބައި، 16 އަހަރުން މަތީގެ ދަރިވަރުންނަށް ވަކި ހުއްދައާއެކު ވަޒީފާ އަދާކުރެވޭނެ ގޮތް ހަދައިދިނުމަށް އެދި ވަޒީފާއާ ބެހޭ ގާނޫނު އިސްލާހުކޮށްދިނުމަށް ހިޔާލު ހުށަހަޅާފައި ވެ އެވެ.

ތައުލީމާ ބެހޭ ބިލުގައިވާ ގޮތުން ޓީޗަރުންނަށް މަސައްކަތްކުރެވޭނީ ހާއްސަ ލައިސެންސެއް ލިބިގެންނެވެ. އެކަމާ ގުޅޭ މަސައްކަތްތައް ކުރުމަށް ވަކި ކައުންސިލެއް އުފައްދަންޖެހެ އެވެ. ޓީޗަރުންގެ ޖަމިއްޔާއިން ވަނީ އެ ކައުންސިލަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަނެއްކަން ޔަގީންކުރާނެ ގޮތްތައް ސާފުކުރުމަށް އެދިފަ އެވެ. އޭގެ އިތުރުން ކިޔަވައިދިނުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް ފޯރުކޮށްދިނުމަކީ އެޑިއުކޭޝަން މިނިސްޓްރީގެ ޒިންމާއެއްކަން ބިލުގައި ކަނޑައަޅައިދިނުމަށް ވެސް އެދިފައި ވެ އެވެ.

އެ ވަސީލަތްތަކުގެ ތެރޭގައި ކޮންމެ ޓީޗަރަކަށް މަސައްކަތްކުރާނެ ވޯކް ސްޓޭޝަނެއް ގާއިމްކޮށް އެ ސްޓޭޝަންގައި ކޮންމެ ޓީޗަރަކަށް ގޮނޑިއަކާއި މޭޒެއް އަދި ކޮމްޕިއުޓާ ސިސްޓަމެއް ހުންނަންޖެހޭނެ ކަމަށް ބުންޏެވެ.

"ފެންވަރު ރަނގަޅު ތައުލީމެއް ދެވޭނީ އެކަށޭނެ ވަސީލަތްތަކާއި ފެހި ފަހި މާހައުލެއް ގާއިމްކޮށްދެވިގެންނެވެ. އަދި ދަރިވަރުންގެ ތައުލީމާއި ދުޅަހެޔޮކަމާއި ގުޅުންހުރި ހަރަކާތްތައް ހިންގުމަށް ފައިސާ ހޯދުމުގެ ގޮތުން ސަލާންޖެހުމުގެ އާސަ ހުއްޓުވަންޖެހެ އެވެ. މި އާދަތަކުގެ ސަބަބުން ސްކޫލުތަކުގެ މެނޭޖްމަންޓު، މުދައްރިސް އަދި ހާއްސަކޮށް ބެލެނިވެރިންނަށް އެތައް ދަތިތަކަކާއި ކުރިމަތިލާންޖެހެ އެވެ،" ތައުލީމީ ދާއިރާއާ ގުޅުންހުރި ބައެއް ކަންބޮޑުވުންތައް ފާޅުކުރަމުން ޓީޗަރުންގެ ޖަމިއްޔާއިން ބުންޏެވެ.

ތައުލީމީ ޒުވާނުން ދާއިރާއަށް ޝައުގުވެރިކުރުވުމަށް ބާރުދޭ ފަދަ ކަންކަން ބިލުގައި ހިމެނުމަށް އަތޮޅުތެރޭގެ ޓީޗަރުން ހިމެނޭގޮތަށް ބޯހިޔާވަހިކަން ފޮރުކޮށްދިނުމާއި އެކަށީގެންވާ އުޖޫރައެއް ދިނުމާއި ދާއިރާގެ ނިންމުންތައް ނިންމުމުގައި ޓީޗަރުން ޝާމިލްކުރުން އަދި ވަޒީފާގެ ކުރިއެރުން ލިބިދިނުމާއެކު އެކަށޭނެ އެލަވަންސްތައް ދޭންޖެހޭނެކަން ފާހަގަކުރި އެވެ. އެލަވަންސްތަކުގެ ތެރޭގައި ރިސްކް އެލަވަންސް އާއި އެކޮމޮޑޭޝަން އެލަވަންސް އާއި ފުޑް އެލަވަންސް އާއި ފޯނު އެލަވަންސް އަދި ކްލާސް ޓީޗަރު އެލަވަންސް ދޭން އެދިފައިވެ އެވެ.