Roadha Mihaaru
ރަޖިސްޓަރީ ކޮށްގެން ނޫނީ ކިޔަވައި ނުދެވޭ ބިލެއް

ރަޖިސްޓަރީ ކޮށްގެން ނޫނީ ކިޔަވައި ނުދެވޭ ބިލެއް މަޖިލީހަށް ފޮނުވައިފި

08 ޑިސެމްބަރ 2019

ސްކޫލްތަކުގައި ކިޔަވައި ދެވޭނީ ޓީޗަރެއްގެ ގޮތުގައި ރަޖިސްޓަރީވެ، ކިޔަވައި ދިނުމުގެ ލައިސަންސް ހޯދާފައިވާ މީހުންނަށް އެކަނި ކަމަށް ބަދަލުކުރަން މަޖިލީހަށް އިއްޔެ ފޮނުވައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ސްކޫލްތަކުގައި ކިޔަވައި ދެވޭނީ ޓީޗަރެއްގެ ގޮތުގައި ރަޖިސްޓަރީވެ، ކިޔަވައި ދިނުމުގެ ލައިސަންސް ހޯދާފައިވާ މީހުންނަށް އެކަނި ކަމަށް ބަދަލުކުރަން މަޖިލީހަށް އިއްޔެ ފޮނުވައިފި އެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުުހައްމަދު މުމްތާޒް ފޮނުއްވި "ތައުލީމުގެ ބިލް" މަޖިލީހުން ފާސްވެއްޖެ ނަމަ، އެ އަށް އަމަލުކުރަން ފަށާނީ އެ ތަސްދީގު ކުރާ އަހަރުގެ ކުރިއަށް އޮންނަ ދިރާސީ އަހަރުގަ އެވެ.

އެ ބިލްގައި ވާ ގޮތުން، ސްކޫލްތަކާއި ތައުލީމު އުގަންނައިދޭ އެހެން ތަންތަނުގައި ވެސް ބިލް ތަސްދީގު ކުރުމަށް ފަހު، ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެވޭނީ ޓީޗަރުކަމުގެ ލައިސަންސް ހޯދުމުންނެވެ.

އެ ފަދަ ތަންތަނުގައި މަސައްކަތްކުރާ ޓިއުޓަރުންނާއި ތެރަޕިސްޓުންނާއި ސްކޫލްގެ ލީޑިން ޓީޗަރުންނާއި ސުޕަވައިޒަރުންނާއި ޑިޕާޓްމެންޓްތަކުގެ ހެޑުންނާއި ހެޑް ޓީޗަރުންނާއި އެ ފެންވަރުގައި ކިޔަވައިދޭ އެހެން މީހުންނާއި ޑެޕިއުޓީ ޕްރިންސިޕަލުންނާއި އެކްޓިން ޕްރިންސިޕަލުން އަދި ޕްރިންސިޕަލުންނަށް ވެސް ސްކޫލްތަކުގައި މަސައްކަތް ކުރެވޭނީ ރަޖިސްޓަރީކޮށް، ލައިސަންސް ހޯދައިގެނެވެ. ނަމަވެސް ޓީޗަރަކަށް ވާން ތަމްރީނު ވަމުންދާ މީހުން ލައިސަންސް ނުހޯދައި ކިޔަވައި ދިނުން އެ ބިލުން ހުއްދަ ކުރެ އެވެ.

މި ބިލް ފާސްކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި ޓީޗަރުން ރަޖިސްޓަރީ ކުރުމާ ބެހޭ ކައުންސިލެއް އެޑިއުކޭޝަން މިނިސްޓްރީން އުފައްދަން ޖެހެ އެވެ. އެ އަށް ފަހު ތިން މަސް ދުވަހުގެ ތެރޭގައި ޓީޗަރުންނަށް ލައިސަންސް ދޭނެ އުސޫލެއް ކަނޑައަޅަން ޖެހޭނެ ކަމަށް ބިލްގައި ބުނެފައި ވެ އެވެ.

ސްކޫލްތަކުގެ އިތުރުން ޓިއުޝަން ސެންޓަރުންތަކުގަ އާއި ބޭބީ ނާސަރީ އަދި ނާސަރީ ހިންގާ ސްކޫލްތަކާއި ޕްރީ ސްކޫލް އާއި ކަސްރަތާއި ތަރުބިއްޔަތު އުނގަންނައިދޭން ހިނގާ ތަންތަނުގައި ވެސް މަސައްކަތް ކުރެވޭނީ، އެކަމަށް ލައިސަންސް ހޯދައިގެންނެވެ. އެ ފަދަ ލައިސަންސް ނެތް މީހުން ވަޒީފާ ދިނުން ވެސް މި ބިލްގެ މަނާކުރެ އެވެ.

އެ ފަދަ ތަންތަން ވެސް ބިލް ތަސްދީގު ކުރުމަށް ފަހު ހިންގޭނީ ރަޖިސްޓަރީ ކޮށްގެނެވެ. މިހާރު ވެސް ރަޖިސްޓަރީ ކޮށްގެން ހިންގާ ތަންތަން، ދެ އަހަރު ތެރޭގައި މި ބިލްގައިވާ އުސޫލްތަކާ އެއްގޮތަށް ރަޖިސްޓަރީ ކުރަން ޖެހޭނެ އެވެ. ރަޖިސްޓަރީ ނުކޮށް ހިންގާ ތަންތަނަށް ރަޖިސްޓްރީކުރަން ދީފައި ވަނީ ހަ މަހުގެ މުއްދަތެކެވެ.

މި ބިލް ވަނީ ކިޔެވުން ލާޒިމްވާ އުމުރުފުރާ ވެސް ބަޔާންކޮށްފަ އެވެ. އެގޮތުން ހަތަރު އަހަރާއި 16 އަހަރާ ދެމެދުގެ ދަރިވަރުންނަށް ރަސްމީ ތައުލީމް ފޯރުކޮށްދިނުމަކީ ދައުލަތާއި ބެލެނިވެރިންގެ ޒިންމާއެއް ކަމަށް މި ބިލްގައި ވެ އެވެ. އަދި އެ އުމުރުފުރާގެ ދަރިވަރުން ވަޒީފާ އަދާކުރުން މަނާކުރެ އެވެ.

ޕްރީސްކޫލަށް ވައްދާ އުމުރުު ފުރައިން ފެށިގެން މަތީ ސާނަވީ ތައުލީމު ފުރިހަމަކުރާ ދަރިވަރުންނަށް ހިލޭ ކިޔެވޭނެ ނިޒާމެއް ގާއިމްކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް މި ބިލްގައި ބުނެފައި ވެ އެވެ. އަދި މި ބިލް ފާސްކޮށް، އަމަލުކުރަން ފެށުމުން "ޕްރީސްކޫލް ހިންގުމުގެ ގާނޫނު" އުވޭނެ ކަމަށް ވެސް މި ބިލްގައި ބަޔާންކޮށްފައި ވެ އެވެ.