Roadha Mihaaru
ޖަވާބުދާރީވާން ޗެނަލް13 އަށް ދެވަނަ ފުރުސަތެއް ދީފި

ޖަވާބުދާރީވާން ޗެނަލް13 އަށް ބްރޯޑްކޮމުން ދެވަނަ ފުރުސަތެއް ދީފި

08 ސެޕްޓެމްބަރ 2020

ޗެނަލް13 ގެ ލައިވް ޕްރޮގްރާމަކަށް ގުޅި މީހަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅަށް ގެއްލުން ދޭން ބުނި މައްސަލައިގައި އެ ޗެނަލުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް ޖަވާބުދާރީވާން ދެވަނަ ފުރުސަތެއް ދީފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ޗެނަލް13 ގެ ލައިވް ޕްރޮގްރާމަކަށް ގުޅި މީހަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅަށް ގެއްލުން ދޭން ބުނި މައްސަލައިގައި އެ ޗެނަލުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް ޖަވާބުދާރީވާން ދެވަނަ ފުރުސަތެއް ދީފި އެވެ.

'ރައްޔިތުންގެ އަޑު' ނަމުގައި ޗެނަލް13 އިން މިދިޔަ ބުރާސްފަތި ދުވަހު ގެނެސްދިން ލައިވް ޕްރޮގްރާމުގައި ބައިވެރިވި މީހަކު ވަނީ ސަރުކާރަށް ފާޑުކިޔައި ވެރިކަން ވަގުތުން ނައްތާލައި، "މިހާރުން މިހާރަށް [ރައީސް] އިބްރާހިމް މުހައްމަދު ސޯލިހު ގައިގައި (ކަނޑާލާފައި) ޖަހަންވީ" ކަމަށް ބުނެފަ އެވެ.

އުމުރުން 47 އަހަރުގެ އެ ފިރިހެންމީހާ ހައްޔަރުކޮށް، 15 ދުވަހަށް ބަންދުގައި ބަހައްޓައިގެން ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

މި މައްސަލައިގެ ޖިނާއީ ތަހުގީގު ފުލުހުން ފަށާފައިވާއިރު، ބްރޯޑްކާސްޓަރުންގެ ބެލެނިވެރި ފަރާތް ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް އަންނަނީ މައްސަލަ ބަލަމުންނެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސާ މަރިޔަމް ވަހީދާ "މިހާރު" އަށް މިއަދު ވިދާޅުވީ، ޖަވާބުދާރީވާން ޗެނަލް13 އަށް އެ ކޮމިޝަނުން ފުރަތަމަ ދިން ފުރުސަތުގައި އެކަމަށް އުޒުރުވެރިވުމުން އިއްޔެ ވަނީ ދެވަނަ ފުރުސަތެއް ވެސް ދީފަައި ކަމަށެވެ.

އޭނާ ވިދާޅުވީ، ބްރޯޑްކޮމް އާއި ފުލުހުން ކުރަނީ ތަފާތު ދެ މަސައްކަތެއް ކަމަށެވެ. ފުލުހުން ބަލަނީ ޗެނަލް13 ގެ ޕްރޮގްރާމްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅަށް ގެއްލުން ދޭން ބުނި މީހާގެ މައްސަލަ ކަމަށާއި ބްރޯޑްކޮމުން ކުރާ ކަމަކީ އެ ވާހަކަ އޮންއެއާވި ގޮތް ބެލުން ކަމަށް މަރިޔަމް ވިދާޅުވި އެވެ.

އެހެންވެ، މި ދެ މުއައްސަސާ އިން ވަކިވަކިން ބަލާ މައްސަލައިގައި ފުށުއެރުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެން އުސޫލުގައި އޮންނަ ގޮތަށް އަޅުގަނޑުމެން ވާނީ އިއްޔެ އެ ބޭފުޅުންނަށް ދެވަނަ ފުރުސަތު ދީފައި. އެއީ 24 ގަޑިއިރު. އަޅުގަނޑުމެން ވެސް ބޭނުން ވަނީ ހަމަ ޖަވާބުދޭން ވަގުތު ދީގެން ރަނގަޅަށް މައްސަލަ ކުރިއަށް ގެންދަން،" މަރިޔަމް ވިދާޅުވި އެވެ.

ޗެނަލް13 އިން ބުނެފައި ވަނީ ފުލުހުންގެ ތަހުގީގަށް ފަހު ބްރޯޑްކޮމުން އެ މައްސަލަ ބަލާ ނަމަ އެއްބާރުލުން ދޭނެ ކަމަށެވެ.

މި މައްސަލައިގައި ފުލުހުން މިހާރު ވަނީ ޕްރޮގްރާމް ދެއްކި ގަޑީގައި އެ ޗެނަލްގައި ތިބި ބައެއް މުވައްޒަފުންގެ ބަޔާން ވެސް ނަގައިފަ އެވެ. ނަމަވެސް އެއީ އެއްވެސް ތުހުމަތެއްގައި ނޫން ކަމަށާއި ހަމައެކަނި މައުލޫމާތު ސާފުކުރުމަށް ކަމަށް ފުލުހުންނާ ހަވާލާދީ ޗެނަލް13 އިން ބުނެފައި ވެ އެވެ.