Roadha Mihaaru
ޗެނަލް 13 މާފަށް އެދެން ބްރޯޑްކޮމްއިން އަންގައިފި

ރައީސަށް ގެއްލުންދޭން ގޮވި ކޮންޓެންޓްގެ މައްސަލާގައި ޗެނަލް 13 މާފަށް އެދެން އަންގައިފި

10 ސެޕްޓެމްބަރ 2020

ރައީސް އިބްރާހިިމް މުހަައްމަދު ސޯލިހަށް ގެއްލުން ދޭން ޗެނަލް 13ގެ ޕްރޮގްރާމެއްގައި މީހަކު ގޮވާލި މައްސަލާގައި އެ ޗެނަލުން މާފަށް އެދެން އަންގައި އެފަދަ ކަންކަން ތަކުރާރުވާ ނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދޭން ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައީސް އިބްރާހިިމް މުހަައްމަދު ސޯލިހަށް ގެއްލުން ދޭން ޗެނަލް 13ގެ ޕްރޮގްރާމެއްގައި މީހަކު ގޮވާލި މައްސަލާގައި އެ ޗެނަލުން މާފަށް އެދެން އަންގައި އެފަދަ ކަންކަން ތަކުރާރުވާ ނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދޭން ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ނިންމައިފި އެވެ.

ރައީސްގެ ހަށިކޮޅަށް ގެއްލުން ދޭންވީ ބުނީ ޗެނަލް 13 އިން މިދިޔަ ބުރާސްފަތި ދުވަހު ގެނެސްދިން ލައިވް ޕްރޮގްރާމެއްގައި ބައިވެރިވި މީހަކު އެވެ. އެ މީހާ މިހާރު ހައްޔަރުކޮށް، ފުލުހުން ތަހުގީގު ކުރަމުންދާއިރު ޗެނަލް 13 ގެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް ދިޔައީ ބަލަމުންނެވެ. ނަމަވެސް ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށް ބުނެ ޗެނަލް 13 އިން ވަނީ ކޮޮމިޝަނަށް ޖަވާބުދާރީވާން ދެކޮޅު ހަދައިފަ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން އެ މައްސަލަ ބެލުމަށް ފަހު މިއަދު ނިންމާފައިވަނީ ޗެނަލް 13 އިން ގެނެސްދިން ކޮންޓެންޓް ކޯޑް އޮފް ޕްރެކްޓިސްގެ ބައެއް ހަމަތަކާ ޚިލާފް ކޮންޓެންޓެއް ކަމަށާއި އެހެންވެ، މާފަށް އެދި ބަޔާނެއް ނެރުމަށާއި އަދި އަންނަ ހޯމަ ދުވަހުގެ ކުރިން ދެ ދުވަހަކު އެ ޗެނަލްގެ "ރައްޔިތުންގެ އަޑު" ޕްރޮގްރާމް ފެށުމުގެ ކުރިންނާއި އަންނަ ހޯމަ ދުވަހުގެ ކުރިން ދެ ދުވަހެއްގެ ރޭގަނޑު 8 އާއި 9 އާ ދެމެދުގެ ވަގުތެއްގައި ވެސް، މާފަށް އެދޭ ބަޔާން އާންމު ކުރަން އެންގުމަށެވެ.

މީގެ އިތުރުން މިއީ ޗެނަލް 13 އިން ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފު އަމަލުތައް ތަކުރާރުވަމުންދާތީ އާއި މައްސަލައިގެ ޚައްސާސް ކަމަށް ބަލައި، އެކަން ތަކުރާރުވާ ނަމަ ގާނޫނާއި ގަވާއިދުގެ ތެރެއިން ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނުން ވެސް އެ ކޮމިޝަންގެ ނިންމުމުގައި ހިމެނެ އެވެ.

ވަގުތުން ގެނެސްދޭ ޕްރޮގްރާމްތަކުގައި ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފް ކޮންޓެންޓެއް ހިމެނުމުގެ ފުރުސަތު ނުދިނުމަށްޓަކައި އޮންއެއާގައި ސަމާލު ވާންވީ ކަންކަން އާންމުންނަށް ކިޔައިދިނުމަށާއި އަދި ސެންސަރު ކުރުމަށްޓަކައި ޑިލޭއެއް ހިމަނައިގެން ބްރޯޑްކާސްޓް ކުރުމުގެ ނިޒާމެއް ގާއިމްކޮށް، މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން އެ ކޮމިޝަނަށް އަންގަން ވެސް އެ ނިންމުމުގައިވެ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ ނިންމުމުގައިވާ ގޮތުން މި މައްސަލާގައި ފުލުހުން ތަހުގީގު ހިންގަމުން ދިޔަ ކަމުގައި ވިޔަސް، އެ މައްސަލަ އެ ކޮމިޝަނުން ބެލީ ފުލުހުން ހިންގަނީ ޖިނާއީ ތަހުގީގެއް ކަމަށް ވެފައި އަދި އެ ކޮމިޝަނުން ބަލަނީ ބްރޯޑްކާސްޓް ކުރުމުގެ ގާނޫނާ ޚިލާފްވުމުގެ މަދަނީ މައްސަލައެއް ކަމަށްވާތީ އެވެ.

ރައީސަށް ގެއްލުންދޭން ގޮވާލި މީހާ ހައްޔަރުކޮށް، އޭނާގެ ބަންދަށް 15 ދުވަސް ވަނީ އިތުރުކޮށްފަ އެވެ.