Roadha Mihaaru
ގައުމީ އިނާމަށް 94 ހުށަހެޅުން

ގައުމީ އިނާމަށް 94 ހުށަހެޅުން

10 ސެޕްޓެމްބަރ 2020

މިއަހަރުގެ ގައުމީ އިނާމަށް 94 ފަރާތަކުން ހުށަހަޅާފައިވާ ކަމަށް ގައުމީ އިނާމާބެހޭ ކޮމިޓީން ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މިއަހަރުގެ ގައުމީ އިނާމަށް 94 ފަރާތަކުން ހުށަހަޅާފައިވާ ކަމަށް ގައުމީ އިނާމާބެހޭ ކޮމިޓީން ބުނެފި އެވެ.

ގައުމީ އިނާމު ދިނުމަށް 33 ދާއިރާއެއް ކަނޑައަޅާފައި ވާއިރު، ނަން ހުށަހަޅާފައިވަނީ 26 ދާއިރާއަކަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އިނާމަށް ހުށަހެޅި މީހުންގެ ފޯމު ދިރާސާކުރުމުގެ މަސައްކަތާއި ޝަރުތު ހަމަވޭތޯ ބެލުމުގެ މަސައްކަތް ގައުމީ އިނާމާ ބެހޭ ކޮމިޓީން މިހާރު ވަނީ ފަށާފައި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ގައުމީ އިނާމަކީ ދިވެހި ގައުމާއި މުޖްތަމައުގެ މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި މަދަނީ މުއައްސަސާތަކުންނާއި މަދަނީ ޖަމިއްޔާތަކުގެ އިތުރުން ވިޔަފާރިތަކުން ދެމެހެއްޓެނިވި ގޮތަކަށް ގައުމުގެ ތަރައްގީއަށް ކުރާ މަސައްކަތް ބަލައިގަނެ، އަގު ވަޒަންކުރަން ދޭ އިނާމެކެވެ. ގައުމީ އިނާމުގެ ގޮތުގައި ދެނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރުދިނުމުގެ ގައުމީ އިނާމެވެ.

މިދިޔަ އަހަރު ޝަރަފްވެރި ކަމުގެ ގައުމީ އިނާމު ފަސް މީހަކަށް ދީފައިވާ އިރު ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދީފައި ވަނީ 21 މީހަކަށެވެ.

މި އިނާމު އެންމެ ފުރަތަމަ 1997 ވަނަ އަހަރުގައި ދޭން ފެށީ ސަރުކާރުގެ އިނާމުގެ ނަމުގަ އެވެ. އިނާމުގެ ނަން ގައުމީ އިނާމަށް ބަދަލުކުރީ 2009 ވަނަ އަހަރެވެ. އަދި 2018 ވަނަ އަހަރުން ފެށިގެން މި އިނާމު ދެނީ ގައުމީ ދުވަހު ބާއްވާ ރަސްމިއްޔާތެއްގަ އެވެ.