Roadha Mihaaru
ޕްރިންސިޕަލުންގެ އުސޫލަށް އަމަލުކުރުން މަޑުޖައްސާލައިފި

ޕްރިންސިޕަލުންގެ އުސޫލަށް އަމަލުކުރުން އެޑިއުކޭޝަނުން އެދިގެން މަޑުޖައްސާލައިފި

17 ސެޕްޓެމްބަރ 2020

ޕްރިންސިޕަލުންގެ އުސޫލަށް އަމަލުކުރުން، އެޑިއުކޭޝަން މިނިސްޓްރީން އެދިގެން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މަޑުޖައްސާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޕްރިންސިޕަލުންގެ އުސޫލަށް އަމަލުކުރުން، އެޑިއުކޭޝަން މިނިސްޓްރީން އެދިގެން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މަޑުޖައްސާލައިފި އެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ "ސަރުކާރު ސްކޫލުތަކުގެ ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސްކޫލު ކަނޑައެޅުމުގެ އުސޫލު" އާ ގުޅިގެން ގިނަ ޕްރިންސިޕަލުންތަކެއް ކަންބޮޑުވުން ފާޅުކުރަމުންދިއުމާ ގުޅިގެން އެ އުސޫލު ތަންފީޒުކުރުން މަޑުޖައްސާލުމަށް އެޑިއުކޭޝަނުން ހުށަހަޅާފައިވާ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު އުސޫލު އާއްމުކޮށް އެއަށް އަމަލުކުރަން ފެށުމަށް ފަހު ބައެއް ޕްރިންސިޕަލުން ވަނީ ސިވިލް ސާވިސް އޮނިގަނޑުން، އެޑިއުކޭޝަން މިނިސްޓްރީގެ އޮނިގަނޑަށް ބަދަލުކޮށްފަ އެވެ. ނަމަވެސް އާ އުސޫލެއް އާއްމުކުރަންދެން، ކުރީގެ އުސޫލަށް އަމަލުކުރުން މަޑުޖައްސާލާފައި ވެ އެވެ.

"...އެ މިނިސްޓްރީ އާއި ސަރުކާރު ސްކޫލުތަކުގެ ޕްރިންސިޕަލުންނާއި ކަމާ ގުޅުންހުރި އެހެނިހެން ފަރާތްތަކާއެކު މަޝްވަރާކޮށް އުސޫލު އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާތީ މި މަސައްކަތް ނިމި އަލުން އުސޫލު އާއްމުކުރެވެންދެން މި އުސޫލަށް އަމަލުކުރުން މަޑުޖައްސާލެވިފައިވާ ވާހަކަ ދަންނަވަމެވެ،" ބަޔާނުގައި ބުންޏެވެ.

ޕްރިންސިޕަލުން މަސައްކަތްކުރާނެ ސްކޫލު ކަނޑައަޅާ އުސޫލު ބުނާގޮތުން ޕްރިންސިޕަލަކަށް އެއް ސްކޫލެއްގައި ގިނަވެގެން ހުރެވޭނީ ހަތަރު އަހަރުގެ ދެ ޓާމަށެވެ. އެ މުއްދަތު ހަމަވުމުން ޖެހޭނީ އެހެން ސްކޫލަކަށް ބަދަލުވާށެވެ. އެ މުއްދަތުގައި ވެސް ޕްރިންސިޕަލުން މަސައްކަތްކުރާނެ ސްކޫލެއް ކަނޑައަޅާނީ، އެޑިއުކޭޝަން މިނިސްޓަރުގެ ލަފާގެ މަތިން އެ މިނިސްޓްރީގެ ޕީއެސް އެކުލަވާލައްވާ ފަސް މެމްބަރުންގެ ކޮމިޓީއަކުންނެވެ. ޓެނުއަޝިޕް މުއްދަތުގެ ތެރޭގައި ވެސް ޕްރިންސިޕަލަކު އެވަގުތު ހުންނެވި ސްކޫލެއް ބަދަލުކުރުމުގެ ބާރު އެ ކޮމިޓީއަށް ލިބެ އެވެ.

އެ އުސޫލުގައި ޕްރިންސިޕަލުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ، އެ ބޭފުޅުން މަސައްކަތްކުރާނެ ސްކޫލެއް ކަނޑައެޅުމުގެ ބާރު މިނިސްޓްރީގެ ކޮމިޓީއަށް ބާރު ލިބޭގޮތަށް އޮތް ބަޔަށެވެ. އެކަމާ ހިތްހަމަނުޖެހި "މިހާރު" އާ ވާހަކަދެއްކެވި ބައެއް ޕްރިންސިޕަލުން ވިދާޅުވީ ޓެނުއަޝިޕްގެ އުސޫލުން މަސައްކަތްކުރުމަށް ތާއިދުކުރައްވާ ކަމަށެވެ. ނަމަވެސް އެ މުއްދަތު ހަމަވުމުން ދެން މަސައްކަތްކުރަން ޖެހޭ ތަނެއް އެނގެން ޖެހޭނެ ކަމަށާއި އަދި ޕްރިންސިޕަލުން މަސައްކަތްކުރާނެ ސްކޫލެއް ކޮމިޓީއަކުން ކަނޑައެޅުމުގެ، ތައުލީމީ ދާއިރާ ސިޔާސީވެގެންދާނެ ނިންމުމެއް ކަމަށް ވިދާޅުވި އެވެ.

އެ އުސޫލާ ގުޅިގެން ޕްރިންސިޕަލުންގެ ހައްގުތައް ކަށަވަރުނުވާ ކަމަށް ބުނެ ތައުލީމީ ދާއިރާ ދޫކޮށް ދިއުމުގެ ވިސްނުން އެބަހުރި ކަމަށް ބައެއް ޕްރިންސިޕަލުން ވިދާޅުވި އެވެ.