Roadha Mihaaru
ދިއްދޫ ވިޔަފާރިވެރިއަކު މަރުވެފައި އޮއްވައި ފެނިއްޖެ

ދިއްދޫ ވިޔަފާރިވެރިއަކު މޫދުގައި މަރުވެފައި އޮއްވައި ފެނިއްޖެ

17 ސެޕްޓެމްބަރ 2020

ހއ. ދިއްދޫގައި ހޮޓާ ހިންގުމުގެ ވިޔަފާރީގައި މަޝްހޫރު އަބޫބަކުރު އަބްދުﷲ (ހޮޓާ ބަކުރު) މޫދަށް އެރި އުޅެނިކޮށް މަރުވެފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހއ. ދިއްދޫގައި ހޮޓާ ހިންގުމުގެ ވިޔަފާރީގައި މަޝްހޫރު އަބޫބަކުރު އަބްދުﷲ (ހޮޓާ ބަކުރު) މޫދަށް އެރި އުޅެނިކޮށް މަރުވެފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.

އެނގިފައިވާ ގޮތުގައި އޭނާ މޫދަށް ދިޔައީ ހަވީރު ކަސްރަތަށް ފަހުގަ އެވެ. ދިއްދޫ ދެކުނު ފަރާތު މޫދުގައި އޭނާ މަރުވެފައި އޮއްވައި ފެނުނީ ކުޑަކުދިންތަކަށް ކަމަށްވެ އެވެ. އެ ކުދިންނަށް ފެނިގެން ބޮޑެތި މީހުން ގެނެސް ބެލި އިރު ވެސް އޮތީ މަރުވެފަ އެވެ.

އަބޫބަކުރު އަބްދުﷲ ހޮޓާ ހިންގުމުގެ ވިޔަފާރިކުރާތާ ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ. އޭނާ އަކީ ސިޔާސީ ކަންކަމުގައި ވެސް ވަރަށް ހަރަކާތްތެރިކޮށް އުޅުނު މީހެކެވެ.

ފުލުހުން ބުނީ ދިއްދޫ ދެކުނު ފަރާތު އަތިރިމަތީ ރާޅުޖަހާ ހިސާބުގައި، ހަރަކާތް ނެތި ޚަބަރު ހުސްވެފައި އޮތް މީހަކު އޮތް ކަމުގެ ރިޕޯޓެއް ހަވީރު 5:56 ގައި ލިބުނު ކަމަށާއި އެ މީހާ އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި މަރުވެފައި އޮތީ އުމުރުން 59 އަހަރުގެ މީހެކެވެ.

މި މަރާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.