Roadha Mihaaru
ނުވަވަނަ މެޗުން މުމްބާއީ އިންޑިއަންސްއަށް ފުރަތަމަ މޮޅު

އައިޕީއެލް: ނުވަވަނަ މެޗުން މުމްބާއީ އިންޑިއަންސް އަށް ފުރަތަމަ މޮޅު

01 މެއި 2022

މުމްބާއީ (މެއި 1) - އިންޑިއަން ޕްރިމިއާ ލީގް (އައިޕީއެލް) ގެ އެންމެ ކާމިޔާބު ޓީމް މުމްބާއީ އިންޑިއަންސް މިއަހަރުގެ ލީގުގައި ފުރަތަމަ ފަހަރަށް މޮޅު ވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މުމްބާއީ (މެއި 1) - އިންޑިއަން ޕްރިމިއާ ލީގް (އައިޕީއެލް) ގެ އެންމެ ކާމިޔާބު ޓީމް މުމްބާއީ އިންޑިއަންސް މިއަހަރުގެ ލީގުގައި ފުރަތަމަ ފަހަރަށް މޮޅު ވެއްޖެ އެވެ.

މިހާތަނަށް ފަސް ފަހަރު އައިޕީއެލް ޓީ20 ކްރިކެޓް މުބާރާތް ކާމިޔާބު ކޮށްފައިވާ މުމްބާއީ އިންޑިއަންސް ވަނީ ލީގުގެ ފުރަތަމަ އަށް މެޗުން ވެސް ބަލި ވެފަ އެވެ. އެޓީމު މޮޅުވީ ރޭ ލީގުގައި ރާޖެސްތާން ރޯޔަލްސްއާ ވާދަކޮށް ހަ ވިކެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ.

މުމްބާއީ އިންޑިއަންސް އަށް ރޭގެ މެޗުގެ ޓޮސް ދިމާވުމުން ފުރަތަމަ ކުޅެން އެރީ ރާޖެސްތާނުންނެވެ. އެޓީމުން ވަނީ 20 އޯވަރު ތެރޭ ހަ ކުޅުންތެރިން ނުބައިވެގެން 158 ލަނޑު ހަދައިފަ އެވެ. އެންމެ ގިނަ ލަނޑު ހެދީ 52 ބޯޅައިން 67 ލަނޑު ހެދި އޯޕަނިން ބެޓްސްމަން، އިންގްލެންޑުގެ ޖޮސް ބަޓްލާ އެވެ.

ބަޓްލާ ނުބައިވީ 16 ވަނަ އޯވަރުގެ އެންމެ ފަހު ބޯޅައިގަ އެވެ. އެ އޯވަރުގެ ފުރަތަމަ ހަތަރު ބޯޅަ އޭނާ ވަނީ ހަޔަކަށް ޖަހައިފަ އެވެ. މުމްބާއީގެ ޒުވާން އޯލްރައުންޑާ ރިތިކު ޝޯކީން އެއްލި ބޯޅައިން ބަޓްލާ ހަޔަކަށް ފޮނުވާލަން މަސައްކަޔް ކުރި ނަމަވެސް އެ ބޯޅަ ހިފީ ސަންޖޭ ޔާދަވް އެވެ.

މުމްބާއީއިން މެޗު ކާމިޔާބުކުރީ ޖަވާބުގައި ކުޅެން އަރައި 19.2 އޯވަރުން ފަސް ކުޅުންތެރިން ނުބައި ވެގެން 161 ލަނޑު ހަމަ ކޮށްގެންނެވެ. ތިންވަނަ އޯވަރުގައި މުމްބާއީގެ ކެޕްޓަން ނުބައިވި އިރު އޭނާ އަށް ފަސް ބޯޅައިން ހެދުނީ ދެ ލަނޑެވެ. އޭނާގެ ބަދަލުގައި ކުޅެން އެރި ސޫރިޔާކުމާރް ޔާދަވް ވަނީ 39 ބޯޅައިން 51 ލަނޑު ހަދައިފަ އެވެ.

މިއީ ޖެހިޖެހިގެން ފުރަތަމަ އަށް މެޗުގައި ބަލިވި ފަހުން މުމްބާއީ އިންޑިއަންސް ހޯދި ފުރަތަމަ މޮޅެވެ. މި ނަތީޖާއިން ލީގު ތާވަލުގައި އެޓީމު އޮތް މަގާމަށް ބަދަލެއް ނާދެ އެވެ. އެންމެ މޮޅަކާ އެކު އެޓީމު އޮތީ 10 ޓީމު ވާދަކުރާ ލީގުގެ ފުލުގަ އެވެ. ރާޖެސްތާން ރޯޔަލްސް އޮތީ ލީގުގެ ދެވަނައިގަ އެވެ. އެއްވަނައިގައި މިވަގުތު އޮތީ ގުޖުރާތު ޓައިޓަންސް އެވެ. ގުޖުރާތުން އެއް މެޗުން ބަލިވެފައި ވާއިރު އަށް މެޗު ވަނީ ކާމިޔާބު ކޮށްފަ އެވެ.

އިންޑިއާގެ ބިލިއަނަރު މުކޭޝް އަމްބާނީ ހިންގާ ކުލަބް، މުމްބާއީ އިންޑިއަންސް އަކީ އިންޑިއާގެ އެންމެ މުއްސަނދި ކުރިކެޓް ކުލަބެވެ. މިއަހަރުގެ މުބާރާތަށް އެންމެ އަގު ބޮޑުކޮށް ކުޅުންތެރިއެއް ގެނެސްފައި ވަނީ ވެސް މުމްބާއީ އިންޑިއަންސް އިންނެވެ. މިދިޔަ ހަތަރު އަހަރު ވެސް އެޓީމަށް ކުޅުނު އިންޑިއާގެ ޒުވާން ބެޓްސްމަން އަދި ވިކެޓް ކީޕަރު އިޝާން ކިޝާން މި އަހަރު އެޓީމަށް ގެނައީ ޕަންޖާބް ކިންގްސް އާއި ގުޖުރާތު ޓައިޓަންސް އަދި ސަންރައިޒާސް ހައިދަރުއާބާދާ ވާދަކޮށް، 15.25 ކުރޯޑު އިންޑިއަން ރުޕީސް (ދެ މިލިއަން ޔޫއެސް ޑޮލަރު) ހޭދަ ކޮށްފަ އެވެ.