Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

24 ސެޕްޓެމްބަރ 2020

ދެހާސް އަށާރަ ވަނަ އަހަރު ޒީ5 ގެ ވެބް ސީރީޒް "ދަ ފައިނަލް" ކޯލް" ގައި މުހިއްމު ރޯލެއް ކުޅުނު އެކްޓަރު އަރުޖުން ރާމްޕާލް އަނެއްކާ ވެސް ޒީ5 ގެ ފިލްމަކުން ބެލުންތެރިންނާ ބައްދަލުކުރަން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދެހާސް އަށާރަ ވަނަ އަހަރު ޒީ5 ގެ ވެބް ސީރީޒް "ދަ ފައިނަލް" ކޯލް" ގައި މުހިއްމު ރޯލެއް ކުޅުނު އެކްޓަރު އަރުޖުން ރާމްޕާލް އަނެއްކާ ވެސް ޒީ5 ގެ ފިލްމަކުން ބެލުންތެރިންނާ ބައްދަލުކުރަން ތައްޔާރުވެއްޖެ އެވެ.

މި ފަހަރުގެ ފިލްމަކީ މަރެއްގެ ޝަރީއަތަށް މައްޗަށް ބިނާކޮށް ހަދާ ކޯޓްރޫމް ޑްރާމާ "ނެއިލް ޕޮލިޝް" އެވެ. މީގައި އަރުޖުން ފެންނާނީ ސިދު ޖެއިސިންގް ކިޔާ ދިފާއީ ވަކީލެއްގެ ރޯލުންނެވެ. ބަގްސް ބަރްގަވާ ކްރިޝްނާ ޑައިރެކްޓްކުރާ ފިލްމުގެ ކާސްޓުންގެ ތެރޭގައި މަނާވް ކޯލް، ރަޖިތު ކަޕޫރް އަދި އާނަންދު ތިވާރީ އެވެ.

ޒީ5 އިން "ނެއިލް ޕޮލިޝް" ގެ ފޮޓޯތަކެއް ވެސް ހިއްސާކޮށް ބުނީ ފިލްމު ވަރަށް އަވަހަށް ސްޓްރީމްކުރަން ފަށާނެ ކަމަށެވެ.

އަރުޖުން އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ 2018 ގައި ގެނެސްދިން ހަނގުރާމަ ފިލްމު "ޕަލްޓާން" އިންނެވެ.

"ކާލީ ޕީލީ" ގެ އާ ޓްރެއިލާއެއް

އަންނަ މަހުގެ 2 ގައި ޒީ ޕްލެކްސް އިން ޕްރިމިއާކުރާ ފިލްމު "ކާލީ ޕީލީ" ގެ އާ ޓްރެއިލާއެއް ދައްކާލައިފި އެވެ.

މަގުބޫލް ޚާން ޑައިރެކްޓްކޮށްފައިވާ މި ރޮމޭންޓިކް އެކްޝަންގެ ތަރިންނަކީ އަނަންޔާ ޕާންޑޭ އާއި އިޝާން ޚައްތަރެވެ. މިއީ ޒުވާން ދެ ތަރިންގެ ޖޯޑު އެކީގައި ފެންނާނެ ފުރަތަމަ ފިލްމެވެ.

"ކާލީ ޕީލީ" އަކީ "ބާރަތު" އާއި "ޓައިގާ ޒިންދާ ހޭ" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު އަލީ އައްބާސް ޒަފަރް ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމެވެ.

"ދިއްލީ" ގެ ޑަބިންގައި ސައިފް

ނެޓްފްލިކްސް އިން ގެނެސްދިން ވެބް ސީރީޒް "ސެކްރެޑް ގޭމްސް" އަށް ފަހު ސައިފް އަލީ ޚާން ކުޅުނު ވެބް ސީރީޒް "ދިއްލީ" ޑަބިންގެ މަސައްކަތް ފަށައިފި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅު އަޅައިގެން ގޭގައި ޑަބިން ކުރިއަށް ދަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ވަނީ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފަ އެވެ. "ދިއްލީ" އަކީ މިދިޔަ އަހަރު ޝޫޓްކޮށް ނިމިފައިވާ އެއްޗެކެވެ. މިއީ އަލީ ގެނެސްދޭ ފުރަތަމަ ވެބް ސީރީޒެވެ. މީގެ ކާސްޓުންގެ ތެރޭގައި ޑިމްޕަލް ކަޕާޑިއާ، ސުނިލް ގްރޯވާ އަދި ސާރާ ޖޭން ޑަޔަޒް ހިމެނެ އެވެ.

ޕޮލިޓިކަލް ތުރިލާއެއްގެ ގޮތުގައު ގެނެސްދޭ "ދިއްލީ" ގައި ފެނިގެންދާނީ ސައިފް އިންޑިއާގެ ބޮޑުވަޒީރުގެ މަގާމަށް އަންނަން ކުރާ މަސައްކަތެވެ. މީތި އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރާނެ ކަމަށް ބެލެވެނީ އަންނަ މަހުގެ ތެރޭގަ އެވެ.

ރިތިކްގެ ފަރާތުން ބޮޑު އެހީއެއް

އިންޑިއާގެ ބެލޭ ނެށުންތެރިއަކަށް ކުރިމަތިވެފައިވާ މާލީ ދަތިތަކަށް އެހީވުމުގެ ގޮތުން ބޮލީވުޑްގެ އެކްޓަރު ރިތިކް ރޯޝަން ތިން ލައްކަ ރުޕީސް ހަދިޔާކޮށްފި އެވެ.

މީގެ ކުރިން ވެސް އެކި ކަންކަމާ ގުޅިގެން ފައިސާގެ އެހީތައް ދީފައިވާ އެކްޓަރު މި ފަހަރު އެހީ ދިނީ އިނގިރޭސިވިލާތުގެ އިންގްލިޝް ނެޝަނަލް ބެލޭ ސްކޫލް އޮފް ލަންޑަންގައި ތަމްރީނުވުމުގެ ފުރުސަތު ލިބުނު ކަމަލް ސިންގް، 20، އެވެ. އޭނާގެ ބައްޕަ އަކީ ނިއު ދިއްލީގެ ޑްރައިވަރެކެވެ. ނަމަވެސް އާއިލާގެ މާލީ ތަނަވަސްކަން ނެތުމުން ލިބުނު ފުރުސަތުގެ ގެއްލިދާނެކަމުގެ ކަންބޮޑުވުން ސޯޝަލް މީޑިއާގައި ހިއްސާކުރުމުން ރިތިކް އެހީވީ އެވެ.

ކަމަލްގެ ޑާންސް ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރާ މާރިއޯ ފަނެންޑޯ ގިލީރާ ވަނީ ރިތިކްގެ ފަރާތުން ލިބުނު އެހީގެ ވާހަކަ އިންސްޓަގްރާމްގައި ހިއްސާކޮށް، ޝުކުރު ވެސް އަދާކޮށްފަ އެވެ.