Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

24 ޖުލައި 2021

ބޮލީވުޑްގެ އެކްޝަން ތަރި ވިދުޔަތު ޖަމްވަލްގެ މިދިޔަ އަހަރުގެ ކާމިޔާބު ފިލްމު "ޚުދާ ހާފިޒު" ގެ ދެވަނަ ބައިގެ މަސައްކަތް ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ އެކްޝަން ތަރި ވިދުޔަތު ޖަމްވަލްގެ މިދިޔަ އަހަރުގެ ކާމިޔާބު ފިލްމު "ޚުދާ ހާފިޒު" ގެ ދެވަނަ ބައިގެ މަސައްކަތް ފަށައިފި އެވެ.

ފުރަތަމަ ބައި ވެސް ލިޔެ، ޑައިރެކްޓްކުރި ފާރޫގް ކަބީރު ހަދާ "ޚުދާ ހާފިޒު ޗެޕްޓާ 2: އަގްނީ ޕަރިކްޝާ" ގައި މި ފަހަރު ވެސް ބަތަލާގެ ރޯލު ކުޅޭނީ ޝިވަލީކާ އޮބެރޯއީ އެވެ. ފިލްމުގެ ޕްރޮޑިއުސަރުންނަކީ ކުމާރު މަންގަތު ޕަތަކާއި ދަރިފުޅު އަބީޝެކް ޕަތަކް އެވެ.

މިދިޔަ އަހަރު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރި "ޚުދާ ހާފިޒް" އަކީ ބޭރު ގައުމެއްގައި އަންހެނުން ކިޑްނެޕްކުރުމުން ފިރިމީހާ އޭނާ ހޯދަން ކުރާ މަސައްކަތުގެ ދިމާވާ ހާދިސާތަކެއް ކިޔައިދިން އެކްޝަން ތުރިލާއެކެވެ.

މި ފިލްމުގެ ބަތަލު ވިދުޔަތު ދާދި ފަހުން ހޮލީވުޑްގެ އެޖެންސީއަކާ ސޮއިކޮށްފައިވާ އިރު، މިދިޔަ ހަފުތާގައި އަމިއްލަ ފިލްމު ކުންފުންޏެއް އެކްޝަން ހީރޯ ފިލްމްސްގެ ނަމުގައި އުފައްދާފައިވެ އެވެ.

އަނޫޕަމްގެ 519 ވަނަ ފިލްމަކީ "ޝިވް ޝާސްތުރީ ބަލްބޯއާ"

މިދިޔަ ހަފުތާގައި ކެރިއަރުގެ 519 ވަނަ ފިލްމަށް ސޮއިކުރިކަން އިއުލާންކުރި އެކްޓަރު އަނޫޕަމް ކޭރް އެ ފިލްމުގެ ނަމާ އެކު އޭގެ ޕޯސްޓަރުތަކެއް ދައްކާލައިފި އެވެ.

ފިލްމުގެ ނަމަކީ "ޝިވް ޝާސްތުރީ ބަލްބޯއާ" އެވެ. މިއީ އެމެރިކާގެ ކުޑަ އަވަށެއްގައި ދިރިއުޅޭ އިންޑިއާ މީހެއްގެ ހަޔާތުގެ ވާހަކައެއް ކިޔައިދޭ އެއްޗެކެވެ. ބޮލީވުޑްގެ ބަތަލާ ނީނާ ގުޕްތާ ވެސް ކާސްޓްގައި ހިމެނޭ މި ފިލްމަކީ އަޖާޔަން ވެނުގޯޕަލަން ޑައިރެކްޓްކުރާ އެއްޗެކެވެ.

"ޑަޔަލް 100" ގެ ޓްރެއިލާ ދައްކާލައިފި

ޒީ5 އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ ފިލްމު "ޑަޔަލް 100" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި ފިލްމަކީ "ގުރުބާން" އާއި "އުނގްލީ" ފަދަ ފިލްމުތައް ގެނެސްދިން ރެންސިލް ޑި ސިވްލާ ޑައިރެކްޓްކޮށްފައިވާ ތުރިލާއެކެވެ. "ޑަޔަަލް 100" ގެ ކާސްޓްގައި މަނޯޖް ބަޕްޖާއީ، ނީނާ ގުޕްތާ އަދި ސާކްޝީ ތަންވަރު ހިމެނެ އެވެ.

ފިލްމު ސްޓްރީމްކުރާނީ އަންނަ މަހުގެ 6 ގަ އެވެ.

"ބްލާ" ގައި ތާޕްސީ ކުޅެނީ ޑަބަލް ރޯލެއް

އަމިއްލަ ފިލްމު ކުންފުނި އައުޓްސައިޑާޒް ފިލްމްސް އިން ޕްރޮޑިއުސްކޮށް، ބަތަލާ ތާޕްސީ ކުޅޭ ތުރިލާ "ބްލާ" ގައި އޭނާ ކުޅެނީ ޑަބަލް ރޯލެއް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިއީ ފިލްމެއްގައި ހުނަރުވެރި ބަތަލާ އެފަދަ ރޯލެއް ކުޅޭ ފުރަތަމަ ފަހަރެވެ. މިދިޔަ ހަފުތާގައި ޝޫޓިން ވެސް ފަށާފައިވާ "ބްލާ" އަކީ އަޖޭ ބާލް ޑައިރެކްޓްކުރާ ފިލްމެކެވެ.

މީގެ ބަތަލަކީ ގުލްޝަން ދެވިއާ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ޒީ ސްޓޫޑިއޯސް އާއި އެކެލޯން ޕްރޮޑަކްޝަން ވެސް ހިއްސާވާ "ބްލާ" އަކީ ސްޕެއިންގެ ފިލްމު "ޖޫލިއާސް އައިޒް" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ.