Roadha Mihaaru
ޕީޕީއެމް އޮފީސް ރައީސް ޔާމީން ފެކްޝަންގެ ބާރުގެ ދަށަށް

ޕީޕީއެމް އޮފީސް ރައީސް ޔާމީން ފެކްޝަންގެ ބާރުގެ ދަށަށް، އެއްޗެހިތައް ނެރެގެން ގެންދަނީ

28 އޮކްޓޯބަރ 2016

ޕީޕީއެމް އޮފީސް، ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރާ ފެކްޝަންގެ ބާރުގެ ދަށަށް މި ރޭ ގެންގޮސްފި އެވެ. އަދި އެ އޮފީހުގައި ހުރި ތަކެތި ނެރެގެން އެހެން ތަނަކަށް ގެންދަން މިހާރު ވަނީ ފަށައިފަ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޕީޕީއެމް އޮފީސް، ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރާ ފެކްޝަންގެ ބާރުގެ ދަށަށް މި ރޭ ގެންގޮސްފި އެވެ. އަދި އެ އޮފީހުގައި ހުރި ތަކެތި ނެރެގެން އެހެން ތަނަކަށް ގެންދަން މިހާރު ވަނީ ފަށައިފަ އެވެ.

ރައީސް ޔާމީން ފެކްޝަންގެ ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްއަދާއި އިތުރު ތިން މީހަކު ވަނީ އާޓިފިޝަލް ބީޗު ކުރިމަތީގައި ހުންނަ ހ.ތެމާ އަށް ވަދެ، އޮފީހުގައި އަޅުވާފައި ހުރި ތަޅު ކީހާލުމަށް ފަހު އޮފީހަށް ވަދެފަ އެވެ.

އޭގެ ތެރެއިން އެކަކު ޕާޓީގެ އޮފީހަށް ވަދެ، ރަތްކުލައިގެ ކޮތަޅެއްގައި އެއްޗެހިތަކެއް ގެންދިޔަ މަންޒަރު ފެނުނެވެ. ނަމަވެސް އެ މީހާ ގެންދިޔައީ ކޮން އެއްޗެއް ކަމެއް ނޭނގެ އެވެ. ޕީޕީއެމް އޮފީސް ތެރޭގައި އަސްއަދާއި އިތުރު ބަޔަކު އަދިވެސް އެބަތިއްބެވެ.

ބުރުމާއެއް ބޭނުންކޮށްގެން ތަޅު ހަލާކުކޮށްލި އިރު، ފުލުހުން ދިޔައީ އެ ސަރަހައްދުގައި ފޯރިމަރަމުންނެވެ. އަދި އަސްއަދުގެ އަމަލުތައް ހުއްޓުވާކަށް ފުލުހުން އެއްވެސް މަސައްކަތެއް ނުކުރެ އެވެ.

ޕީޕީއެމް އޮފީސް ތެރޭގައި އެ ތިން މީހުން ހަރަކާތްތެރިވަމުން އަންނަ އިރު، ފުލުހުން ވަނީ ޕީޕީއެމް އޮފީހަށް ނުވަދެވޭ ގޮތަށް ބެރިކޭޑު ޖަހައި ބަންދުކޮށްފަ އެވެ. އެކަމަކު ރައީސް ޔާމީން ފެކްޝަންގެ މީހުން ޕީޕީއެމް އޮފީހަށް ވަންނަން ދިޔައިރު ފުލުހުން ހުރަސް އަޅާފައެއް ނުވެ އެވެ.

ނަމަވެސް ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދު ކުރައްވާ ފެކްޝަންގެ މެމްބަރުން ބެރިކޭޑްތަކަށް ވުރެ އެތެރެ އަށް ވަންނާކަށް ފުރުސަތެއް ނުދެ އެވެ. ބެރިކޭޑްތައް ކައިރީ ތިއްބެވި ބޭފުޅުންގެ ތެރޭގައި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު އާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ހިމެނިވަޑައިގަންނަވަ އެވެ.

ފުލުހުން ބެރިކޭޑް ޖަހާފައިވާ ސަރަހައްދަށް ފުލުހުން ހުއްދަ ދީގެން ވެއްދި ބޮޑު ދެ ޕިކަޕް ޕީޕީއެމް އޮފީސް ދޮށަށް ކައިރި ކޮށް އެ އޮފީހުގައި ހުރި އެއްޗެހިތައް އަރުވަނީ.

ފުލުހުން ބެރިކޭޑް ޖަހާފައިވާ ސަރަހައްދަށް ފުލުހުން ހުއްދަ ދީގެން ވެއްދި ބޮޑު ދެ ޕިކަޕް ޕީޕީއެމް އޮފީސް ދޮށަށް ކައިރި ކޮށް އެ އޮފީހުގައި ހުރި އެއްޗެހިތައް އަރުވަނީ.

ޕީޕީއެމް ހިންގުމުގެ ހުރިހާ ބާރެއް އެ ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަންނަވާ ގޮތަށް ސިވިލް ކޯޓާއި ހައި ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން މައުމޫންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. އެކަމަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ނިންމީ އެ މައްސަލަ ބަލައިނުގަތުމަށެވެ. އެހެންވެ، ޕީޕީއެމް އޮފީހުގައި ހުރި ހުރިހާ މުދާތަކާ ހަވާލުވުމުގެ ކަންކަން ރައީސް ޔާމީންގެ ފެކްޝަންގެ ބޭފުޅުން ދަނީ ކުރަމުންނެވެ.

ޕީޕީއެމް އޮފީސް ހުރި ސަރަހައްދު، ފުލުހުންގެ ބެރިކޭޑްތަކުން ބަންދުކޮށްފައިވާ އިރު، ދެ ޕިކަޕެއް އެ ސަރަހައްދަށް ވައްދަން ފުލުހުން ހުއްދަ ދިނުމުން، އެ ދެ ޕިކަޕް މިހާރު އޮތީ ޕީޕީއެމް އޮފީސް ދޮރުމަތީގަ އެވެ. އަދި ޕީޕީއެމް އޮފީސް ތެރޭގައި ހުރި އެއްޗެހިތައް ނެރެގެން އެ ދެ ޕިކަޕަށް މިހާރު ދަނީ އަރުވަމުންނެވެ.

ނަމަވެސް ރައީސް މައުމޫން ފެކްޝަންގެ ބޭފުޅުން ތަކުރާރުކޮށް ބުނަމުން އަންނަނީ ކޯޓު އަމުރެއް ނެތި ޕީޕީއެމްގެ ހަރުމުދާތައް ހަވާލު ނުކުރެވޭނެ ކަމަށެވެ. އަދި ވަކި ބައެއްގެ ހިމާޔަތުގައި ފުލުހުން މަސައްކަތް ކުރަމުން އަންނާތީ އެކަމާ ހިތާމަ ކުރާ ކަމަށް ވެސް އެ ފެކްޝަނުން ބުނެ އެވެ.

ދެބައިވެފައިވާ ޕީޕީއެމްގެ ދެ ފެކްޝަންގެ ސަޕޯޓަރުންގެ ދެމެދު ކޮންމެވެސް ވަރަކަށް ހަމަނުޖެހުންތަކެއް ވެސް ހިނގި އެވެ. އަދި މައުމޫން ފެކްޝަންގެ ސަޕޯޓަރުންނާ ފުލުހުންނާ މެދު ހޫނު ޒުވާބުތަކެއް ވެސް ހިނގި އެވެ. ނަމަވެސް އެ ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.