Roadha Mihaaru
ވޯޓުލާން 10 ދުވަހަށްވެފައި ވަނިކޮށް ހިލަރީއަށް ބޮމެއް

ވޯޓުލާން 10 ދުވަހަށްވެފައި ވަނިކޮށް ހިލަރީގެ ކެމްޕޭނަށް "ބޮމެއް" އަޅައިފި

29 އޮކްޓޯބަރ 2016

ވޮޝިންޓަން (އޮކްޓޯބަރު 29) - އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވޯޓުލާން 10 ދުވަހަށްވެފައި ވަނިކޮށް، ރޭހުގެ ކުރީގައި އުޅުއްވާ ޑިމޮކްރެޓިކް ކެންޑިޑޭޓް ހިލަރީ ކްލިންޓަންގެ އީމޭއިލްގެ އާ މައްސަލަތަކެއް ބަލަމުންދާ ކަމަށް އެފްބީއައި އިން ބުނެ، އެ ކަމަނާގެ ކެމްޕޭނަށް ވަރުގަދަ ބޮމެއް ވައްޓާލައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އެފްބީއައިގެ ޑިރެކްޓާ ޖޭމްސް ކޯމޭ ކޮންގްރެސްގެ މެންބަރުންނަށް ހުކުރު ދުވަހު ފޮނުއްވި ސިޓީއެއްގައި ވަނީ ޚާރިޖީ ވަޒީރުކަމުގައި ހިލަރީ ހުންނެވި ދުވަސްވަރު އަމިއްލަ އީމެއިލް ސާވާ ބޭނުންްކުރި މައްސަލައިގެ އާ ތަހުގީގެއް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ. އަދި ސިއްރު އެއްވެސް މައުލޫމާތަކާ ބެހޭ މުއާމަލާތެއް ހިންގައިފާވާނެތޯ ބަލާނެ ކަމަށް ކޯމޭ ވަނީ ވިދާޅުވެފަ އެވެ.

ހިލަރީގެ އާ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް އެފްބީއައި އިން ބުނި އިރު އެ އެޖެންސީން ވަނީ 2009-2013 އަށް ޚާރިޖީ ވަޒީރުކަމުގައި ހިލަރީ ހުންނެވި ދުވަސްވަރު އަމިއްލަ އީމެއިލް ބޭނުންކުރި މައްސަލަ ބެލުމަށް ފަހު ދައުވާ ކުރަން ފޮނުވޭވަރުގެ ކަމެއް ނެތް ކަމަށް ޖުލައި މަހު ބުނެފަ އެވެ.

އީމެއިލްތަކުގެ މައްސަލާގައި ހިލަރީ ކްލިންޓަން ސެނެޓުގެ ފޮރިން ރިލޭޝަންސް ކޮމިޓީ އަށް މައުލޫމާތު ދެއްވަނީ. --އޭއެފްޕީ ފައިލް ފޮޓޯ

އީމެއިލްތަކުގެ މައްސަލާގައި ހިލަރީ ކްލިންޓަން ސެނެޓުގެ ފޮރިން ރިލޭޝަންސް ކޮމިޓީ އަށް މައުލޫމާތު ދެއްވަނީ. --އޭއެފްޕީ ފައިލް ފޮޓޯ

އެފްބީއައިގެ ޑިރެކްޓަރުގެ ސިޓީއާ ގުޅިގެން ހިލަރީ ވަނީ އެކަމަނާގެ އީމެއިލްތަކާ ބެހޭ އާ މައްސަލައެއް ކުއްލިއަކަށް ފެންމަތި ކުރުމުގެ ތަފްސީލް ލަހެއް ނެތި ހާމަކުރުމަށް އެފްބީއައި އަށް ގޮވާލައްވައިފަ އެވެ. އަދި އެކަމުގެ ހަގީގަތް އެމެރިކާ ރައްޔިތުންނަށް ބޭނުންވާނެ ކަމަށް ހިލަރީ ވަނީ ވިދާޅުވެފަ އެވެ.

ހިލަރީގެ އީމެއިލްގެ އާ މައްސަލައެއް ފެންމަތިކޮށްފައި މި ވަނީ އެކަމަނާގެ ވަރަށް އަރިހުގައި މަސައްކަތް ކުރެއްވި ހުމާ އެބެޑިންގެ ވަކިވެފައިވާ ފިރިކަލުން އަދި ކޮންގްރެސްގެ ކުރީގެ މެންބަރެއް ކަމަަށްވާ އެންތަނީ ވެއިނާ، ނޯތު ކެރޮލީނާގެ 15 އަހަރުގެ އަންހެން ކުއްޖަކަށް ފޮނުވި އީމެއިލްތަކުގައި ޖިންސީ ކަންކަމާ ގުޅޭ ވާހަކަތައް ހިމެނޭތޯ ބެލުމަށް ހިންގި ތަހުގީގެއްގެ ތެރޭންނެވެ. އެބެޑިން އަކީ ހިލަރީގެ ޚާރިޖީ ވަޒީރު ކަމުގައި އެކަމަނާގެ ޑިޕިއުޓީ ޗީފް އޮފް ސްޓާފެވެ. އަދި ރިޔާސީ ކެމްޕޭނުގައި ޑިޕިއުޓީ ޗެއާޕާސަން ވެސް މެ އެވެ.

ރިޕަބްލިކަން ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް: ހިލަރީގެ އީމެއިލް މައްސަލާގައި ގެންދަވަނީ ފާޑު ވިދާޅުވަމުން. --ފޮޓޯ:އޭއެފްޕީ

ރިޕަބްލިކަން ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް: ހިލަރީގެ އީމެއިލް މައްސަލާގައި ގެންދަވަނީ ފާޑު ވިދާޅުވަމުން. --ފޮޓޯ:އޭއެފްޕީ

ހިލަރީގެ ކެމްޕޭނުގެ މީޑިއާ އެޑްވައިޒަރު ޖޭމްސް ރޫބިން ވިދާޅުވީ މި "ތޫފާނުން" ސަލާމަތްވުމުން ހުރިހާ ކަމެއް ވެސް ދާނީ ރަނގަޅަށް ކަމަށާއި އެފްބީއައި އިން ކޮންގްރެސް އަށް އެ ސިޓީ ފޮނުވީ އިންތިޚާބަށް ފަހު ރިޕަބްލިކަން ޕާޓީގެ ފާޑު ކިޔުންތަކުން ސަލާމަތްވުމަށް ކަމަށެވެ. ހިލަރީގެ ކެމްޕޭން ޗެއާމަން ޖޯން ޕޮޑެސްޓާ ވަނީ އެފްބީއައި އިން ސިޓީ ފޮނުވި ދަނޑިވަޅާ މެދު ސުވާލު އުފެދޭ ކަމަށް ވިދާޅުވެފަ އެވެ.

ވާދަވެރި ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ހިލަރީގެ އީމެއިލް މައްސަލައަކީ 1970 ގެ އަހަރުތަކުގައި ހިނގި ވޯޓާގޭޓް މައްސަލަ އަށް ފަހު ދެން ދިމާވި އެންމެ ބޮޑު ކަންތައް ކަމަށެވެ. ޓްރަމްޕް މިހާރު އުޅުއްވަނީ ޖިންސީ ގޮތުން އޭނާ ގޯނާ ކުރެއްވި ކަމަށް ބުނެ އަންހެނުންތަކެއް މީޑިއާގައި ދެއްކި ވާހަކަތަކަކުން ސަލާމަތް ނުވެވިގެންނެވެ.