Roadha Mihaaru
ހިލަރީ ދެން އިންތިޚާބެއްގައި ވާދައެއް ނުކުރައްވާނެ

ހިލަރީ ދެން އިންތިޚާބެއްގައި ވާދައެއް ނުކުރައްވާނެ

09 ޖެނުއަރީ 2017

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޑޮނަލްޑް ޓްރަމްޕާ ވާދަކުރައްވައި، ހީނުކުރާ ފަދަ ގޮތަކަށް ކުރިމަތިވެ ވަޑައިގެންނެވި ނާކާމިޔާބީ އަށް ފަހު ހިލަރީ ދެން އިންތިހާބެއްގައި ވާދަ ނުކުރައްވާނެ ކަމަށް އޭނާގެ އަރިސް ބޭފުޅަކު ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޑޮނަލްޑް ޓްރަމްޕާ ވާދަކުރައްވައި، ހީނުކުރާ ފަދަ ގޮތަކަށް ކުރިމަތިވެ ވަޑައިގެންނެވި ނާކާމިޔާބީ އަށް ފަހު ހިލަރީ ދެން އިންތިހާބެއްގައި ވާދަ ނުކުރައްވާނެ ކަމަށް އޭނާގެ އަރިސް ބޭފުޅަކު ވިދާޅުވެއްޖެ އެވެ.

ޑިމޮކްރަޓިކް ޕާޓީއާ ގުޅުން އޮންނަ ތިންކް ޓޭންކެއް ކަމަށްވާ ސެންޓަ ފޯ އެމެރިކަން ޕްރޮގްރެސްގެ ރައީސް އަދި ހިލަރީގެ ވަރަށް އަރިސް ބޭފުޅެއް ކަމަށްވާ ނީރާ ޓަންޑަން ސީއެންއެން އަށް ވިދާޅުވީ ހިލަރީ ދެން މަސައްކަތް ކުރައްވާނީ ކުޑަކުދިންނާއި އާއިލާތަކަށް އެހީވުމުގައި ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ.

"އެއީ ހިލަރީ މިހާތަނަށް ވެސް ކުރައްވަމުން އައި ކަމަކީ. ކުރިއަށް އޮތް އަހަރުތަކަކީ ކުޑަކުދިންނާއި އާއިލާތަކަށް ވަރަށް ގިނަ މައްސަލަތައް ކުރިމަތިވާނެ ދުވަސްތަކެއް ކަމަށް ބެލެވެނީ. އެކަމަކު ހިލަރީ ދެން އިންތިޚާބެއްގައި ވާދަކުރައްވާނެހެން ހިއެއް ނުވޭ،" ޓަންޑަން ވިދާޅުވި އެވެ.

ހިލަރީ އިންތިހާބެއްގައި ވާދަކުރައްވަފާނެ ކަމުގެ އަޑުތައް އަރަން ފެށީ އަނެއްކާވެސް ނިއު ޔޯކްގެ މޭޔަރު ކަމަށް ވާދަކުރައްވަފާނެ ކަމަށް ނިއު ޔޯކް ޓައިމްސްގައި ޝާއިއުކޮށްފައިވާ ލިޔުމަކާ ގުޅިގެންނެވެ. އެމެރިކާގެ ޚާރިޖީ ވަޒީރުކަން ވެސް ކުރައްވާފައިވާ ހިލަރީ އަކީ 2001 އިން 2009 އަށް ނިއު ޔޯކްގެ މޭޔަރެވެ.

ޓަންޑަން ވިދާޅުވީ ނިއު ޔޯކްގެ މޭޔަރުކަން ހޯއްދަވަން ހިލަރީ އުޅުއްވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ދެން އަނެއްކާވެސް ހިލަރީ ފެންނާނީ ކުޑަކުދިންނާއި އާއިލާތަކަށް އެހީތެރިވުމުގައި ކަމަށެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ޓަންޑަން ތަފްސީލަކަށް ނުދެ އެވެ.

އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަންގެ އަނބިކަނބަލުން ހިލަރީ އަށް ރިޔާސީ އިންތިހާބުގައި ނާކާމިޔާބުވެ ވަޑައިގެން ނަމަވެސް އާންމު އިވެންޓުތަކަށް އަދިވެސް ވަޑައިގެން އާދައިގެ ގޮތެއްގައި އުޅުއްވަ އެވެ. އަދި ސިޔާސީ ބައެއް ކަންކަމާ ގުޅިގެން ބައެއް ޓްވީޓްތައް ވެސް ކުރައްވާފައިވެ އެވެ.