Roadha Mihaaru
އެޕަލް އިން "ސެލްފް ހީލިން" ފަތްޖެހޭ ފޯނެއް ނެރެނީ

އެޕަލް އިން "ސެލްފް ހީލިން" ފަތްޖެހޭ ފޯނެއް ނެރެނީ

03 އޮކްޓޯބަރ 2020

ސްކްރީނަށް ލިބޭ ގެއްލުންތައް އަމިއްލަ ޒާތުގައި ރަނގަޅުވާ ގޮތަށް "ސެލްފް-ހީލިން" ފަތްޖެހޭ ފޯނު އުފައްދަން ނިންމައި، އޭގެ މަސައްކަތްތައް އެޕަލް އިން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސްކްރީނަށް ލިބޭ ގެއްލުންތައް އަމިއްލަ ޒާތުގައި ރަނގަޅުވާ ގޮތަށް "ސެލްފް-ހީލިން" ފަތްޖެހޭ ފޯނު އުފައްދަން ނިންމައި، އޭގެ މަސައްކަތްތައް އެޕަލް އިން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޓެކް ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނި ގޮތުގައި އެޕަލް އިން މިހާރު ވަނި އެ ފޯނުގެ ޕޭޓަންޓް ރަޖިސްޓްރީކުރަން އެމެރިކާގެ ޕޭޓަންޓް އެންޓް ޓްރޭޑްމާކް އޮފީހަށް ހުށަހަޅައިފަ އެވެ. ބައެއް މީޑިއާތަކުން ބުނީ އެޕަލް އިން ޕޭޓަންޓަށް އެޕްލައިކުރީ މި އަހަރުގެ ކުރީކޮޅު ކަމަށެވެ.

"ސެލްފް-ހީލިން" ފޯނު ވާނީ ކުރިއަށް އޮތް ތަނުގައި އައިފޯން ގެންގުޅޭ މީހުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށެވެ. ސަބަބަކީ މިހާރު މާކެޓްގައި ހުރި އައިފޯންތަކުގެ ސްކްރީން ފަސޭހައިން ހަލާކުވުމެވެ.

ފަތްޖެހޭ ފޯނު ނެރުމަކީ މިހާރު ސްމާޓްފޯނު އުފައްދާ ބޮޑެތި ހުރިހާ ކުންފުނިތަކަކުން ވެސް ފަށާފައިވާ މަސައްކަތަކަށްވާތީ އެޕަލްގެ ފަތްޖެހޭ "ސެލްފް-ހީލިން" ފޯނު ވެގެންދާނީ ވަރަށް ވެސް ހާއްސަ އުފެއްދުމަކަށެވެ.

ނަމަވެސް މި ފޯނު ނެރޭނެ ވަކި ދުވަހެއް އެޕަލް އިން އަދި ކަނޑައަޅައިފައެއް ނެތެވެ. ޓެކް ޚަބަރުތައް ގެނެސްދީ 9ޓު5މެކް އިން ބުނި ގޮތުގައި ޕޭޓަންޓަށް އެޕަލް އިން އެޕްލައިކުރީ ވެސް ވަކި ޓައިމްފްރޭމެއްގެ ތެރޭގައި ފޯނު ނެރެން އަމާޒު ހިފައިގެން ނޫން ކަމަށްވާތީ އެހާ އަވަސް އަރުވާލައިގެން "ސެލްފް-ހީލިން" ފަތްޖެހޭ ފޯނު ނެރުމަކީ އެޕަލް އިން ކުރަން ބޭނުންވާ ކަމެއް ނޫނެވެ.

ނަމަވެސް އެ ކުންފުނީގެ އަމާޒަކީ މި ވަގުތު މާކެޓްގައި ހުރިި ފަތްޖެހޭ ފޯނުތަކާ ގުޅޭ ގޮތުން ކަސްޓަމަރުން ދީފައި ހުރި ފީޑްބެތަކަށް ރިއާޔަތްކޮށްފައި، ކަސްޓަމަރުންގެ ޝަކުވާތައް ނުލިބޭ ފެންވަރުގެ އުދެއްދުމެއް ގެނެސްދިނުމެވެ.