Roadha Mihaaru
ކޮވިޑާ ހެދި އަންހެނުންނަށް ގޮންޖެހުން އިތުރުވި: އައިޝާ

ކޮވިޑްގެ ސަބަބުން އަންހެނުންނަށް ގޮންޖެހުން އިތުރުވެއްޖެ: މިނިސްޓަރު

02 އޮކްޓޯބަރ 2020

އަންހެނުންނަށް ކުރިއްސުރެ ކުރިމަތިވެފައިވާ ގޮންޖެހުންތައް ކޮވިޑް-19ގެ ސަބަބުން އިތުރުވެފައިވާ ކަމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އަންހެނުންނަށް ކުރިއްސުރެ ކުރިމަތިވެފައިވާ ގޮންޖެހުންތައް ކޮވިޑް-19ގެ ސަބަބުން އިތުރުވެފައިވާ ކަމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

"ފޯތު ވޯލްޑް ކޮންފަރެންސް އޮން ވުމެން" އަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި އދ. އިން ބޭއްވި މަތީ ފެންވަރުގެ ބައްދަލުވުމުގައި އައިޝާ ވިދާޅުވީ، ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމުގެ މަސައްކަތްތަކުގައި އިތުބާރާ އެކު ބަރޯސާ ވެފައި ވަނީ އެކަމުގައި އިސްކޮށް އުޅޭ އަންހެނުންނަށް ކަމަށެވެ. އެ މަސައްކަތްތަކުގައި ކުރިމަތިވާ ހުރިހާ ދައްޗަކާ ކުރިމަތިލައި، ހިތްވަރާ އެކު ހަނގުރާމަކުރަނީ އަންހެނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީގައި އިސްކޮށް މަސައްކަތް ކުރުމުން ފެށިގެން، ވަރުބަލިކަމެއް ނެތި ލެބޯރެޓަރީގައި މަސައްކަތްކޮށް، ސާމްޕަލްތައް ނަގައި ޓެސްޓްކޮށް، ވަގުތީ ހިޔާތައް މެނޭޖުކޮށް، މުޖުތަމައުގައި ނާޒުކު ހާލަތުގައި ތިބި މީހުންގެ ކަންތައްތައް ބަލަހައްޓަމުން ގެންދަނީ އަންހެނުން،" އާއިޝާ ވިދާޅުވި އެވެ.

އަންހެނުންނަށާއި އަންހެންކުދިންނަށް ބޭނުންވާ ޖިސްމާނީ އަދި ނަފުސާނީ ސިއްހީ އެހީތެރިކަން ކުރިން ވެސް އެކަށީގެންވާ ވަރަށް ނުލިބި އޮއްވައި، ކޮވިޑްގެ ސަބަބުން ސިއްހީ ނިޒާމަށް ބާރުބޮޑުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ ދަތިތަކުން އަރައިގަތުމަށްޓަކައި ރާއްޖެ ކަހަލަ ކުދި ޖަޒީރާ ގައުމުތަކަށް ދަރަނި ފަސްކޮށްދިނުން ފަދަ އެހީތެރިކަން ދުނިޔޭގެ މާލީ އިދާރާތަކުން ދިނުމަކީ މިހާރު ކޮންމެހެން ބޭނުން ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަންހެނުން ބާރުވެރިކުރުވަން މިހާރުގެ ސަރުކާރުން ކޮށްފައިވާ ބައެއް މުހިއްމު ކަންތައްތައް ވެސް މިނިސްޓަރު އަލިއަޅުވައިލެއްވި އެވެ. އެގޮތުން ސުޕްރީމް ކޯޓްގެ ބެންޗަށް ފުރަތަމަ އަންހެން ދެ ފަނޑިޔާރުން އައްޔަން ކުރުމާއި ލޯކަލް ކައުންސިލްތަކުގައި އަންހެނުންނަށް ގޮނޑިތައް ހާއްސަ ކުރުން އަދި ދިވެހި ސަފީރުންގެ 50 ޕަސެންޓަކީ އަންހެން ބޭފުޅުން ކަމަށް ހެދުމަކީ ސަރުކާރުން ކޮށްފައިވާ މަސައްކަތްތައް ކަމަށް ވިދާޅުވިއެވެ. \

އާއިޝާ ވިދާޅުވި ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ސްޓްރެޓެޖިކް އެކްޝަން ޕްލޭން 2019-2023 ތައްޔާރު ކޮށްފައި ވަނީ ބެެއިޖިން ޑެކްލަރޭޝަނާއި ސަސްޓެއިނަބްލް ޑިވެލޮޕްމެންޓް ގޯލްސް އަށް ރިއާޔަތް ކޮށްގެންނެވެ.