Roadha Mihaaru
ކޭސްތައް މަދުވާނެކަމަށް ބެލެވެނީ ދޮޅުމަސްފަހުން:އަސްލަމް

ކޮވިޑް ކޮންޓްރޯލްވާނެ ކަމަށް ލަފާކުރެވެނީ ދޮޅުމަސް ފަހުން: އަސްލަމް

05 އޮކްޓޯބަރ 2020

ކޮވިޑް-19 ގެ އިތުރު ރާޅެއް ނާތުވެއްޖެ ނަމަ އެ ބަލި ކޮންޓްރޯލްވާނެ ކަމަށް ބެލެވެނީ އަދި ދޮޅުމަސް ދުވަސް ފަހުން ކަމަށް ލަފާ ކުރެވޭ ކަމަށް ހެލްތު މިނިސްޓްރީ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 ގެ އިތުރު ރާޅެއް ނާތުވެއްޖެ ނަމަ އެ ބަލި ކޮންޓްރޯލްވާނެ ކަމަށް ބެލެވެނީ އަދި ދޮޅުމަސް ދުވަސް ފަހުން ކަމަށް ލަފާ ކުރެވޭ ކަމަށް ހެލްތު މިނިސްޓްރީ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މެމްބަރަކު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ކޮވިޑް ކޮންޓްރޯލް ކުރަން އެޅި ލޮކްޑައުން ފިޔަވަޅު އުވައިލި އިރު ރާއްޖޭގައި ކޮވިޑްގެ ރޭޓަކީ ކޮންމެ 100،000 އަކަށް 40 ކޭސް ކަމަށާއި މިހާރު އެ ނިސްބަތް ހުރީ 140 ގައި ކަމަށެވެ. އަސްލަމް ވިދާޅުވީ އެހެން ގައުމުތަކުގައި ވެސް ކޮވިޑް ފެތުރުމުގެ ހާލަތު ބަލާ އެއް އިންޑިކޭޓާ އަކީ ކޮންމެ 100،000 އަކަށް ޖެހޭ ކޭސްތަކުގެ އަދަދު ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި ރާއްޖެއަށް ކޮވިޑްގެ ދެވަނަ ވޭވެއް އައުމަށް ފަހު މިހާރު މިދަނީ ދަށަށް ކަމަށެވެ.

"ލޮކްޑައުން ލިފްޓް ކުރި އިރު އަޅުގަނޑުމެން ތިބީ 40 ކޭސަަަސް ޕާ ޑޭ ހަންޑްރެޑް ތައުންޒަން އަށް ބަލައިފިކަމަށް ވަންޏާ. އަޅުގަނޑުމެން އަދި މިތިބީ 140 ގައި، މިއީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް އަސްލުގައި ކޮވިޑްގެ ހާލަތު ދެނެގަތުމަށް ގެންގުޅޭ މެޝާސްތަކުގެ ތެރެއިން އެއް މެޝާ،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވޮގޮތުގައި ކޮވިޑްގެ ކޭސްތައް މިހާރު އިތުރުވަމުން ނުދިޔަ ކަމަށް ވިޔަސް 40 އާ ހަމައަށް ދަށަށް ދާން އަދި ދޮޅުމަސް ދުވަސް ހޭދަވާނެ އެވެ. އެ އަދަދަކީ އޭނާ ވިދާޅުވި ގޮތުގައި ބަލި ކޮންޓްރޯލްކުރުމުގައި ބެންޗްމާކެއްގެ ގޮތުގައި ބަލާ އަދަދެވެ.

"އަދި ގާތްގަނޑަކަށް އަޅުގަނޑު ގަބޫލުކުރަނީ މިހާރުދާ ރޭޓުގައި، ކޭސަސް އިންކްރީޒް ނުވިކަމުގައި ވިޔަސް، މިދެންނެވި ބެންޗްމާކާ ހަމައަށް، 40 އާ ހަމައަށް ތިރިވާން ދޮޅުމަހެއްހާ ދުވަސް ނަގާނެ ކަމަށް، އިތުރު ވޭވެއް ނައިސްފި ކަމަށް ވަންޏާ،" އަސްލަމް ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް އަސްލަމް ވަޑަައިގެންނެވީ މާވަށު ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ސައީދު ކުރައްވާ ސުވާލަކަށް ޕްލޭނިން މިނިސްޓަރުގެ ހައިސިއްޔަތުން ޖަވާބު ދެއްވުމަށެވެ. އެކަމަކު މެމްބަރަކު ކޮވިޑްގެ ސުވާލެއް ކުރެއްވުމުން ވެސް އޭނާ ނިންމެވީ ޖަވާބު ދެއްވުމަށެވެ.