Roadha Mihaaru
މެލޭޝިއާ އިން ރެކޯޑް އަދަދަކަށް ޕޮޒިޓިވް ވެއްޖެ

މެލޭޝިއާ އިން ރެކޯޑް އަދަދަކަށް ޕޮޒިޓިވްވެ ބޮޑުވަޒީރު ކަރަންޓީނަށް

06 އޮކްޓޯބަރ 2020

ކުއާލަ ލަމްޕޫރު (އޮކްޓޯބަރު 6) - މެލޭޝިއާ އިން ރެކޯޑް އަދަދެއް ކަމަށްވާ 432 މީހުން ކޮރޯނާވައިރަހަށް އިއްޔެ ޕޮޒިޓިވް ވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކުއާލަ ލަމްޕޫރު (އޮކްޓޯބަރު 6) - މެލޭޝިއާ އިން ރެކޯޑް އަދަދެއް ކަމަށްވާ 432 މީހުން ކޮރޯނާވައިރަހަށް އިއްޔެ ޕޮޒިޓިވް ވެއްޖެ އެވެ.

ޕޮޒިޓިވް މިނިސްޓަރަކާ ބައްދަލުވެފައިވާތީ ބޮޑުވަޒީރު ވަނީ ކަރަންޓީނަށް ވަޑައިގަތުމަށް ނިންމަވައިފަ އެވެ.

ހެލްތު މިނިސްޓްރީން ބުނީ ޖެނުއަރީ މަހު މެލޭޝިއާ އިން ފުރަތަމަ ކޭސް ފެނުނު ފަހުން މިއީ އެއްދުވަސް ތެރޭ އެންމެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ދުވަސް ކަމަށެވެ. ކުރިން އެންމެ ގިނަ މީހުން އެއް ދުވަސް ތެރޭ ޕޮޒިޓިވްވީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ ދުވަހު ވަނީ 317 މީހުން ޕޮޒިޓިވްވެފަ އެވެ. އިއްޔެ އަކީ ތިން އަކުރުގެ އަދަދުތަކުން، ޖެހިޖެހިގެން ޕޮޒިޓިވްވި ފަސް ވަނަ ދުވަހު އެވެ. އޮކްޓޯބަރު 1 ވަނަ ދުވަހު 260 މީހުން ޕޮޒިޓިވްވި ފަހުން ކޮންމެ ދުވަހަކު ވެސް ދަނީ އަދަދުތައް މަތިވަމުންނެވެ.

މެލޭޝިއާ އިން އިއްޔެ ޕޮޒިޓިވްވި 432 މީހުންގެ ތެރޭން 429 މީހުންނަކީ ލޯކަލް ޓްރާންސްމިޝަނެވެ. އޭގެ ތެރޭގައި މެލޭޝިއާގެ 409 މީހުންނާއި 20 ބިދޭސީން ހިމެނެ އެވެ.

މެލޭޝިއާ އިން މިހާތަނަށް 12،813 މީހުން ޕޮޒިޓިވްވިއިރު އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ ވެރިރަށް ކުއާލަ ލަމްޕޫރުންނެވެ.

ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މެލޭޝިއާގެ ރިލިޖަސް އެފެއާޒް މިނިސްޓަރު (ކ) އަދި ބޮޑުވަޒީރު މުހްޔިއްދީން. --ފޮޓޯ:އީޕީއޭ

ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މެލޭޝިއާގެ ރިލިޖަސް އެފެއާޒް މިނިސްޓަރު (ކ) އަދި ބޮޑުވަޒީރު މުހްޔިއްދީން. --ފޮޓޯ:އީޕީއޭ

އަނެއްކޮޅުން މެލޭޝިއާގެ ކެބިނެޓުގެ މިނިސްޓަރަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވުމާ ގުޅިގެން ބޮޑުވަޒީރު މުހްޔިއްދިން ޔާސިން ވަނީ 14 ދުވަހަށް ކަރަންޓީނަށް ވަޑައިގަތުމަށް ނިންމަވައިފަ އެވެ. އުމުރުން 73 އަހަރުގެ ބޮޑުވަޒީރު ވިދާޅުވީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ރިލިޖަސް އެފެއާޒް މިނިސްޓަރު ޒުލްކިފްލީ މުހައްމަދު އަލް ބަކްރީއާ އެކު ހޮނިހިރު ދުވަހު ބައްދަލުވުމެއް ބޭއްވި ކަމަށެވެ. އޭގެ ދެ ދުވަސް ފަހުން ޒުލްކިފްލީ ވަނީ ޕޮޒިޓިވްވެފަ އެވެ. އެ ބައްދަލުވުމުގައި ބައިވެރިވި އެހެން މީހުންގެ ތެރޭގައި ސެކިއުރިޓީ މިނިސްޓަރު، ހެލްތު މިނިސްޓަރު އަދި ޑިރެކްޓާ ޖެނެރަލް އޮފް ހެލްތާއި ސިފައިންނާއި ފުލުހުންގެ އެންމެ އިސްވެރިން ހިމެނެ އެވެ.