Roadha Mihaaru
އިންތިޚާބަކަށް ނުގޮސް މެލޭޝިއާ އަށް އާ ބޮޑުވަޒީރެއް

އިންތިޚާބަކަށް ނުގޮސް މެލޭޝިއާ އަށް އާ ބޮޑުވަޒީރެއް

21 އޯގަސްޓް 2021

ކުއާލަ ލަމްޕޫރު (އޮގަސްޓް 21) - މެލޭޝިއާގެ ކުރީގެ ސަރުކާރު ވެއްޓުމާ ގުޅިގެން އާ އިންތިޚާބަކަށް ނުގޮސް، އާ ބޭފުޅަކު ބޮޑުވަޒީރުގެ މަގާމަށް މިއަދު ހަމަޖައްސައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކުއާލަ ލަމްޕޫރު (އޮގަސްޓް 21) - މެލޭޝިއާގެ ކުރީގެ ސަރުކާރު ވެއްޓުމާ ގުޅިގެން އާ އިންތިޚާބަކަށް ނުގޮސް، އާ ބޭފުޅަކު ބޮޑުވަޒީރުގެ މަގާމަށް މިއަދު ހަމަޖައްސައިފި އެވެ.

ޔުނައިޓެޑް މެލޭސް ނޭޝަނަލް އޮގަނައިޒޭޝަން (އަމްނޯ) ގެ އިސްމާއިލް ސަބްރީ ޔައުގޫބު ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވީ ޕާލަމެންޓުގެ އަޣުލަބިއްޔަތު އޭނާ އަށް އޮތްކަން ރަސްގެފާނަށް ސާބިތުކޮށްދެއްވުމުންނެވެ. އާ ބޮޑުވަޒީރުގެ މަގާމަށް ސަބްރީ ނޮމިނޭޓްކޮށްފައި ވަނީ އިއްޔެ އެވެ. އެއީ 17 މަހަށް ފަހު ބޮޑުވަޒީރުގެ މަގާމުން މުހްޔިއްދީން ޔާސީން މިދިޔަ ހަފުތާގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ ޕާލަމެންޓުގެ އަޣުލަބިއްޔަތު ގެއްލުމުންނެވެ. އަދި ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅުތަކަށް އާއްމުންގެ ނުރުހުން ވަރަށް ބޮޑަށް އަމާޒު ވެސް ވުމުންނެވެ.

ގައުމުގައި ކޮރޯނާވައިރަހުގެ ހާލަތު މި ވަގުތު އޮތް ގޮތުން އާ އިންތިޚާބަކަށް ދިއުމުގެ ބަދަލުގައި ރަސްގެފާން ސުލްތާން އަބްދުﷲ ސުލްތާން އަހުމަދު ޝާހު ނިންމެވީ ޕާލަމެންޓުގެ އަޣުލަބިއްތު އޮތް ބޭފުޅަކު ބޮޑުވަޒީރުގެ މަގާމަށް އައްޔަން ކުރުމަށެވެ.

މެލޭޝިއާގެ އާ ބޮޑުވަޒީރު މަގާމުގެ ހުވާ މިއަދު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

މެލޭޝިއާގެ އާ ބޮޑުވަޒީރު މަގާމުގެ ހުވާ މިއަދު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

މެލޭޝިއާގެ އެންމެ ފަހު ސަރުކާރު ކޯލިޝަނުގައި އަމްނޯ ހިމެނުނު އިރު އުމުރުން 61 އަހަރުގެ އިސްމާއިލް ސަބްރީ އަކީ ބޮޑުވަޒީރުގެ ނައިބެވެ. އޭނާ ވަނީ ކެބިނެޓުގެ ވަރަށް ގިނަ މަގާމުތައް އަދާކުރައްވައިފަ އެވެ.

ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އާ ބޮޑުވަޒީރަކު އައްޔަން ކުރުމާ ގުޅިގެން މެލޭޝިއާގައި ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅައި އަދި ސިޔާސީ ކޯޅުންގަނޑު ނިމުމަކަށް އަންނާނެ ކަމަށް ރަސްގެފާން އުއްމީދު ކުރައްވާ ކަމަށެވެ.

އިދިކޮޅު ލީޑަރު އަންވަރު އިބްރާހިމް އަށް ޕާލަމެންޓުގެ އަޣުލަބިއްޔަތު ނުލިބި ބޮޑުވަޒީރުކަން ގެއްލުމުން އޭނާ ވަނީ ކޯލީޝަން ޕާޓްނަރުން އާ އިންތިޚާބަށް ތައްޔާރުވުމަށް ގޮވާލައްވައިފަ އެވެ.

އަންވަރަކީ 2018 ވަނަ އަހަރުގެ އިންތިޚާބުގައި ނަޖީބު ރައްޒާގުގެ ސަރުކާރު ބަލިކުރުމަށް އުފެއްދި ކޯލިޝަނުގެ ބައިވެރިއެކެވެ. ނަމަވެސް މަހާތިރު މުހައްމަދު ބޮޑުވަޒީރަކަށް ހަމަޖައްސައިގެން އުފެއްދި ސަރުކާރުގެ ތެރޭގައި މިދިޔަ އަހަރު ކޯޅުން ބޮޑުވެ އެންމެ ފަހުން މަހާތިރު އިސްތިއުފާ ދެއްވުމުން، ބޮޑުވަޒީރުގެ މަގާމަށް މުހްޔިއްދީން ޔާސިން ވަނީ ހަމަޖައްސައިފަ އެވެ.

އިސްމާއިލް ސަބްރީ އަކީ ހަތަރު އަހަރު ތެރޭ މެލޭޝިއާގައި ބޮޑުވަޒީރުކަން ކުރައްވާ ތިން ވަނަ ބޭފުޅާ އެވެ. ނަމަވެސް ސަބްރީގެ ސަރުކާރަކީ ކުރީގެ ސަރުކާރުގެ އާ ވާޝަނެއް ކަމަށް ބެލެވެ އެވެ. މުހްޔިއްދީނާއި އޭނާގެ ބައިވެރިންގެ ތާއީދު ސަބްރީ އަށް އޮތްކަން ވަނީ ހާމަކޮށްފަ އެވެ.

ބޮޑުވަޒީރުކަމަށް ސަބްރީ ހަމަޖެއްސުމުން އާއްމުންގެ ނުރުހުން ވަނީ އަމާޒުވެފަ އެވެ. އޭނާ ބޮޑުވަޒީރަކަށް ހަމަޖެއްސުމާ ދެކޮޅަށް އެތައް ހާސް ބަޔަކު ދަނީ ޕެޓިޝަނެއްގައި ސޮއިކުރަމުންނެވެ. އެހެންވެ ކުރީގެ ސަރުކާރެކޭ އެއްގޮތަށް ސަބްރީގެ ސަރުކާރަށް ވެސް ހަމަޖެހެމެއް ނާންނާނެ ކަމަށް އޮފިޝަލުން ލަފާކުރެ އެވެ.