Roadha Mihaaru
ޗިއެސާ ޔުވެންޓަސް އަށް، 60 މިލިއަނަށް އަގު އަރާފާނެ

ޗިއެސާ ޔުވެންޓަސް އަށް، 60 މިލިއަނަށް އަގު އަރާފާނެ

06 އޮކްޓޯބަރ 2020

ރޯމް (އޮކްޓޫބަރު 6) – އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އިން ފިއޮރެންޓީނާގެ އިޓަލީ ވިންގާ ފެޑެރިކޯ ޗިއެސާގެ ސޮއި 60 މިލިއަން ޔޫރޯ އަށް އަރާފާނެ ޑީލެއްގެ ދަށުން ހޯދައިފި އެވެ.

ރޯމް (އޮކްޓޫބަރު 6) – އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އިން ފިއޮރެންޓީނާގެ އިޓަލީ ވިންގާ ފެޑެރިކޯ ޗިއެސާގެ ސޮއި 60 މިލިއަން ޔޫރޯ އަށް އަރާފާނެ ޑީލެއްގެ ދަށުން ހޯދައިފި އެވެ.

ޗިއެސާ ޔުވެންޓަސްއާ އެކު ސޮއިކޮށްފައިވަނީ 10 މިލިއަން ޔޫރޯގެ ދެ އަހަރުގެ ލޯން ޑީލެއްގަ އެވެ. އަދި ބައެއް ކަންކަން ފުރިހަމަވެއްޖެ ނަމަ ދެ އަހަރު ފަހުން ޔުވެންޓަސް އިން އޭނާގެ 40 މިލިއަން ޔޫރޯ އަށް ގަންނާނެ އެވެ. އަދި އިތުރު ޝަރުތުތަކެއް ފުރިހަމަވެއްޖެ ނަމަ 10 މިލިއަން ޔޫރޯ އިތުރަށް ދޭން ޖެހިދާނެ އެވެ. އޭނާ އަށް މި ދެ އަހަރު ޔުވެންޓަސް އިން މުސާރައިގެ ގޮތުގައި 10 މިލިއަން ޔޫރޯ ދޭނެ އެވެ.

އުމުރުން 22 އަހަރުގެ ޗިއެސާ ގަންނަން ދެން އެންމެ ބޮޑަށް މަސައްކަތްކުރީ އޭސީ މިލާނެވެ. އެކަމަކު އެ ޓީމަށް، ފިއޮރެންޓީނާއާ އެކު އަގަކާ މެދު އެއްބަސްވުމަކަށް ނާދެވުނެވެ.

ދުވެލި ބާރު، ޓެކްނިކަލީ މޮޅު ވިންގާ ވަނީ މިދިޔަ ސީޒަނުގައި 11 ގޯލް ޖަހައި ހަތް ގޯލް ޖަހަން މަގުފަހިކޮށްދީފަ އެވެ. އޭނާގެ ބަދަލުގައި ފިއޮރެންޓީނާ އިން ގެނައީ ނަޕޯލީގެ ހޯސޭ ކަލެޔޮން އެވެ.

ޔުވެންޓަސް އިން ވަނީ ޓްރާންސްފާގެ ފަހު ވަގުތު ތިން ކުޅުންތެރިޔަކު ދޫކޮށްލައިފަ އެވެ. އެގޮތުން ވިންގާ ޑަގްލަސް ކޮސްޓާ ވަނީ ލޯން އުސޫލުން އޭނާގެ ކުރީގެ ޓީމު ބަޔާން މިއުނިކަށް ދޫކޮށްލައިފަ އެވެ. ފުލްބެކް މަޓިއާ ޑި ސިގްލިއޯ ފްރާންސްގެ އޮލިމްޕިކް ލިޔޯނާ ގުޅުނުއިރު ޑިފެންޑަރު ޑެނިއަލީ ރުގާނީ ދިޔައީ ފްރާންސްގެ ރޭނިސް އަށެވެ.

އިޓަލީގެ އެހެން ޓްރާންސްފާތަކަށް ބަލާއިރު މެންޗެސްޓާ ޔުނައިޓެޑުގެ ޑިފެންޑަރު ކްރިސް ސްމޯލިން ވަނީ ލޯން އުސޫލުން މިދިޔަ ސީޒަނުގައި ކުޅުނު ރޯމާ އަށް އަލުން ގުޅިފަ އެވެ. ދިގު ދެމިގެންދިޔަ މަޝްވަރާތަކަކަށް ފަހު ޔުނައިޓެޑުން އޭނާ ރޯމާ އަށް ވިއްކާލީ 15 މިލިއަން ޔޫރޯ އަށެވެ.

އަދި ޗެލްސީގެ ލޯނެއްގެ ދަށުން ފްރާންސްގެ މޮނާކޯ އަށް ކުޅެމުން އައި އެ ގައުމުގެ މިޑްފީލްޑަރު ޓިމެއޯ ބަކަޔޯކޯ ވަނީ ލޯނެއްގެ ދަށުން އިޓަލީގެ ނަޕޯލީ އަށް ބަދަލުވެފަ އެވެ. ނަޕޯލީގައި އޭނާ އަށް ކޯޗުކޮށްދޭނީ ކުރިން އޭނާ އަށް އޭސީ މިލާނުގައި ކޯޗުކޮށްދިން ޖެނާރޫ ގަޓޫސޯ އެވެ. ބަކަޔޯކޯ އަލުން ގެންނަން މިލާނުން ވަރަށް ބޮޑަށް މަސައްކަތްކުރި ނަމަވެސް ޗެލްސީއާ އެކު އަގަކާ މެދު އެއްބަސްނުވެވުނީ އެވެ.