Roadha Mihaaru
ޗައިނާއާއެކު ފްރީޓްރޭޑް އެއްބަސްވުމެއް ނެތް: ނަޝީދު

ރާއްޖެ-ޗައިނާ ފްރީ ޓްރޭޑް އެގްރިމެންޓެއް ނެތް: ނަޝީދު

07 އޮކްޓޯބަރ 2020

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޗައިނާއާ އެކު ރާއްޖޭން ސޮއިކުރި އެއްބަސްވުމުގައި ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަކޮށްފައި ނުވާތީ އެ އެއްބަސްވުން މިހާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޗައިނާއާ އެކު ރާއްޖޭން ސޮއިކުރި އެއްބަސްވުމުގައި ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަކޮށްފައި ނުވާތީ އެ އެއްބަސްވުން މިހާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ދެއްވި ޖަވާބަކަށް ފަހު ނަޝީދު ވިދާޅުވީ ފްރީ ޓްރޭޑް އެއްބަސްވުމަށް އަމަަލުކުރަން ފެށޭނީ ވަކި ކަންތައްތަކެއް ކޮށްގެން ކަމަށް އެއްްބަސްވުމުގައި ބުނާ ކަމަށެވެ. އެއްބަސްވުމުގައި ސޮއިކުރާތާ 30 ދުވަހުގެ ތެރޭގައި އެ އެއްބަސްވުމާ ބެހޭ ގާނޫނުތަކެއް ދެ ގައުމުން ވެސް ހަދަންޖެހޭ ކަމަށާއި އެ ކަންތައްތައް ނިންމާފައި ނުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ޖާބިރުގެ ސުވާލުގައި ވިދާޅުވީ ފްރީ ޓްރޭޑް އެއްބަސްވުމުން ރާއްޖޭގެ މަސްވެރިންނަށް ލިބެން އޮތް މަންފާތައް ހިފަހައްޓާފައި ވަނީ ކީއްވެތޯ އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ފްރީ ޓްރޭޑް އެއްބަސްވުމުގައި ސޮއިކޮށްފައި އޮތަސް އެ އެއްބަސްވުމާ ގުޅޭ ގޮތުން ހަދަން ޖެހޭ ގާނޫނުތައް ހަދާފައި ނުވާތީ އެއްބަސްވުން ނުހިނގާ ކަމަށެވެ.

"މިހާރު އެފްޓީއޭގައި ސޮއިކޮށްފައި އޮތަސް އެ އޮޕަރޭޝަނަލައިޒް ވާނީ މި މަޖިލީހުން އިތުރު ގުޅޭ ގާނޫނުތަކެއް ހަދައިގެން. އެއީ މި މަޖިލީހުގެ ޒިންމާއެއް،" އަމީރު ވިދާޅުވި އެވެ.

އެ ޖަވާބަށް ފަހު ރިއާސަތުން ނަޝީދު ވިދާޅުވީ އެ އެއްބަސްވުމަށް އަމަލުކުރަން ފަށާނެ ގޮތް އެއްބަސްވުމުގެ 165 ވަނަ މާއްދާގައި ބުނެފައިވާ ކަމަށެވެ. އެއްބަސްވުމަށް އަމަލުކުރަން ފަށާނީ އެއްބަސްވުމާ ގުޅޭ ގޮތުން އެތެރޭގައި ކުރަންޖެހޭ ކަންތައްތައް ނިންމައި އެކަން އަންގާތާ 30 ދުވަހުގެ ތެރޭގައި ކަމަށް އެ މާއްދާގައި ބުނާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެހެންވީމާ ދިވެހިރާއްޖެ އާއި ޗައިިނާއާ ދެމެދު ފްރީ ޓްރޭޑް އެގްރިމެންޓެއް ނެތް،" ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ހަވާލާ ދެއްވި މާއްދާގައި ބުނާ ގޮތުގައި އެއްބަސްވުމަށް އަމަލުކުރަން ފަށާނީ އެތެރޭގެ އިންތިޒާމްތައް ހަމަޖައްސައި އެކަން އަންގާތާ 30 ދުވަހުގެ ތެރޭގައި ނުވަތަ އެކަންތައްތައް ފުރިހަމަކުރުމަށް ފަހު ދެ ގައުމުން ކަނޑައަޅާ ތާރީހެއްގަ އެވެ. އެކަމަކު އެކަންތައްތައް ވަކި މުއްދަތެއްގައި ނުނިންމައިފި ނަމަ އެއްބަސްވުން އުވޭނެކަމަކަށް ނުބުނެ އެވެ. އެހެންވެ، ނަޝީދު އެ ވިދާޅުވީ އަމަލުކުރަން ފަށާފައިވާ އެއްބަސްވުމެއް ނެތް ވާހަކަ އަށް ކަމަށް ބެލެވެ އެވެ.

ނަޝީދު ދެއްކެވި ވާހަކަފުޅަށް ނުރުހުން ފާޅުކުރައްވައި، ފްރީ ޓްރޭޑް އެއްބަސްވުން ނެތް ކަމަށް ވިދާޅުވަނީ ކީއްވެތޯ ޖާބިރު ސުވާލުކުރެއްވި އެވެ. ޖަވާބުގައި ނަޝީދު ވިދާޅުވީ އެ އެއްބަސްވުމުގައި ސޮއިކޮށްފައި އޮތީ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު އެތައް މަސައްކަތެއް ކުރާ ގޮތަށް ކަަމަށެވެ. ދިވެހި ވެރިންނަކީ ވަރަށް ހިކުމަތްތެރި ބައެއް ކަމަށާއި ބައެއް އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށް ފަހު ތަފްސީލަށް ވަޑައިނުގެން ބާއްވަވާ ކަމަށް ވިދާޅުވި އެވެ.

"އިއްޒަތްތެރި މެމްބަރަށް އެނގިވަޑައިގަންނަވާނެ ރައީސް ޔާމީން ކުޑަކޮށް ވެސް މިކަން ކުރިއަށް ގެންދަވަން އެދިވަޑައިނުގަންނަވާ ހުންނެވީތީވެ، އެއް މަސްދުވަހެއް ނޫން ދެ މަސްދުވަހެއް ނޫން އެތައް މަހެއް ވީއިރު ގައި ވެސް އަޅައެއް ނުލި،" ނަޝީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި ސޮއިކުރި ފްރީޓްރޭޑް އެއްބަސްވުމާ ގުޅޭ ގޮތުން ހަދަން ޖެހޭ ގާނޫނުތަކުގެ މަސައްކަތް ކުރީގެ ސަރުކާރުން ވެސް މި ސަރުކާރަކުން ވެސް ނުކުރެ އެވެ.