Roadha Mihaaru
އެފްޓީއޭ ތަންފީޒުނުވަނީ "ޕަވަސްޓްރަގުލް"އާ ހެދި:ސައީދު

ފްރީ ޓްރޭޑް އެއްބަސްވުން ތަންފީޒު ނުވަނީ "ޕަވަ ސްޓްރަގުލް"އާ ހެދި: ސައީދު

07 އޮކްޓޯބަރ 2020

ރާއްޖެ އާއި ޗައިނާއާ އެކު ސޮއިކޮށްފައިވާ ފްރީ ޓްރޭޑް އެގްރިމެންޓް (އެފްޓީއޭ) ތަންފީޒު ނުކުރެވިގެން އުޅެނީ ބާރުވެރިކަން ހޯދުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އޮތް އަރައިރުމެއްގެ ސަބަބުން ކަމަށް އިދިކޮޅުން ތުހުމަތުކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖެ އާއި ޗައިނާއާ އެކު ސޮއިކޮށްފައިވާ ފްރީ ޓްރޭޑް އެގްރިމެންޓް (އެފްޓީއޭ) ތަންފީޒު ނުކުރެވިގެން އުޅެނީ ބާރުވެރިކަން ހޯދުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އޮތް އަރައިރުމެއްގެ ސަބަބުން ކަމަށް އިދިކޮޅުން ތުހުމަތުކޮށްފި އެވެ.

އެފްޓީއޭ ތަންފީޒުކުރުމަށް ޓަކައި މަޖިލީހުން ހަދަން ޖެހޭ ގާނޫނުތައް ނުހަދައި އޮތުމުން، އެ އެއްބަސްވުން މިހާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވި އެވެ. އެ ވާހަކަފުޅަށް ރައްދު ދެއްވައި މިއަދު ކުރެއްވި ޓްވީޓެއްގައި މާވަށު ދާއިރާގެ މެމްބަރު އަދި ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުހަންމަދު ސައީދު ވިދާޅުވީ އެފްޓީއޭ ވެސް އަދި ރާއްޖޭގެ މިނިވަންކަން ވެސް ކޮމްޕްރޮމައިޒްވެގެން އުޅެނީ ޕަވަ ސްޓްރަގުލްގެ ސަބަބުން ކަމަށެވެ.

"... އަދި އެކަމަށް ވާގިވެރިވާ ބޭރުގެ ގައުމަކުން ނަގާނެ ފަޅިއެއް ޔަގީން ނުވާތީ،" ޓްވީޓްގައި ސައީދު ވިދާޅުވި އެވެ.

ސައީދަކީ ރާއްޖެ އާއި ޗައިނާއިން 2014 ވަނަ އަހަރު އެފްޓީއޭގައި ސޮއިކުރި އިރު މިނިސްޓަރުގެ އިތުރުން މިއެއްބަސްވުން އެކުލަވާލިއިރު އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާ ކުރެއްވި ސުވާލުގައި އެެފްޓީއޭގެ ވާހަކަ ހިމެނެ އެވެ. ޖާބިރުގެ ސުވާލުގައި ތުހުމަތުކުރެއްވީ އެފްޓީއޭގެ މަންފާ ރާއްޖޭގެ މަސްވެރިންނަށް ލިބުނަނުދީ ހިފައްޓާފައިވާ ކަަމަށެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ ރާއްޖެ-ޗައިނާ ފްރީ ޓްރޭޑް އެއްބަސްވުން އޮޕްރޭޝަނަލައިޒް ނުވާ ކަމަށާއި އެއީ މަޖިލީހުން ހަދަން ޖެހޭ ގާނޫނުތައް ނުހަދައި އޮތުމުން ކަމަށެވެ. އެ ގާނޫނުތައް ހެދުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އަމީރުގެ ޖަވާބަށް ފަހު ނަޝީދު ވިދާޅުވީ އެ އެއްބަސްވުމާ ގުޅޭ ގޮތުން ދެ ގައުމުން ވެސް އެތެރޭގައި ހަމަޖައްސަން ޖެހޭ ކަންތައްތައް ހަމަޖައްސައި އަނެއް ގައުމަށް އަންގަން އެއްބަސްވުމުގެ 165 ވަނަ މާއްދާގައި އެބައޮތް ކަމަށާއި އެކަންތައް ނުކޮށް އޮތުމުން އެއްބަސްވުން "މިހާރު ނެތް" ކަމަށެވެ. އެ މަސައްކަތް ނުކޮށްް އޮތީ އެއްބަސްވުން ތަންފީޒުކުރައްވަން ކުރީގެ ރައީސް އަބްދުﷲ ޔާމީނު އެދިވަޑައި ނުގަންނަވާތީ ކަމަށް ނަޝީދު ތުހުމަތު ކުރެއްވި އެވެ.

"ރައީސް ޔާމީން ކުޑަކޮށް ވެސް މިކަން ކުރިއަށް ގެންދަވަން އެދިވަޑައި ނުގަންނަވާ ހުންނެވީތީވެ، އެއް މަސްދުވަހެއް ނޫން، ދެ މަސް ދުވަހެއް ނޫން އެތައް މަހެއް ވީއިރު ވެސް އަޅައެއް ނުލެއްވި،" ނަޝީދު ވިދާޅުވި އެވެ.

އެފްޓީއޭ އަށް އަމަލުކުރުމަށް ޓަކައި ހަދަން ޖެހޭ ގާނޫނުތަކުގެ މަަސައްކަތް ޔާމީނުގެ ވެރިކަމުގައި ނުކޮށް އޮތް އޮތުމަކީ ހިކުމަތްތެރިކޮށް ކުރައްވާފައިވާ ކަމެއް ކަމަށް ވެސް އެމަނިކުފާނު ސިފަކުރެއްވި އެވެ. ދިވެހި ވެރިންނަކީ ވަރަށް ހިކުމަތްތެރި ބައެއް ކަމަށާއި ބައެއް އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށް ފަހު އެ އެއްބަސްވުންތަކާ ގުޅޭ މަސައްކަތްތައް ނުކުރައްވައި ދޫކުރައްވަނީ އެގޮތުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ޗައިނާއާ އެކު ފްރީ ޓްރޭޑް އެގްރީމެންޓުގައި ދިވެހި ސަރުކާރުން ސޮއިކުރީ ޑިސެމްބަރު 18، 2014 ގަ އެވެ. އަދި އެ އެއްބަސްވުމުން ކުރިއަށް ގެންދަން މަޖިލީހުން ފާސް ކުރީ ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ އަޣުލަބިއްޔަތު އޮތް މަޖިލިހުން ނޮވެމްބަރު 29، 2017 ގަ އެވެ.

ފްރީ ޓްރޭޑް އެގްރީމެންޓެއްގައި ސޮއި ކުރުމަކީ މަސްވެރިކަމާއި ޓޫރިޒަމްގެ ދާއިރާ އަށް ލިބުނު ވަަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި އެއްބަސްވުމުގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު "ކޮންސިއުމާ މާކެޓް"ގައި އެއްވެސް ޑިއުޓީ އަކާ ނުލައި، މަހުގެ ބާވަތްތަކުގެ ވިޔަފާރި ކުރެވޭނެ ކަމަށް ކުރީގެ ސަރުކާރުން ބުނެފައިވެ އެވެ.

އެކަމަކު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ އެ އެއްބަސްވުމުން މަސްވެރިންނަށް މާބޮޑު މަންފާއެއް ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ.