Roadha Mihaaru
ގާޒީ އިބްރާހިމް އަލީ ވަކިކުރަން މަޖިލީހަށް ފޮނުވަނީ

ގާޒީ އިބްރާހިމް އަލީ ސަސްޕެންޑްކޮޮށް، ވަކިކުރަން މަޖިލީހަށް ފޮނުވަނީ

07 އޮކްޓޯބަރ 2020

ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ނިންމައި، އޭނާ ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ނިންމައި، އޭނާ ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ވަނީ ގާޒީ އިބްރާހިމް ފަނޑިޔާރު ކަމުން ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާލިބޭ 10 މީހަކު ބަންދުން ދޫކޮށްލި ގޮތް ގޯސް ކަމަށް ހައި ކޯޓުން ނިންމައި، އަދި ކްރިމިނަލް ކޯޓުގެ ނިންމުން މުރާޖާކުރަން ހައި ކޯޓު އަމުރު ކުރުމުން އެކަމާ މެދު ގޮތެއް ނިންމުން އޭނާ ލަސް ކުރައްވާފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.

ދޫކޮށްލި މީހުންގެ ތެރެއިން އެކަކުގެ މައްސަލާގައި ފަސް ދުވަސް ތެރޭގައި އެ ނިންމުން މުރާޖާ ކުރަން ހައި ކޯޓުން އެންގުމުން ގާޒީ އިބްރާހިމް އަލީ އެކަމާ މެދު ގޮތެއް ނުނިންމައި، ލަސް ކޮށްފައިވާ ކަމަށް ޖޭއެސްސީގެ ބަޔާނުގައިވެ އެވެ. އަދި އެކަމާ މެދު ގޮތެއް ނިންމުން ލަސްވާތީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ތަކުރާރުކޮށް ސިޓީ ފޮނުވުމުން ވެސް ގަސްތުގައި އެކަން ލަސް ކޮށްފައިވާ ކަމަށާއި އެކަމާ މެދު އެންމެ ފަހުން ގޮތެއް ނިންމީ ހައި ކޯޓުން ކްރިމިނަލް ކޯޓަށް ފޮނުވި ސިޓީއަކާ ގުޅިގެން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން އެ ނިންމުން މުރާޖާ ކުރަން ބޭއްވި އަޑުއެހުމުގައި ގާޒީ އިބްރާހިިމް އަލީ ވަނީ ދައުވާ ލިބޭ މީހުންނަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކަވައިފަ އެވެ. އަދި ދައުވާ ލިބޭ މީހުން ބަންދު ކުރަނީ އޭނާ ބޭނުންވެގެން ނޫން ކަމަށާއި ހައި ކޯޓުން އެގޮތަށް އެންގުމުން މަޖުބޫރުވެގެން ކަމަށް ދޭހަވާ ފަދައަކުން ވެސް އޭނާ އެ އަޑުއެހުމުގައި ވާހަކަ ދެއްކެވި ކަމަށް އެ ބަޔާނުގައިވެ އެވެ.

އެހެންވެ، ގާޒީ އިބްރާހިމް އަލީ ވަކި ކުރަން މަޖިލީހަށް ފޮނުވުމުގެ އިތުރަށް ޝަރުއީ ދާއިރާގެ ދާއިރާގެ އިތުބާރު ދެމެހެއްޓުމަށްޓަކައި 60 ދުވަހަށް އޭނާ ސަސްޕެންޑް ކުރަން ނިންމީ ކަމަށް އެ ބަޔާނުގައިވެ އެވެ. އެގޮތަށް ނިންމިއިރު، އޭނާއާ ގުޅޭ އިތުރު ތިން މައްސަލައެއް ވެސް އެ ކޮމިޝަނުން ބަލަމުންދާ ކަމަށް އެ ބަޔާނުގައިވެ އެވެ.

ގާޒީ އިބްރާހިިމް އަލީ ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމިއިރު، އެހެން ބައެއް ފަނޑިޔާރުން ވެސް ވަކިކުރަން މަޖިލީހަށް ޖޭއެސްސީން ކުރިން ފޮނުވި އެވެ. އޭގެ ތެރެއިން ގިނަ ބޭފުޅުން ވަނީ މަޖިލީހުން އެގޮތަށް ފާސް ކުރުމުގެ ކުރިން އިސްތިއުފާ ދެއްވައިފަ އެވެ.