Roadha Mihaaru
ފަނޑިޔާރު ހަސަން ސައީދުގެ މައްސަލަ ޖޭއެސްސީން ބަލަނީ

އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރި ފަނޑިޔާރުގެ މައްސަލަ ޖޭއެސްސީން ބަލަން ނިންމައިފި

17 ފެބުރުއަރީ 2021

މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ތުހުމަތުކޮށް ހަތް ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން އަމުރު ނެރުއްވި ފަނޑިޔާރު ހަސަން ސައީދުގެ ސުލޫކީ މައްސަލަ ބަލަން ނިންމާފައިވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ތުހުމަތުކޮށް ހަތް ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން އަމުރު ނެރުއްވި ފަނޑިޔާރު ހަސަން ސައީދުގެ ސުލޫކީ މައްސަލަ ބަލަން ނިންމާފައިވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

ފަނޑިޔާރު ހަސަން ސައީދުގެ މައްސަލަ ޖޭއެސްސީސީއަށް ހުށަހެޅީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުންނެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފަނޑިޔާރު ހަސަން ސައީދުގެ ސުލޫކީ މައްސަލައެއް ބަލަނީ ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ގަޒިއްޔާތަކެއްގައި ދައުވާ ލިބޭ ފަރާތް ފުރުން މަނާކުރުމަށް ނެރެފައިވާ އަމުރު ބާތިލުކުރުމުގައި ގާނޫނު އަސާސީއާއި ގާނޫނުތަކާ ހިލާފަށް އަމަލުކޮށްފައިވާ ކަމުގެ ތުހުމަތު ކުރެވޭތީ ކަމަށެވެ. އަލީ ވަހީދުގެ ނަން ނުޖަަހައި އެ ބަޔާނުގައި ބުނެފައި ވަނީ އެ އަމުރު ނެރުމުގައި ދައުވާ ލިބޭ ފަރާތުގެ މައްޗަށް ގާނޫނު ހިންގަން ހުރަސް އެޅޭ ގޮތަށް އަމަލުކޮށްްފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

"...އަދި އަދި އަމުރު ނެރުމުގައި އަދުލު އިންސާފު ގާއިމްކުރުމުގެ ބާރު ނަހަމަގޮތުގައި ބޭނުންކޮށް ދައުވާ ލިބޭ ފަރާތަށް ނާޖާއިޒް މަންފާ ހޯދައިދިންކަމަށް ބެލެވޭ ސުލޫކީ މައްސަލައެއް ބެލުމަށް، މިކޮމިޝަނުގައި އޮންނަ މައްސަލަ ބެލުމާއި މެދު ގޮތެއް ނިންމާ ކޮމިޓީން ނިންމާފައިވެ އެވެ،" ޖޭއެސްސީގެ ބަޔާނުގައި ބުންޏެވެ.

އެމައްސަލަ ބަލަަން ނިންމީ ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމެއްގަ އެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރަން ކޯޓުން ނިންމީ ރަނގަޅަށް ކަމަށް ނުދެކޭ ކަމަށެވެ. އެ އަމުރު ނެރުމުގައި ކޯޓުން އަމަލުކުރީ އެ ބާވަތުގެ އަމުރު ނެރުމުގައި ކުރިން އަމަލުކުރާ އުސޫލްތަކާ ޚިލާފަށް ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.

ޓްރެވަލް ޑޮކިއުމެންޓެއްގައި ބޭސްފަރުވާއަށް ވަޑައިގަތުމުގެ ހުއްދަ ދޭން ދައުލަތުން އެދުމުން ބޭނުން ގައުމަކަށް ވަޑައިގެންނެވޭ ގޮތަށް ޕާސްޕޯޓް ދޫކުރި މައްސަލަ ޕީޖީ އޮފީހުން ވަނީ ހައި ކޯޓުގައި އިސްތިއުނާފް ވެސް ކޮށްފަ އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ބޭނުން ގައުމަކަށް ދެވޭ ގޮތަށް ހަތަރު މަހަށް ކޯޓުން ދޫކޮށްލީ އޭނާ ދުބާއީ އަށް ނުވަތަ ޖަރުމަނަށް ދާން އެދި ހުށަހެޅުއްވުމުންނެވެ. ފިލާފާނެ ކަމުގެ ބިރު އޮތް މީހެއް ކަމަށް ދައުލަތުން ކޯޓުގައި ބުނުމުން ވެސް އެހާ ބޮޑު މިނިވަންކަމެއް އޭނާއަށް ދިން ސަބަބާ މެދު އާއްމުން ދަނީ ކޯޓަށް ފާޑުކިޔަމުންނެވެ.