Roadha Mihaaru
ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ އިސްތިއުފާދީފި

މަގާމުން ވަކިކުރުމުގެ ކުރިން ގާޒީ އިބްރާހިމް އަލީ އިސްތިއުފާ ދެއްވައިފި

12 އޮކްޓޯބަރ 2020

މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ފޮނުވަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައި ވަނިކޮށް، ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ފޮނުވަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައި ވަނިކޮށް، ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ގާޒީކަމުން އޭނާ ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ފޮނުވަން ޖޭއެސްސީން މިދިޔަ ހަފުތާގައި ނިންމީ އެ ކޮމިޝަނުން ބެލި މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލައިގައި އިބްރާހިމް އަލީ ވަނީ ސަސްޕެންޑު ވެސް ކޮށްފަ އެވެ.

އޭނާ "މިހާރު" އަށް މިއަދު ވިދާޅުވީ މަގާމުން އިސްތިއުފާދެއްވީ، ހައްގު ހޯދަން ދާނެ ތަނެއް ނެތުމުން ކަމަށެވެ. ޖުޑީޝަރީ އިސްލާހުކޮށް، އިންސާފު ގާއިމު ކޮށްދިނުމަށް އައިސް ތިބި ބަޔަކަަށް ވިޔަސް އެ ހައްގު ރައްކާތެރިއެއް ނުކޮށްދެވޭ ކަމަށް ވިދާޅުވި އެވެ.

ދެ މަހަށް ސަސްޕެންޑުކުރީ ވެސް ލޯކަލް ކައުންސިލްތަކުގެ ގާނޫނާ ހަވާލާދީ ކަމަށާއި އެކަމަކު އެކަންކަމާ ޖަދަލުކުރުމަށް ބޭނުންނުވާ ކަމަށް އިބްރާހިމް އަލީ ވިދާޅުވި އެވެ.

ޖޭއެސްސީން މިިދިޔަ ހަފުތާގައި ބުނީ ގާޒީ އިބްރާހިމް ފަނޑިޔާރު ކަމުން ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ ލިބޭ 10 މީހަކު ބަންދުން ދޫކޮށްލި ގޮތް ގޯސް ކަމަށް ހައި ކޯޓުން ނިންމައި، އަދި ކްރިމިނަލް ކޯޓުގެ ނިންމުން މުރާޖައާ ކުރަން ހައި ކޯޓު އަމުރު ކުރުމުން އެކަމާ މެދު ގޮތެއް ނިންމުން އޭނާ ލަސް ކުރައްވާފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.

ދޫކޮށްލި މީހުންގެ ތެރެއިން އެކަކުގެ މައްސަލައިގައި ފަސް ދުވަސް ތެރޭގައި އެ ނިންމުން މުރާޖައާ ކުރަން ހައި ކޯޓުން އެންގުމުން ގާޒީ އިބްރާހިމް އަލީ އެކަމާ މެދު ގޮތެއް ނުނިންމައި، ލަސް ކޮށްފައިވާ ކަމަށް ޖޭއެސްސީގެ ބަޔާނުގައިވެ އެވެ. އެކަމާ މެދު ގޮތެއް ނިންމުން ލަސްވާތީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ތަކުރާރުކޮށް ސިޓީ ފޮނުވުމުން ވެސް ގަސްދުގައި އެކަން ލަސް ކޮށްފައިވާ ކަމަށާއި އެކަމާ މެދު އެންމެ ފަހުން ގޮތެއް ނިންމީ ހައި ކޯޓުން ކްރިމިނަލް ކޯޓަށް ފޮނުވި ސިޓީއަކާ ގުޅިގެން ކަމަށް ވެސް ޖޭއެސްސީން ބުނެފައި ވެ އެވެ.