Roadha Mihaaru
ޑޮންގްލް ދެނީ އިންޓަނެޓް ނުލިބޭ ދަރިވަރުންނަށް

ޑޮންގްލް ދެނީ އިންޓަނެޓް ނުލިބޭ ދަރިވަރުން ތިބި އާއިލާތަކަށް

08 އޮކްޓޯބަރ 2020

ޑޮންގްލް ދެނީ އިންޓަނެޓް ނުލިބޭ ދަރިވަރުން ތިބި އާއިލާތަކަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޑޮންގްލް ދެނީ އިންޓަނެޓް ނުލިބޭ ދަރިވަރުން ތިބި އާއިލާތަކަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ބުނެފި އެވެ.

އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ޔުނިސެފްގެ އެހީގެ ދަށުން ފުރަތަމަ ބުރުގައި 1،500 ޑޮންގްލް ހޯދާނެ ކަމަށެވެ. މިދިޔަ އަންގާރަ ދުވަހު ވަނީ އެ ތަކެތި ހޯދަން ބީލަމަށް ހުޅުވާލައިފަ އެވެ.

ކޮވިޑު-19 އިން ރައްކާތެރިވާން މާޗު 12 ގައި ރާއްޖޭގެ ހުރިހާ ސްކޫލެއް ބަންދުކުރި އެވެ. އަލުން ހުޅުވީ ގާތްގަނޑަކަށް ހަތަރު މަހަށް ފަހު ޖުލައި 1 ގަ އެވެ. އޭރު މާލެ ސަރަހައްދުގެ ސްކޫލްތައް ހުޅުވީ ގްރޭޑު 9-12ގެ ދަރިވަރުންނަށެވެ. އެކަމަކު މާލޭގައި ކޮވިޑް ކޭސްތައް ގިނަވާން ފެށުމުން އަލުން ބަންދުކުރި ގޮތަށް މިދިޔަ އާދިއްތަ ދުވަހު ވަނީ އަލުން ހުޅުވައިފަ އެވެ. މިފަހަރު ވެސް ކިޔަވައިދޭން ފެށީ ގްރޭޑު 9 އިން މައްޗަށެވެ. އެހެން ގްރޭޑުތަކަށް މިދިޔަ މާޗު މަހުން ފެށިގެން ކިޔަވައިދެމުން އަންނަނީ އޮންލައިންކޮށެވެ.

އޮފިޝަލް ވިދާޅުވީ ސަރުކާރުން ޑޭޓާ ފޯރުކޮށްދިންކަމުގައި ވިއަސް، ހާލަތު ހުންނަ ގޮތުން އެ ބޭނުންކުރާނެ ފޯނެއް ނުގަނެވޭ އާއިލާތައް ހުންނަކަމަށެވެ. އެހެންވެ ޑޮންގްލް ހޯދަނީ އެފަދަ ދަރިވަރުން ތިބި އާއިލާތަކަށް އަމާޒުކޮށްގެން ކަމަށް ވިދާޅުވި އެވެ.

ދަރިވަރުންނަށް، މިނިސްޓްރީން ޓެބްލެޓް ދީފައި އޮތަސް އޭގައި ސިމެއް ބޭނުމެއް ނުކުރެވެ އެވެ. އެކަމުގެ ސަބަބުން އުފުލަންޖެހޭ ތަކުލީފް ބޮޑުކަމަށް ބައެއް ޕްރިންސިޕަލުން ދެކިވަޑައިގަންނަވަ އެވެ.

"ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި ސްކޫލުތަކުންނާއި އެކި ގޮތްގޮތުން ލިބިފައި ހުރި މައުލޫމާތުތަކުގެ މައްޗަށް ބަލައި، އެކަން ޔަގީންކޮށްފައި އަޅުގަނޑުމެން ޑޮންގްލް ދޭނީ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފަންޑު ލިބޭ ވަރަކުން އިތުރު ޑޮންގްލް ހޯދާނެ ކަމަށެވެ. އަދި ފުރަތަމަ ފިޔަވަހީގައި ހޯދަން އިއުލާނުކޮށްފައިވާ 1،500 ޑޮންގްލް ލިބޭ އާއިލާތަކުގެ އަދަދަށް ބަދަލެއް އަތުވެދާނެ ކަމަށް ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ކުރިން ވިދާޅުވީ ސްކޫލުތައް ބަންދުކޮށް ކިޔެވުން ކުރިއަށް ގެންދަން ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އިންޓަނެޓެވެ. އޭގެ ތެރޭގައި އިންޓަނެޓް އަގުބޮޑުވުމާއި އޭގެ ސްޕީޑް ދަށްވުން ހިމެނެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައާ ބެހޭ ކޮމިޓީގައި މެއި 11، 2020 ގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރު ސްކޫލްތަކުގެ ދަރިވަރުންނަށް އިންޓަނެޓް ޑޮންގްލް ދިނުމަށް، މުއާސަލާތީ ހިދުމަތް ދޭ ކުންފުނިތަކާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށެވެ.