Roadha Mihaaru
ކްރިކެޓް ތަރި މުތިއާ މުރާލިތަރަންގެ ރޯލަށް ވިޖޭ

ލަންކާގެ ކްރިކެޓް ލެޖެންޑް މުތިއާ މުރާލިތަރަންގެ ރޯލު ކުޅޭނީ ވިޖޭ ސެތުޕަތީ

10 އޮކްޓޯބަރ 2020

ސްރީ ލަންކާގެ ކްރިކެޓް ލެޖެންޑް މުތިއާ މުރަލިތަރަންގެ ވާހަކަ ކިޔައިދޭ ފިލްމުގައި މުތިއާގެ ރޯލް ކުޅޭނީ ވިޖޭ ސެތުޕަތީކަން ކަށަވަރުކޮށް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސްރީ ލަންކާގެ ކްރިކެޓް ލެޖެންޑް މުތިއާ މުރަލިތަރަންގެ ވާހަކަ ކިޔައިދޭ ފިލްމުގައި މުތިއާގެ ރޯލް ކުޅޭނީ ވިޖޭ ސެތުޕަތީކަން ކަށަވަރުކޮށް ދީފި އެވެ.

އެ ފިލްމު މިދިޔަ އަހަރު އިއުލާންކުރި އިރު ވެސް، ފިލްމުގެ ލީޑް ކުޅޭނީ ވިޖޭ ކަމަށް މީޑިއާތަކުން ބުންޏެވެ. އޭނާ އަކީ އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ވަރަށް މަޝްހޫރު، މޮޅު އެކްޓަރެކެވެ. އެގޮތުން ތަމަޅަ، ތެލެގޫ އަދި މަލަޔާޅަމް ބަހުން ކާމިޔާބު ފިލްމުތަކެއް ކުޅެފައިވެ އެވެ. އަންނަ އަހަރު ރިލީޒްކުރާ އާމިރު ޚާންގެ "ލާލް ސިންގް ޗައްޑާ" ގެ ރޯލަކުން ވެސް ވިޖޭ، 42، ފެންނާނެ އެވެ.

ލަންކާގައި އުފެދުނު އެންމެ ހުނަރުވެރި އަދި ކާމިޔާބު ކްރިކެޓް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މުތިއާ، 48، ގެ ބައޮގްރަފިކަލް ޑްރާމާއެއް ހަދަނީ އިންޑިއާގެ މޫވީ ޓްރެއިން ޕިކްޗާޒް އާއި ދާރް މޯޝަން ޕިކްޗާޒް ގުޅިގެންނެވެ. ނަން އަދި އިއުލާން ނުކުރާ މި ފިލްމުގެ ޑައިރެކްޓަރަކީ އެމްއެސް ސްރިޕަތީ އެވެ.

އިންޑިއާގެ ކުޅިވަރު ލެޖެންޑުންގެ ފިލްމުތައް ހަދައިގެން، ބެލުންތެރިންގެ ބޮޑު ތަރުހީބެއް މިހާތަނަށް ހޯދާފައިވާ އިރު، މިއީ އިންޑިއާ އިން ލަންކާގެ ކުޅިވަރު ތަރިއެއްގެ ބައޮގްރަފިކަލް ޑްރާމާއެއް ހަދާ ފުރަތަމަ ފަހަރެވެ.

މި ފަހުން އިންޑިއާ އިން ހެދި ކްރިކެޓް ތަރިއެއްގެ ބައޮގްރަފިކަލް ޑްރާމާގެ ތެރެއިން އެމްއެސް ދޯނީގެ ވާހަކަ ކިޔައިދިން ފިލްމު "އެމްއެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ" އަކީ ވަރަށް ކާމިޔާބު ފިލްމެކެވެ. ދެހާސް ސޯޅައިގައި ގެނެސްދިން އެ ފިލްމުގައި ދޯނީގެ ރޯލް ކުޅުނީ ޖޫން މަހު މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތެވެ. މުތިއާ މިހާރު މަސައްކަތް ކުރަނީ ކްރިކެޓް ކޯޗެއްގެ ގޮތުގަ އެވެ. އޭނާގެ ރޯލް ފިލްމެއްގައި ކުޅެން ލިބުމުން ވިޖޭ ބުނީ މިއީ ބޮޑު ފަހަރެއް ކަމަށެވެ. މި ފިލްމާ ބެހޭ އިތުރު ތަފުސީލުތައް ވަރަށް އަވަހަށް ހިއްސާކުރާނެ އެވެ.