Roadha Mihaaru
ގަންގޫލީގެ ރޯލު ސިދާތު ނުވަތަ ވިކީ އަށް؟

ކުރީގެ ކްރިކެޓް ތަރި ގަންގޫލީގެ ރޯލު ސިދާތު ނުވަތަ ވިކީ އަށް؟

10 އޮކްޓޯބަރ 2021

ދާދި ފަހުން އިއުލާންކުރި އިންޑިއާގެ ކުރީގެ ކްރިކެޓް ތަރި ސޯރަވް ގަންގޫލީގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާގައި އޭނާގެ ރޯލަށް ގެންނަން ދެ އެކްޓަރަކު ޝޯޓް ލިސްޓްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދާދި ފަހުން އިއުލާންކުރި އިންޑިއާގެ ކުރީގެ ކްރިކެޓް ތަރި ސޯރަވް ގަންގޫލީގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާގައި އޭނާގެ ރޯލަށް ގެންނަން ދެ އެކްޓަރަކު ޝޯޓް ލިސްޓްކޮށްފި އެވެ.

މީޑިއާތަކުން ބުނި ގޮތުގައި ޑައިރެކްޓަރު ލަވް ރަންޖަން ޕްރޮޑިއުސްކުރާ ފިލްމަށް ނަގަން ނިންމާފައި ވަނީ ސިދާތު މަލްއުތުރާ އާއި ވިކީ ކޯޝަލާއާ ދެ މީހުން ކުރެން ކޮންމެވެސް އެކެކެވެ. އަދި އެކަމާ ބެހޭ ގޮތުން މިހާރު މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށް ބޮލީވުޑް ހަންގާމާ އިން ބުންޏެވެ.

މި ފިލްމަށް ސިދާތު ނުވަތަ ވިކީ ގެންނަން ނިންމާފައި ވަނީ ގަންގޫލީގެ ރޯލަށް އެންމެ ފައްކާވާނެ ތަރި އަކީ ރިތިކް ރޯޝަން ކަމަށް ގަންގޫލީ އަމިއްލަ އަށް ކުރިން ބުނެފައި ވަނިކޮށެވެ. ނަމަވެސް ފިލްމު ހަދާ ޓީމުން ރިތިކް ފިލްމަށް ގެނައުމަށް ޝައުގުވެރިކަން ފާޅު ކޮށްފައެއް ނުވެ އެވެ.

ފާހަގަ ކޮށްލެވޭ ކަމަކީ ގަންގޫލީގެ ރޯލަށް ވިކީ އާއި ސިދާތު ކުރެން އެކަކު ނަގަން ނިންމާފައިވާ އިރު ދެ ތަރިންނަކީ ކުރިން ވެސް ބައޮގްރަފިކަލް ޑްރާމާތަކެއް ކުޅެފައިވާ ތަރިން ކަމެވެ. ސިދާތު ކުޅުނު ބައޮޕިކަކީ މިދިޔަ މަހު ކަރަން ޖޯހަރްގެ ދަރުމާ އިން އެމެޒޯން ޕްރައިމް ވީޑިއޯ އަށް ދޫކޮށްލި "ޝޭރުޝާ" އެވެ. އެ ފިލްމަކީ ކަރްގިލް ހަނގުރާމައިގެ ބަތަލެއް ކަމަށްވާ ވިކްރަމް ބަތުރާގެ ރޯލު ސިދާތު ކުޅުނު އަދި އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު ފިލްމެކެވެ.

ވިކީ ޓައިޓްލް ރޯލުން ފެންނާނެ ފުރަތަމަ ބައޮޕިކަކީ މި މަހުގެ 16 ގައި އެމެޒޯން ޕްރައިމުން ޕްރީމިއާކުރާ ޑައިރެކްޓަރު ޝޫޖިތު ސިރްކާގެ "ސަރުދާރު އުދަމް" އެވެ. އެ ފިލްމަކީ އިންޑިއާގެ މިނިވަން ކަމަށް ކުރި މަސައްކަތްތަކަކާ ގުޅިގެން އިނގިރޭސީން ލަންޑަނުގައި މަރާލި ގައުމީ ބަތަލު ސަރުދާރު އުދަމް ސިންގްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

މި ފިލްމުގެ އިތުރުން ވެސް ވިކީގެ އަތުގައި އިތުރު ބައޮޕިކެއް އެބަ އޮތެވެ. އެއީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1971 ގައި ކުރި ހަނގުރާމައިގެ ބަތަލެއް ކަމަށްވާ ފީލްޑް މާޝަލް ސޭމް މަނެކްޝޯގެ ވާހަކަ ކިޔައިދޭ "ސޭމް ބަހާދޫރު" އެވެ. ޝޫޓިން އަދި ނުފަށާ އެ ފިލްމުގެ ޑައިރެކްޓަރަކީ މެގްނާ ގުލްޒާރު އެވެ.

ހަންގާމާ އިން ބުނި ގޮތުގައި ގަންގޫލީގެ ރޯލު ކުޅޭނެ އެކްޓަރަކު ލަވްގެ ޓީމަކުން ވަރަށް އަވަހަށް އިއުލާން ކުރާނެ އެވެ. އަދި ފިލްމުގެ ޝޫޓިން ފަށާނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ.