Roadha Mihaaru
ދީޕިކާ އާއި ޕްރަބާސްގެ ފިލްމަށް އަމީތާބް

ދީޕިކާ ޕަދްކޯނާއި ޕްރަބާސްގެ ފިލްމަށް އަމީތާބް ބައްޗަން

10 އޮކްޓޯބަރ 2020

މިދިޔަ ޖުލައި މަހު އިއުލާންކުރި، ދީޕިކާ ޕަދްކޯނާއި ޕްރަބާސްގެ ފިލްމަށް އަމީތާބް ބައްޗަން ވެސް ސޮއިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ ޖުލައި މަހު އިއުލާންކުރި، ދީޕިކާ ޕަދްކޯނާއި ޕްރަބާސްގެ ފިލްމަށް އަމީތާބް ބައްޗަން ވެސް ސޮއިކޮށްފި އެވެ.

ފިލްމުގެ ޓީމުން އެކަން ކަށަވަރުކޮށް ދެމުން ވަނީ އަމީތާބްގެ ވީޑިއޯއެއް ޓްވިޓާގައި ހިއްސާކޮށްފަ އެވެ. ނަން އިއުލާންނުކުރާ އަދި މާ ބޮޑު ތަފުސީލުތަކެއް ވެސް ހާމަނުކުރާ މި ފިލްމަކީ ބޮޑު ބަޖެޓަކުން ހަދާނެ، ވަރަށް އިންޑިއާވަންތަ ފިލްމަކަށް ވާނެ އެވެ.

ނަގް އަޝްވިން ޑައިރެކްޓްކުރާ ފިލްމު ބެލުންތެރިންނަށް ގެނެސްދޭން ހަމަޖެހިފައި ވަނީ 2022 ގަ އެވެ. އޭނާ އަކީ 2018 ގައި ރިލީޒްކުރި ކާމިޔާބު ފިލްމު "މަހާނަތީ" އިން ބަތަލާ ކީރްތީ ސުރޭޝް އަށް އެންމެ ފަހުން ބޭއްވި ނެޝަނަލް އެވޯޑްސްގައި މޮޅު ބަތަލާގެ އެވޯޑް ހޯދައި ވެސް ދިން ޑައިރެކްޓަރެކެވެ.

އަޝްވިންގެ އާ ފިލްމު ވާނީ އަމީތާބާއި ދީޕިކާ އެކީގައި މަސައްކަތްކުރާ ތިން ވަނަ ފިލްމަށެވެ. ދެ ތަރިން ވަނީ ކުރިން އެކީގައި 2015 ގެ "ޕީކޫ" އާއި 2011 ގެ "އާރަކްޝަން" ގައި މަސައްކަތްކޮށްފަ އެވެ.

އަޝްވިން ފިލްމުވެގެން ދާނީ "ބާހްބަލީ" ކުޅެގެން ބޮޑު މަޝްހޫރުކަމެއް ހޯދި ތެލެގޫ އެކްޓަރު ޕްރަބާސްއާ އެކު ދީޕިކާ އާއި އަމީތާބް މަސައްކަތްކުރާ ފުރަތަމަ ފިލްމަށެވެ.

މި ފިލްމުގެ ވާހަކަ ޓްވިޓާގައި ހިއްސާކުރަމުން އަމީތާބް ބުނީ އޭގައި މަސައްކަތްކުރަން ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. މި ފިލްމު އިންޑިއާގައި ވާހަކަ ދައްކައި އުޅޭ މައިގަނޑު ހުރިހާ ބަހަކުން ގެނެސްދޭނެ އެވެ.