Roadha Mihaaru
ޕްރަބާސްގެ އަތުގައި ބޮޑެތި ފިލްމުތަކެއް

ޕްރަބާސްގެ އަތުގައި ބޮޑެތި ފިލްމުތަކެއް

09 އޮކްޓޯބަރ 2021

"ބާހްބަލީ" ގެ ދެ ފިލްމު ކުޅެގެން ބޮޑު މަޝްހޫރު ކަމެއް ހޯދި ތެލެގޫ އެކްޓަރު ޕްރަބާސް އަކީ މިހާރު އިންޑިއާގެ އެންމެ ޑިމާންޑް ބޮޑު އެއް އެކްޓަރެކެވެ. އޭނާ އަންނަނީ ފުލުފުލުގައި ފިލްމުތަކަށް ސޮއި ވެސް ކުރަމުންނެވެ. ޕްރަބާސް ސޮއިކުރާ ކޮންމެ ފިލްމަކީ ބޮޑު ބަޖެޓްތަކުން ވެސް ހަދާ ފިލްމެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

"ބާހްބަލީ" ގެ ދެ ފިލްމު ކުޅެގެން ބޮޑު މަޝްހޫރު ކަމެއް ހޯދި ތެލެގޫ އެކްޓަރު ޕްރަބާސް އަކީ މިހާރު އިންޑިއާގެ އެންމެ ޑިމާންޑް ބޮޑު އެއް އެކްޓަރެކެވެ. އޭނާ އަންނަނީ ފުލުފުލުގައި ފިލްމުތަކަށް ސޮއި ވެސް ކުރަމުންނެވެ. ޕްރަބާސް ސޮއިކުރާ ކޮންމެ ފިލްމަކީ ބޮޑު ބަޖެޓްތަކުން ވެސް ހަދާ ފިލްމެކެވެ.

ދެހާސް ނަވާރައިގެ "ސާހޯ" އަށް ފަހު ދެން އެންމެ އަވަހަށް ރިލީޒްވާން އޮތް އޭނާގެ ފިލްމަކީ ކޮވިޑާ ހެދި މިދިޔަ އަހަރާއި މި އަހަރު ވެސް ރިލީޒް ނުކުރި އަދި އަންނަ އަހަރަށް ފަސްކޮށްފައިވާ "ރާދޭ ޝާމް" އެވެ. ރާދާ ކްރިޝްނާ ކުމާރު 350 ކްރޯޑް ރުޕީސް (46.58 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާފައިވާ މި ފިލްމަކީ ޕީރިއަޑް ރޮމޭންޓިކް ފިލްމެކެވެ.

ޒުވާން ބަތަލާ ޕޫޖާ ހެގްޅޭ ބަތަލާގެ ރޯލު ކުޅެފައިވާ "ރާދޭ ޝާމް" ސިނަމާތަކަށް ގެންނަން ނިންމާފައި މިހާރު އޮތީ އަންނަ އަހަރުގެ ޖެނުއަރީ 14 ގަ އެވެ.

އަންނަ އަހަރުގެ އެންމެ ބޮޑު އެއް ފިލްމަކީ ވެސް ޕްރަބާސްގެ ފިލްމެކެވެ. އެއީ މައިތޮލޮޖިކަލް ފިލްމު "އާދިޕުރުޝް" އެވެ. ސައިފް އަލީ ޚާނާއި ކްރިތީ ސެނަން ވެސް މުހިއްމު ރޯލުތަލުން ފެންނާނެ އެ ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ އޮގަސްޓް 11 ގަ އެވެ.

"އާދިޕުރުޝް" އަކީ 500 ކްރޯޑް ރުޕީސް (66.54 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާ ފިލްމެކެވެ.

ޕްރަބާސް އެންމެ ފަހުން ސޮއިކުރި ފިލްމަކީ ބުރާސްފަތި ދުވަހު އިއުލާންކުރި "ސްޕިރިޓް" އެވެ. މިއީ ތެލެގޫ ފިލްމު "އަރުޖުން ރެޑީ" އާއި އޭގެ ހިންދީ ރިމޭކް "ކަބީރް ސިންގް" ގެނެސްދިން ސަންދީޕް ރެޑީ ވަންގާ ހަދަން ނިންމާފައިވާ ތުރިލާއެކެވެ. "ސްޕިރިޓް" ގެ ކުރިން ސަންދީޕް ހަދަން އޮތް ފިލްމަކީ މިހާރު ރަންބީރް ކަޕޫރާ އެކު ޝޫޓިން ފަށަން ތައްޔާރު ވަމުން އަންނަ "އެނިމަލް" އެވެ.

ޕްރަބާސްގެ އަތުގައި ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި ޕްރަޝާންތު ނީލް ޑައިރެކްޓްކުރާ ތެލެގޫ ފިލްމު "ސަލާރު" އާއި އަދި ނަން އިއުލާން ނުކުރާ ނާގް އަޝްވިންގެ ބޮޑު ފިލްމު ހިމެނެ އެވެ. ނާގްގެ ފިލްމުގެ ކާސްޓްގައި ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދްކޯނާއި އަމީތާބް ބައްޗަން ވެސް ހިމެނެ އެވެ.

ޕްރަބާސްގެ ފޭނުންނަށް އޮތް އުފާވެރި ކަމަކީ އަންނަ އަހަރާއި 2023 ގައި މި ފިލްމުތައް ސިނަމާތަކަށް އަންނާނެ ކަމެވެ. މި ފަސް ފިލްމާ އެކު އޭނާގެ ވިދުން އިތުރަށް ގަދަކޮށްލާނެ އެވެ.