Roadha Mihaaru
ދީޕިކާ އާއި ޕްރަބާސްގެ ފިލްމަކީ ސައިންސް ފިކްޝަނެއް

ދީޕިކާ އާއި ޕްރަބާސްގެ ފިލްމަކީ ސައިންސް ފިކްޝަނެއް

02 މާޗް 2021

ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދްކޯނާއި ތެލެގޫ އެކްޓަރު ޕްރަބާސް ޖޯޑު އަލަށް ސްކްރީނަށް ގެންނަން ހަމަޖެހިފައިވާ ފުރަތަމަ ފިލްމަކީ ސައިންސް ފިކްޝަން ފިލްމެއް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދްކޯނާއި ތެލެގޫ އެކްޓަރު ޕްރަބާސް ޖޯޑު އަލަށް ސްކްރީނަށް ގެންނަން ހަމަޖެހިފައިވާ ފުރަތަމަ ފިލްމަކީ ސައިންސް ފިކްޝަން ފިލްމެއް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ އަހަރު މި ފިލްމު އިއުލާންކުރި ނަމަވެސް އޭގެ ނަމާއި ޕްލޮޓް މިހާތަނަށް އޮތީ ސިއްރެއްގެ ގޮތުގަ އެވެ. ނަމަވެސް ބޮލީވުޑް ހަންގާމާ އިން ބުނީ އަމީތާބް ބައްޗަން ވެސް ކާސްޓްގައި ހިމެނޭ ފިލްމަކީ ބޮޑު ބަޖެޓަކުން ހަދާ ވަރަށް ތަފާތު ސައިންސް ފިކްޝަން ޖޯންރާގެ ފިލްމެއް ކަމަށާއި ފިލްމުގެ ޝޫޓިން މި އަހަރުގެ ޖޫން ނުވަތަ ޖުލައި ހިސާބުގައި ފަށަން ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

މީގެ ޑައިރެކްޓަރަކީ ކުޅަދާނަ ތެލެގޫ ޑައިރެކްޓަރު އަޝްވިން ނާގެވެ. ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ އަޝްވިން އަކީ 2019 ގައި ތިން ނެޝަނަލް އެވޯޑް ހޯދި ތެލެގޫ ފިލްމު "މަހާނަތީ" ގެ ޑައިރެކްޓަރެވެ.

ސައިންސް ފިކްޝަން ޖޯންރާ އަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ދޭ އަޝްވިންގެ އާ ފިލްމުގެ ސިނަމޮޓޯގްރާފަރަކަށް ހަމަޖައްސާފައި ވަނީ "މަހާނަތީ" ގައި އޭނާއާ އެކު މަސައްކަތްކުރި ސްޕެއިންގެ ޑާނީ ސަންޗޭޒް-ލޮޕޭޒެވެ. އަދި ފިލްމުގެ މިއުޒިކް ކޮމްޕޯޒަރަކީ އެ ފިލްމުގެ މިއުޒިކް ހެދި މިކީ ޖޭ މީޔާ އެވެ.

ޕްރަބާސް އާއި ދީޕިކާ އަދި އަމީތާބާ އެކު ހަދާ ފިލްމު ގެނެސްދޭނީ އަންނަ އަހަރު އެވެ.

އަންނަ އަހަރު ރިލީޒްކުރަން ތާރީހު ކަށަވަރުވެފައިވާ ދީޕިކާގެ ފިލްމަކީ ރިތިކް ރޯޝަނާ އެކު ކުޅޭ، ޑައިރެކްޓަރު ސިދާތު އާނަންދުގެ "ފައިޓާ" އެވެ. އެ ފިލްމު ގެނެސްދޭނީ އަންނަ އަހަރުގެ ސެޕްޓެމްބަރު 30 ގަ އެވެ.

ޝާހްރުކް ޚާންގެ "ޕަތާން" އަކީ ވެސް އަންނަ އަހަރު ދީޕިކާ ފެންނާނެ ފިލްމެކެވެ. ދީޕިކާ އާއި ފިރިމީހާ ރަންވީރު ސިންގް އެކީގައި ކުޅެފައިވާ "83" އަކީ މި އަހަރުގެ ޖޫން 4 އަށް ތާވަލުކޮށްފައި އޮތް ފިލްމެކެވެ.

"ބާހްބަލީ" ކުޅެގެން މަޝްހޫރުވި ޕްރަބާސްގެ "ރާދޭ ޝާމް" މި އަހަރުގެ ޖުލައި މަހުގެ 30 ގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ އިރު އޭނާގެ "ސަލާރު" އަކީ އަންނަ އެޕްރީލް 22 އަދި "އަދިޕުރުޝް" އަކީ އަންނަ އަހަރުގެ އޮގަސްޓް 11 އަށް ތާވަލުކޮށްފައިވާ ފިލްމެކެވެ.