Roadha Mihaaru
ކުރީގެ "ލޯބިވެރިޔަކު" ބްރެޑް ޕިޓަށް ދައުވާކޮށްފި

ކުރީގެ ލޯބިވެރިއެއް ކަމަށް ބުނާ މީހަކު ބްރެޑް ޕިޓް އަތުން 100،000 ޑޮލަރު ހޯދަން ދައުވާކޮށްފި

11 އޮކްޓޯބަރ 2020

ހޮލީވުޑްގެ އެކްޓަރު ބްރެޑް ޕިޓާ އެކު ލޯބީގެ ސީރިއަސް ގުޅުމެއް ބޭއްވި ކަމަށް ބުނާ އެމެރިކާ އަންހެނަކު، އެ ދުވަސްވަރު، ދެ މީހުންގެ މެދުގައި ވެވުނު ޗެރިޓީ އެއްބަސްވުމަކާ ޕިޓް ހިލާފުވެފައިވާ ކަމަށް ބުނެ ގެއްލުމުގެ ބަދަލަށް 100،000 ޑޮލަރު ހޯދަން ޕިޓާ ދެކޮޅަށް ދައުވާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހޮލީވުޑްގެ އެކްޓަރު ބްރެޑް ޕިޓާ އެކު ލޯބީގެ ސީރިއަސް ގުޅުމެއް ބޭއްވި ކަމަށް ބުނާ އެމެރިކާ އަންހެނަކު، އެ ދުވަސްވަރު، ދެ މީހުންގެ މެދުގައި ވެވުނު ޗެރިޓީ އެއްބަސްވުމަކާ ޕިޓް ހިލާފުވެފައިވާ ކަމަށް ބުނެ ގެއްލުމުގެ ބަދަލަށް 100،000 ޑޮލަރު ހޯދަން ޕިޓާ ދެކޮޅަށް ދައުވާކޮށްފި އެވެ.

ޕޭޖް ސިކްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މަޝްހޫރު ދެ ބަތަލާއިން ކަމަށްވާ އެންޖެލީނާ ޖޮލީ އާއި ޖެނިފާ އެނިސްޓަންގެ ކުރީގެ ފިރިމީހާގެ މައްޗަށް ދައުވާކުރަނީ ޓެކްސަސްގެ ޕްލާނޯގައި ދިރިއުޅޭ ކެލީ ކްރިސްޓީނާ އެވެ. އޭނާ އަކީ ހެލްތު ކެއާ ކުންފުންޏެއްގެ ސީއީއޯއެކެވެ.

ޕިޓްގެ އަތުން 100،000 ޑޮލަރު ހޯދަން ޓެކްސަސް އީސްޓަން ޑިސްޓްރިކްޓް ކޯޓަށް ހުށަހެޅި ދައުވާގައި ބުނެފައި ހަރިކޭން ކެޓްރީނާގައި ލިބުނު ގެއްލުންތަކުގައި ގެދޮރު ގެއްލުނު ބަޔަކަށް އެހިވާން، 2018 ވަނަ އަހަރުގެ ތެރޭގައި ޕިޓްގެ "މޭކް އިޓް ރައިޓް ފައުންޑޭޝަން" އަށް ފަންޑްރައިޒްކުރަން އިވެންޓްތަކެއް ދެ އަހަރަށް އިންތިޒާމުކޮށްދޭން އެދުމުން އެކަން ހަމަޖައްސައި ޗެރިޓީ އިވެންޓްތަކުގައި ޕިޓް ފަސް ފަހަރަށް ފެނިލަން 40،000 ޑޮލަރު ދީފައިވާ ކަމަށެވެ. އެކަމަކު އެއްބަސްވުމާ އެއްގޮތަށް އަމަލުނުކޮށް ކޮންމެ ފަހަރަކު ވެސް އެންމެ ފަހު ވަގުތު "ދެން ފަހަރަކުންނޭ ބުނެ" ޕިޓް ބޯދަމައިގެންފައިވާ ކަމަށް ކެލީގެ ދައުވާގައި ބުނެފައިވެ އެވެ.

އަދި އެއްބަސްވުމާ ހިލާފުވުމުގެ އިތުރަށް، ފައިސާ އަނބުރާ ރައްދުކޮށްފައި ނުވާތީ މި އަހަރުގެ މާޗް މަހާ ހަމައަށް ފައިސާ ހަވާލުކޮށް ދޭން ތަކުރާރުކޮށް ގާނޫނީ ޓީމް މެދުވެރިކޮށް ޕިޓަށް އަންގާފައިވާނެ ކަމަށް ކެލީ ބުންޏެވެ. އެކަމަކު ކޯޓަށް ދާން ނިންމީ ޕިޓް އެއްވެސް މުއާމަލާތަކަށް އިޖާބަ ނުދޭތީ ކަމަށް ބުންޏެވެ.

ޕިޓް އަދި ކެލީ.

ޕިޓް އަދި ކެލީ.

ކެލީގެ ދައުވާގައި ބުނެފައި ވަނީ އެ ދުވަސްވަރު އެ ދެ މީހުންގެ މެދުގައި ލޯބީގެ ސީރިއަސް ލޯބީގެ ގުޅުމެއް ވެސް އޮތް ކަމަށާއި ކައިވެނިކުރުމުގެ ވާހަކަތަކެއް ވެސް އޮތީ ދެކެވިފައި ކަމަށެވެ.

މިކަމާ ގުޅިގެން ޕިޓްގެ ގާނޫނީ ޓީމުން ބުނެފައި ވަނީ ކެލީ ކިޔާ މީހަކު ނުވެސް ދަންނަ ކަމަށާއި އެ ނަން ކިޔާ މީހަކާ އެއްވެސް އިރެއްގައި އެއްވެސް ބާވަތެއްގެ މުއާމަލާތެއް ނުހިންގާ ކަމަށެވެ. އަދި ކެލީ އުޅެނީ އޮޅުމެއް އަރައިގެން ކަމަށާއި ޕިޓް ކަމަށް ހެދިގެން ބަޔަކު އޮންލައިންކޮށް ކެލީއާ މުއާމަލާތްތަކެއް ކުރީ ކަމަށް ގަބޫލުކުރެވޭ ކަމަށް ބުންޏެވެ. އެހެންވެ ގާނޫނީ ޓީމުން ވަނީ ކެލީގެ ދައުވާ ކޯޓުން ބޭރުކޮށް ދިނުމަށް އެދި މިދިޔަ ހޯމަ ދުވަހު ކޯޓަށް ހުށަހަޅައިފަ އެވެ.

ގާނޫނީ އިތުރު މައްސަލަގަނޑެއްގެ ތެރެއަށް ޕިޓް، 56، ވެއްޓިފައި މި ވަނީ 2016 ގައި ޖޮލީއާ ވަކިވި ފަހުން ދަރިންގެ ކަސްޓަޑީއާ ގުޅޭ މައްސަލަތަކެއް ވެސް ކޯޓްގައި ހިނގަމުން ދަނިކޮށެވެ.