Roadha Mihaaru
ފިލްމު ކުޅޭ ވަރަށް ވުރެ މިހާރު މުސްކުޅިވެއްޖެ: ބްރެޑް ޕިޓް

ފިލްމު ކުޅޭ ވަރަށް ވުރެ މިހާރު މުސްކުޅިވެއްޖެ: ބްރެޑް ޕިޓް

09 ޖުލައި 2019

ފިލްމު ކުޅޭ ވަރަށް ވުރެ މިހާރު މާ ކުސްކުޅިވެއްޖެ ކަމަށާއި އެކްޓިން އަކީ ޒުވާންކަމާ ގުޅިފައި އޮންނަ ކަމެއް ކަމަށް ގަބޫލުކުރާ ކަމަށް ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ބްރެޓް ޕިޓް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފިލްމު ކުޅޭ ވަރަށް ވުރެ މިހާރު މާ ކުސްކުޅިވެއްޖެ ކަމަށާއި އެކްޓިން އަކީ ޒުވާންކަމާ ގުޅިފައި އޮންނަ ކަމެއް ކަމަށް ގަބޫލުކުރާ ކަމަށް ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ބްރެޓް ޕިޓް ބުނެފި އެވެ.

ޖީކިއު އޮސްޓްރޭލިއާ މަޖައްލާގެ އެންމެ ފަހުގެ އަދަދަށް ދިން ކަވާ އިންޓަވިއުއެއްގައި 55 އަހަރުގެ ބަތަލު ބުނީ އޭނާ ފިލްމުތަކުން ފެންނަލެއް ޔަގީނުން ވެސް ދެން މަދުވާނެ ކަމަށެވެ. މި މަހުގެ 26 ގައި ރިލީޒް ކުރާ "ވަންސް އަޕޮން އަ ޓައިމް އިން ހޮލީވުޑް" ގެ އެއް ބަތަލު ކަމަށްވާ ބްރެޑް ޕިޓް ބުނީ މިހާރުވެސް ފިލްމުތަކުން ފެނުން ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ.

"އަދިވެސް އެކްޓް ކުރުން މަދުކުރަން ބޭނުންވަނީ. އެކަމަކު ކެމެރާގެ ފަހަތުގައި މަސައްކަތް ކުރުމަކީ އަހަރެން ވަރަށް ގަޔާވާ ކަމެއް. އެހެންވެ އުފެއްދުންތައް ޕްރޮޑިއުސް ކުރުން ކަހަލަ މަސައްކަތްތަކުގައި އަބަދުވެސް ދެމިހުންނާނަން،" ކުރި ދެ ކައިވެނި ވެސް ރޫޅިފައިވާ ޕިޓް ބުންޏެވެ.

އޭނާ ބުނީ އެކްޓިން މަދުކުރަން ނިންމި ނަމަވެސް އުމުރުން ދުވަސްވީ އެކްޓަރުންނަށް ފުރުސަތުތައް މަދު ނޫން ކަމަށެވެ. އަދި މި ފަހަކަށް އައިސް ޑިޖިޓަލް ކޮންޓެންޓް ވަރަށް ބޮޑަށް ވަރުގަދަވެ، ވެބް ސީރީޒް ކަހަލަ އުފެއްދުންތައް ފެންވަރު ރަނގަޅު އުފެއްދުންތައް އިތުރުވެފައިވާތީ ދުވަސްވީ އެކްޓަރުން ހަވާސާ ނުވާނެ ކަމަށް ބުންޏެވެ.

"އެކަމަކު އަހަންނަށް ހީވަނީ އެކްޓިން އަކީ ޒުވާންކަމާ ވަރަށް ބޮޑަށް ގުޅިފައި އޮންނަ ކަމެއްހެން،" ކާމިޔާބު އެތަައް ފިލްމެއް ކުޅެފައިވާ އެކްޓަރު ބުންޏެވެ. "އެހެންވީމާ އުމުރަށް އަންނަ ބަދަލާ އެކު މީހާގެ ޗޮއިސް އަށް ވެސް ބަދަލު އައުމަކީ ވަރަށް ނެޗްރަލް ކަމެއް. އެއީ އެކަން ވާނެ ގޮތް ވެސް މެ."

ދެހާސް ސާދައިގައި "12 އިޔާޒް އަ ސްލޭވް" ޕްރޮޑިއުސްކޮށްގެން އެންމެ މޮޅު ފިލްމުގެ އޮސްކާ އެވޯޑް އުފުލުމުގެ ޝަރަފު ވެސް ހޯދާފައިވާ ޕިޓް ބުނީ އޭނާގެ އެކްޓިން ކެރިއަރާ މެދު މިހާރު ހުރީ "ކިއުރިއަސްވެފައި" ކަމަށެވެ.

"ޔަގީނުން ވެސް ފިލްމުތަކުން ފެންނަލެއް މަދުވާނެ،" މި އަހަރުގެ ސެޕްޓެމްބަރު 20 ގައި ރިލީޒް ކުރާ "އެޑް އަސްޓްރާ" ގެ ކާސްޓްގައި ހިމެނޭ އެކްޓަރު ބުންޏެވެ. "އެކަމަކު ފިލްމުތަކުން އެއްކޮށް ގެއްލޭނެއެކޭ ބުނާކަށް މި ވަގުތަކު ނުކެރޭނެ."