Roadha Mihaaru
ޓްރާންސްޕޯޓުގެ މާލީ ޒިންމާދާރުވެރިޔާ މައްސަލަ އޭސީސީއަށް

ޓްރާންސްޕޯޓު އޮތޯރިޓީގެ މާލީ ޒިންމާދާރުވެރިޔާގެ މައްސަލަތަކެއް އޭސީސީއަށް

13 އޮކްޓޯބަރ 2020

ޓްރާންސްޕޯޓު އޮތޯރިޓީގެ މާލީ ޒިންމާދާރުވެރިޔާ އަލީ ޒުބެއިރާ ގުޅޭ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޓްރާންސްޕޯޓު އޮތޯރިޓީގެ މާލީ ޒިންމާދާރުވެރިޔާ އަލީ ޒުބެއިރާ ގުޅޭ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

އެ ކޮމިޝަންގެ އިންފޮމޭޝަން އޮފިސަރު ހަސަން މަނިކު މިއަދު ވިދާޅުވީ ޒުބެއިރާ ގުޅޭ މައްސަލަތަކެއް މި މަހުގެ ހަތަރު ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ މިހާރު އޮތީ އިވެލުއޭޝަން މަރުހަލާގަ އެވެ. ތަހުގީގުކުރުމާ މެދު ގޮތެއް ނިންމާނީ އޭގެ ފަހުންނެވެ.

އެ މައްސަލަތަކުގައި، ކުރީގެ ސްޓާ ސިނަމާ އިމާރާތަށް ޓްރާންސްޕޯޓު މިނިސްޓްރީ ބަދަލުވުމުގެ ތެރޭގައި ހިންގި ހަރަދުތަކާއި އެ އޮތޯރިޓީން މީގެ ކުރިން ދުވަހަކު ވެސް ވިޔަފާރީގެ މުއާމަލާތް ހިންގާފައިނުވާ ބަޔަކަށް މާލީ މަންފާތައް ހޯދައިދެމުންދާކަމަށް ތުހުމަތުކޮށްފައިވެ އެވެ. އޭގެ އިތުރުން ރީޖަނަލް އެއާޕޯޓުތަކެއްގައި ބޭނުންކުރަން އާ ބަސްތަކެއްގެ ގޮތުގައި، ގިނަ ދުވަހު ބޭނުންކޮށް ބާވެފައިވާ ދެ ބަސް ގެނައި ކަމަށް ވެސް ހުށަހެޅި މައްސަލައިގައިވެ އެވެ.

ޒުބެއިރުގެ މައްސަލައެއް އޭސީސީ އަށް ހުށަހެޅިއިރު، ރާއްޖޭގެ ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމާ ބެހޭ ގަވާއިދު އުވާލި މައްސަލައިގައި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާގެ މައްސަލައެއް ވެސް އެ ކޮމިޝަނަށް ހުށަހަޅާފައިވެ އެވެ. ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންތަކެއް ހުށަހެޅި މައްސަލައިގައި ބުނެފައިވާ ގޮތުގައި އެ ގަވައިދު އުވާލެއްވީ ބަޔަކަށް ނާޖައިޒު ފައިދާ ހޯދައިދިނުމަށެވެ.

ނަމަވެސް އެކަމާ ގުޅިގެން ނަހުލާ ވިދާޅުވީ ގަވައިދު އުވާލެއްވީ އެ އިސްލާހުކުރުމަށެވެ. އެކަމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ ވެސް ލަފާ ލިބިފައިވާ ކަމަށް ބުންޏެވެ.

މިދިޔަ ޖުލައި 16 ގައި ޓްރާންސްޕޯޓް މިނިސްޓްރީން އާއްމުކޮށް، ދެ މަސް ފަހުން ސެޕްޓެމްބަރު 16 ގައި އުވާލި "ދިވެހިރާއްޖޭގައި ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމާ ބެހޭ ގަވާއިދަކީ" އެކި ނަންނަމުގައި އެޖެންސީތަކުން ފީތައް ނަގާތީ އެކަން ހައްލުކުރުމަށް ހެދި ގަވާއިދެއް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ބުނެފަ އެވެ.