Roadha Mihaaru
ޝިފާގެ މައްސަލަ ދަނީ ދިރާސާކުރަމުން: ޕީޖީ އޮފީސް

މޭޔަރު ޝިފާގެ ކޮރަޕްޝަނާ ގުޅޭ މައްސަލަ ދަނީ ދިރާސާކުރަމުން: ޕީޖީ އޮފީސް

14 އޮކްޓޯބަރ 2020

ލޮނުޒިޔާރަތްކޮޅުގައި ސިޓީ ކައުންސިލުން ޕާކު ތަރައްގީކުރުމުގައި މާލޭގެ މޭޔަރު ޝިފާ މުހައްމަދަށް ތުހުމަތުކުރާ މައްސަލަތަކުގައި ކޮރަޕްޝަންގެ ދައުވާކުރުމުގެ މައްސަލަ އަދި ވެސް ދަނީ ދިރާސާކުރަމުން ކަމަށް، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ލޮނުޒިޔާރަތްކޮޅުގައި ސިޓީ ކައުންސިލުން ޕާކު ތަރައްގީކުރުމުގައި މާލޭގެ މޭޔަރު ޝިފާ މުހައްމަދަށް ތުހުމަތުކުރާ މައްސަލަތަކުގައި ކޮރަޕްޝަންގެ ދައުވާކުރުމުގެ މައްސަލަ އަދި ވެސް ދަނީ ދިރާސާކުރަމުން ކަމަށް، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފި އެވެ.

އެ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިދިޔަ މަހުގެ 29 ގައި ހުށަހެޅި މައްސަލައާ މެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ. އެކަމުގެ ދިރާސާތައް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ޕީޖީ އަށް ހުށަހަޅާ ބައެއް މައްސަލަތަކުގައި ދެ ތިން ދުވަސްތެރޭގައި ވެސް ދައުވާ އުފުލާފައިވެ އެވެ. ނަމަވެސް ދެ ހަފުތާ ވެގެންދިޔައިރު ވެސް ޝިފާގެ މައްސަލައިގައި ދައުވާކުރުމާ މެދު ވަކި ގޮތެއް ނުނިންމަ އެވެ.

އޭސީސީން ބުނީ ލޮނުޒިޔާރަތްކޮޅުގައި ދެ ފާހަނާ ބަރި އާއި ތިން ހަޓާއި ތިން އެންޓްރަންސް ކެނޮފީ އާއި ލައިފްގާޑް ޓަވަރެއް މަރާމާތުކުރުމާއި ގާޑަން ބްރިޖެއް ހަދައި އިންސްޓޯލްކުރުމުގެ މަސައްކަތުގެ ތެރެއިން ދެ ފާހަނާބަރި އަމިން ކޮންސްޓްރަކްޝަން އިން ނިންމާފައިވަނީ ލިޔެކިޔުމެއްނެތި ދެފުށް ފެންނަ އުސޫލަކުން ނޫން ކަމަށެވެ. މިއީ އިއުލާނު ކޮށްގެން، ވާދަވެރި ބީލަމެއްގެ ތެރެއިން ހަވާލުކުރެވެން އޮތް މަސައްކަތެއް ކަމަށް އޭސީސީން ބުނެ އެވެ.

ނަމަވެސް އެންމެ ފުރަތަމަ ވެސް އަމިން ކޮންސްޓްރަކްޝަނުން ކޯޓޭޝަން ހޯދައިގެން، ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުން ފިނޭންސް މިނިސްޓްރީއަށް ހުށަހަޅައިގެން އެކަން ހަވާލުކުރަން މަސައްކަތްކުރި ކަމަށާއި އެ ހުއްދަ ނުދީ، ކައުންސިލްގެ ބިޑް ކޮމިޓީގެ ހުއްދަ އަށް އެދުމަށް އެ މިނިސްޓްރީން އެންގި ކަމަށް ބުންޏެވެ. އެ އަށް ފަހު ތިން ކޯޓޭޝަން ހަމަކޮށް ސިޓީ ކައުންސިލްގެ ބިޑް ކޮމިޓީ އަށް ހުށަހެޅިއަސް އެ ކޮމިޓީއަށާއި ކައުންސިލްގެ މެމްބަރުންނަށް އެންގުމެއް ވެސް ނެތި އެ މަސައްކަތް އަމިން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފައިވާ ކަމަށް އޭސީސީއިން ބުނެ އެވެ.

"ބިޑް ކޮމިޓީން ނުވަތަ މާލެ ސިޓީ ކައުންސިލުން އެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާފައިނުވާކަން ފާހަގަކުރެވިފައިވާއިރު، އަމަލީގޮތުން އެ ބިމުގައި މަސައްކަތް ފެށުމަށް ހުއްދަ ދެވޭނީ ކައުންސިލަށް ނުވަތަ ކައުންސިލްގެ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ކަމަށްވެފައި، އެ ހުއްދަ ދިނީ މޭޔަރު ޝިފާ މުހައްމަދުކަން މި ކޮމިޝަންގެ ތަހުގީގަށް ވަނީ އެނގިފަ އެވެ. އަދި އެކަން ހިނގަމުން ދިޔައިރު މަސައްކަތް ހުއްޓުވުމުގެ ބާރު ލިބި އޮވެ މަސައްކަތް ހުއްޓުވާފައި ނުވާކަން ވެސް ތަހުގީގަށް ފާހަގަކުރެވެ އެވެ،" އޭސީސީން ބުންޏެވެ.

ޕާކު ތަރައްގީކުރުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތުކޮށް އެކަން މީޑިއާގެ ސަމާލުކަމަށް ގެނައީ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ފަޒީނެވެ. އެކަމަކު މި ސަރުކާރުން ހާއްސަ އިސްކަމެއްދީގެން ތަރައްގީކުރި ޕާކުގެ މަސައްކަތުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިނުވާނެ ކަމަށް އޮކްޓޯބަރު 30، 2019 ގައި ޝިފާ ވިދާޅުވި އެވެ.

ކޮރަޕްޝަންގެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ހުށަހެޅުމުން، ޝިފާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މަގާމުގެ ޒިންމާ އަދާކުރައްވަމުން ގެންދަވަނީ ވާދަވެރިންނާއި ހަސަދަވެރިންގެ ދުއްތުރާތަކާއި ސިލްސިލާ ހަމާލަތަކާ އެކުގައި ކަމަށެވެ. އެގޮތަށް ލޮނުޒިޔާރަތްކޮޅު ޕާކާ ގުޅުވައި ކޮށްފައިވާ ކޮރަޕްޝަންގެ ތުހުމަތަކީ މެޔަށް އަމާޒުކޮށްފައިވާ އެއް ހަމަލާ ކަމަށް ވިދާޅުވި އެވެ.

ޝިފާ ވަނީ އެއްވެސް އިރެއްގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވައިފަ އެވެ.

"މައްސަލައިގެ ހުރިހާ މަރުހަލާއެއްގައި ވެސް އަޅުގަނޑުގެ މައުސޫމްކަން ސާބިތުކޮށްދެވޭނެކަމުގެ ޔަގީންކަން ﷲގެ އިރާދަފުޅުން އެބައޮތެވެ،" އޮކްޓޯބަރު 1ގައި ޝިފާ ނެރުއްވި ބަޔާނުގައި ވިދާޅުވި އެވެ.